ENGLISH
04 ސެޕްޓެމްބަރު 2025
މިރާލް އަށް ފެތުމުގެ ޤައުމީ އިތުރު ތިން ރެކޯޑެއް
04 އޯގަސްޓު 2025
|
މީގެކުރީން ބޭއްވި އިވެންޓެއްގައި މިރާލް ފަތަނީ. ފޮޓޯ: އެމްއޯސީ
ރާއްޖޭގެ ސްވިމިންގ ޓީމުގައި ހިމެނޭ މިރާލް ޢައިން ލަތީފު ފެތުމުގެ ޤައުމީ އިތުރު ތިން ރެކޯޑެއް އާކޮށްފިއެވެ.
ޔޫކޭގައި ކުރިއަށްދިޔަ އޭޕީ ރޭސް: ޕްލިމަތު ސަމަރ އޯޕަން 2025 ގައި މިރާލް ވަނީ، 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ، 50 މީޓަރު ބަޓަރފްލައި އިވެންޓާއި، 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުން ޤައުމީ ރެކޯޑް އާކޮށްފައެވެ.
އެގޮތުން، އަންހެނުންގެ ޝޯޓްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް މިރާލް އާކޮށްފައިވަނީ، 02:37.66 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މި އިވެންޓްގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ އަމްނާ ތަޒްކިޔާ މިރުޞާދު އެވެ. އެއީ، މިދިޔަ އަހަރު ތައިލެންޑްގައި ބޭއްވި އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭއޯއެސްއައި) ޝޯޓްކޯސް (25 މީޓަރު) އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 02.42.67 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މިރާލް ވަނީ، ޔޫކޭގައި ކުރިއަށްދިޔަ ފެތުމުގެ އެ މުބާރާތުގައި އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު ބަޓަރފްލައި އިވެންޓް 00:31.14 އިން ފުރިހަމަކޮށްގެން ޤައުމީ ރެކޯޑް އާކޮށްފައެވެ.
ކުރީން މި ރެކޯޑް އޮންނަނީ ވެސް މިރާލް އަތުގައެވެ. އެއީ، މިދިޔަ އަހަރު ތައިލެންޑްގައި ބޭއްވި އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭއޯއެސްއައި) ޝޯޓްކޯސް (25 މީޓަރު) އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 00:31.41 އިން ރޭސް ނިންމައިގެންނެވެ.
މީގެއިތުރުން، މިރާލް ވަނީ ޔޫކޭގައި ކުރިއަށްދިޔަ އޭޕީ ރޭސް: ޕްލިމަތު ސަމަރ އޯޕަންގައި އަންހެނުންގެ ޝޯޓްކޯސް 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓު 05:43.81 އިން ފުރިހަމަކޮށްގެން ޤައުމީ ރެކޯޑް އާކޮށްފައެވެ.
މީގެކުރީން، މި ރެކޯޑް އެންމެ ފަހުން އާކުރީ ވެސް މިރާލް އެވެ. އެއީ، މިދިޔަ އަހަރު ފަހުކޮޅު ވެލްޝް ކެޕިޓަލް އޯޕަން މީޓްގައި 05:49.59 އިން ރޭސް ނިންމައިގެންނެވެ.