ENGLISH
04 ސެޕްޓެމްބަރު 2025
"ލަބެރަ ބޮޑީބޯޑިންގ ޗެލެންޖް 2025" ފަށައިފި
05 އޯގަސްޓު 2025
|
މިފަހަރުގެ ލަބެރަ ބޮޑީބޯޑިންގ މުބާރާތުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް
މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ ޤައުމީ ބޮޑީބޯޑިންގ ލީގުގެ ދެވަނަ މުބާރާތް ކަމަށްވާ، "ލަބެރަ ބޮޑީބޯޑިންގ ޗެލެންޖް 2025" މިއަދު ފަށައިފި އެވެ.
އެމްބީބީއޭ އިން މި އަހަރު އެންމެ ފުރަތަމަ ނެރުނު ކަލަންޑަރުގައި ލަބެރަ ނެތެވެ. ލަބެރަ މުބާރާތް ބާއްވާ ގޮތަށް ނިންމާފައިވަނީ، އޭރު ކަލަންޑަރުގައި ހިމަނާފައި އޮތް ފުވައްމުލަކު ބޮޑީބޯޑިންގ ޗެލެންޖްގެ ބަދަލުގައެވެ. މިއީ ލަބެރަ ސިރީޒް ކުރިއަށްގެންދާ ހަތަރުވަނަ ފަހަރެވެ.
މި މަހުގެ 5 އިން 8 ގެ ނިޔަލަށް މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ މުބާރާތުގައި ހުރިހާ އިވެންޓަކުން މުޅިއެކު 20 އެތުލީޓުން ވާދަކުރާނެ އެވެ.
އޭގެތެރެއިން، މެންސް އޯޕަން ކެޓަގަރީގައި 19 ބައިވެރިން، ޖޫނިއާ މެންސް ބައިގައި ނުވައެއް އަދި ޑްރޮޕްނީ އިވެންޓްގައި ހަތް އެތުލީޓުން ވަނީ ބައިވެރިވެފައެވެ.
މި ފަހަރުގެ މުބާރާތުގައި މާލެ ސިޓީ އަށް ނިސްބަތްވާ، 9 އެތުލީޓުންނާއި، ލ. ގަމުން ދެ އެތުލީޓުން، ނ. ޅޮހިން ތިން އެތުލީޓުން، ށ. ކަނޑިތީމުން ދެ އެތުލީޓުން، ފުވައްމުލަކު ސިޓީ އާއި، ނ. މާފަރާއި މ. ވޭވަށް އަދި ކ. ދިއްފުށިން އެތުލީޓެއް ވާދަކުރާނެ އެވެ.
މުބާރާތުގެ އިވެންޓްތަކުގެ ހީޓްގެ ލައިވް ސްކޯރިންގ އެމްބީބީއޭގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
އެމްބީބީއޭ އިން ބޭއްވީ ލަބެރަގެ އެންމެ ފަހުގެ ޗެމްޕިއަންކަން އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ހޯދިއިރު، ޑްރޮޕް-ނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ވެސް އޭނާ އެވެ. އަދި ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު އަޒާން އަހުމަދު އެވެ.