ENGLISH

04 ސެޕްޓެމްބަރު 2025

Advertisement

ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންނަ މަހު ފަށަނީ

06 އޯގަސްޓު 2025

|

މުޙައްމަދު އަދުހަމް

އެންމެ ފަހުން ކުޅުނު އެފްއޭއެމް ލީގު ކަޕްގެ މެޗެއްގެ ތެރެއިން. ފޮޓޯ: މިހާރު

ދިވެހިރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންނަ ސެޕްޓެންބަރު މަހުގެ ތެރޭގައި ފެށުމަށް ހަމަޖައްސައި، މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ރީޖަނަލް ލީގުގެ ކުޅުން ވެސް އޮކްޓޫބަރު މަހު ފަށާ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ތާވަލުކޮށްފިއެވެ.

އިއްޔެ ބޭއްވި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މިއަހަރުގެ ދެވަނަ ބައްދަލުވުމުގައި ވަނީ، 2025/2026 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުން އަތޮޅު މުބާރާތުން ފެށިގެން، ރީޖަނަލް ލީގުތަކުން ދިވެހި ޕްރިމިއަރ ލީގަށް ޓީމުތައް ޕްރޮމޯޓުވާނެގޮތާއި، އަދި ދިވެހި ޕްރިމިއަރލީގުން ޓީމުތައް ރެލިގޭޓްވާނެ ގޮތުގެ ފުޓްބޯޅައިގެ ލީގުގެ އޮނިގަނޑު ވަނީ ފާސްކޮށްފައެވެ.

އެގޮތުން، އެފްއޭއެމުން ވަނީ އަންނަ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހު ކުޅޭ ޗެރިޓީ ޝީލްޑް މެޗުން މިއަހަރުގެ ފުޓްބޯޅަ ސީޒަން ފަށަން ނިންމާފައެވެ. އަދި، މުޅިއެކު 10 ޓީމު ހިމެނޭގޮތަށް ކުޅުމަށް ހަމަޖެހިފައިވާ ދިވެހި ޕްރިމިއަރ ލީގު އޭގެ ތިން ދުވަސްފަހުން، އަންނަ މަހުގެ 18 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެފްއޭއެމުން ބުނީ، 2025/2026 ސީޒަނުގެ ފުޓްބޯޅަ ސީޒަނުގައި ހިމެނޭ ދިވެހި ޕްރިމިއަރ ލީގު ކުޅޭނީ ދެ ބުރަކަށް ބަހާލައިގެން މުޅިއެކު 90 މެޗު ކަމަށެވެ. އަދި، ސީޒަނުގެ ޕްރިމިއަރ ލީގުގެ ގަދަ ހަ ޓީމަށް ޖެހިގެން އަންނަ 2026/2027 ސީޒަނުގެ ލީގަށް ކޮލިފައިވާނެ ކަމަށާއި، ފުލަށް ދާ ދެ ޓީމު މާލޭ ރީޖަންގެ މާލޭ ލީގަށް (ދެވަނަ ޑިވިޝަނަށް) އިތުރު ކޮލިފިކޭޝަން މުބާރާތަކާ ނުލައި ރެލިގޭޓްވާނެ ކަމަށެވެ.

މިއާއެކު، 2025/2026 ވަނަ އަހަރުގެ ލީގުގެ ހަތްވަނަ އާއި އަށްވަނަ އަށް ދާ ދެ ޓީމު ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަން ބުރުގައި ވާދަކުރަންޖެހޭނެ އެވެ. އެ ބުރުގައި ވާދަކުރާނީ، މި ދެ ޓީމުގެ އިތުރުން އެފްއޭއެމުން އަލަށް އެކުލަވާލި ރީޖަނަލް ލީގުގެ (ނޯތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލޭ ލީގު) ގެ ޗެމްޕިއަން ޓީމުތައް ހިމެނޭގޮތަށް މުޅިއެކު ހަ ޓީމެވެ. މީގެތެރެެއިން، އެންމެ ކުރިހޯދާ ހަތަރު ޓީމެއް ޖެހިގެން އަންނަ 2026/2027 ސީޒަނުގެ ލީގަށް ކޮލިފައިވާނެ އެވެ.

އެފްއޭއެމުން އިއްޔެ އާއްމުކުރި މިފަހަރުގެ ފުޓްބޯޅަ ސީޒަނުގެ ތާވަލުގައިވާގޮތުން، ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގެ ކުޅުން އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް ނިމޭނެ އެވެ. އެއަށްފަހު، އެ މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ފެެށުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 11 ގައެވެ. ލީގުގެ ދެވަނަ ބުރުގެ ކުޅުން އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ނިންމާލުމަށް ވަނީ ތާވަލުކޮށްފައެވެ.

އަދި، އެފްއޭއެމުން 10 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބާއްވާ އަންހެނުންގެ ފުޓްބޯޅަ މުބާރާތް ވެސް އަންނަ ޑިސެންބަރު މަހުގެ ތެރޭގައި ފެށުމަށް ތާވަލުކޮށްފައިވާއިރު، ޖެހިގެން އަންނަ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ކުރީކޮޅު އެފްއޭ ކަޕްގެ ކުޅުން ފެށުމަށް ހަމަޖެހިފައިވެއެވެ. އެއަށްފަހު، އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށްކުޅޭ ޕްރެޒިޑެންޓްސް ކަޕް ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

މީގެއިތުރުން، އެފްއޭއެމުން ވަނީ ދެވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތް އަންނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި ފެށުމަށް ނިންމާ، އަންނަ އަހަރުގެ މެއި މަހު ތިންވަނަ ޑިވިޝަން ކުޅޭ ގޮތަށް ތާވަލުކޮށްފައެވެ. އަދި، އަންނަ އަހަރު އޭއެފްސީ ބީޗް ސޮކާ ކޮލިފިކޭޝަން ބުރުގެ މެޗުތައް އޮތުމާއެކު، އޭޕްރީލް މަހުގެ ތެރޭގައި ބީޗް ސޮކާ މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު