ENGLISH
04 ސެޕްޓެމްބަރު 2025
އެމްޕީ ޝަރީ ކަޕް 2025: ފުޓްސަލް މުބާރާތުގެ ފައިނަލުގައި ގޫޕްސް ސްޕޯޓްސް ކްލަބާއި އާރްބީއެލް ސްޕޯޓްސް ކްލަބް
04 އޯގަސްޓު 2025
|
މުބާރާތުގެ ސެމީގައި ގޫޕްސް ސްޕޯޓްސް ކްލަބާއި އަންގަބޫލަބަލް ޖޫނިއާ ބައްދަލުކުރި މެޗުގެ ތެރެއިން.
ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ޢަބްދުﷲ ޝަރީފްގެ ފަރާތުން އެ ދާއިރާގައި ހިމެނޭ ރަށްތަކަށް ޚާއްޞަކޮށް ބާއްވާ، "އެމްޕީ ޝަރީ ކަޕް 2025" ގެ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގައި އިއްޔެ ކުޅުނު މެޗުތަކަށްފަހު ގޫޕްސް ސްޕޯޓްސް ކްލަބާއި އާރްބީއެލް ސްޕޯޓްސް ކްލަބުން ފައިނަލަށް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި އަންގަބޫލަބަލް އަތުން އާރްބީއެލް ސްޕޯޓްސް ކްލަބު މޮޅުވީ 2-1 އިންނެވެ. މެޗުގައި އާރްބީއެލް އިން ޖެހި ދެ ލަނޑުގެ ތެރެއިން އެއް ގޯލަކީ، އަންގަބޫލަބަލްގެ މުޙައްމަދު ސާމީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ހުސައިން ޝިފާހް އެވެ.
މި މެޗުގައި އަންގަބޫލަބަލް އިން ޖެހި ހަމައެކަނި ލަނޑުޖަހައިދިނީ މުޙައްމަދު ހުޝާމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރްބީއެލްގެ ހުސައިން ޝިފާހް އެވެ.
މި މުބާރާތުގެ އަނެއް ސެމީގައި ގޫޕްސް ސްޕޯޓްސް ކްލަބުން ވަނީ 5-2 އިން އަންގަބޫލަބަލް ޖޫނިއާ ބަލިކޮށްފައެވެ. މެޗުގައި ގޫޕްސް ސްޕޯޓްސް ކްލަބުގެ ޢަބްދުﷲ އިޚުވާން އާއި ޢަބްދުﷲ ވިސާމް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލްޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އާދަމް އިޚުވާން އެވެ.
މުބާރާތުގެ ސެމީގައި އާރްބީއެލްއާ އަންގަބޫލަބަލް ބައްދަލުކުރި މެޗުގެ ތެރެއިން.
މެޗުގައި އަންގަބޫލަބަލް ޖޫނިއާ އިން ޖެހި ދެ ލަނޑު ކާމިޔާބުކޮށްދިނީ އާދަމް އަޒްމީ އާއި މުޙައްމަދު ފައިޒާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޫޕްސް ސްޕޯޓްސް ކްލަބުގެ ޢަބްދުﷲ ވިސާމް އެވެ.
މި މުބާރާތަކީ، ކެލާ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ، ކެލާ އާއި ވަށަފަރު އަދި ފިއްލަދޫ އަށް ނިސްބަތްވާ ފިރިހެން ބޭފުޅުންނަށް ޚާއްޞަކޮށް ކުރިއަށްގެންދާ ފުޓްސަލް މުބާރާތެކެވެ. މުޅި މުބާރާތުގެ އެއްވަނަ ޓީމަށް 50،000ރ. ގެ އަގުހުރި ފައިސާގެ އިނާމެއް ކަނޑައަޅާފައިވާއިރު، ރަނަރަޕް މަގާމަށް ވެސް 20،000ރ. ވަނީ ހުށަހަޅާފައެވެ.
މުބާރާތުގެ ފައިނަލުގައި ގޫޕްސް ސްޕޯޓްސް ކްލަބާއި އާރްބީއެލް ސްޕޯޓްސް ކްލަބު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ. މި މެޗު ފަށާނީ މާދަމާ ރޭގެ 9:30 ގައެވެ.