ENGLISH

02 އޯގަސްޓު 2025

Advertisement

"އެމްޕީ ޝަރީ ކަޕް 2025" ގެ ހޭންޑްބޯޅަ މުބާރާތުގައި އަންގަބޫލަބަލް ދެވަނަ މެޗުން މޮޅުވެއްޖެ

02 އޯގަސްޓު 2025

|

މުޙައްމަދު އަދުހަމް

އަންގަބޫލަބަލްއާ ގޫޕްސް ސްޕޯޓްސް ކްލަބް ކުޅުނު މެޗުގެ ތެރެއިން.

ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ޢަބްދުﷲ ޝަރީފްގެ ފަރާތުން އެ ދާއިރާގައި ހިމެނޭ ރަށްތަކަށް ޚާއްޞަކޮށް ބާއްވާ، "އެމްޕީ ޝަރީ ކަޕް 2025" ގެ ހޭންޑްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗު ކާމިޔާބިކޮށް، އަންގަބޫލަބަލް ދެވަނަ މޮޅު ހޯދައިފިއެވެ.

މި ނަތީޖާއާއެކު، މުބާރާތުގައި ވާދަކުރާ ހަތަރު ޓީމުގެ ތެރެއިން ތިން ޓީމަކަށް އަދިވެސް ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުޞަތު އެބައޮތެވެ. މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އެންމެ ކުރީގައި އުޅެނީ އަންގަބޫލަބަލް އެވެ. އެ ޓީމުން ވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައެވެ.

ކެލާ ޔޫތު ފޯރަމް އާއި ގޫޕްސް ސްޕޯޓްސް ކްލަބު މޮޅުވީ އެއް މެޗުންނެވެ. ފުލުގައި އުޅޭ ސްޕިން ވިޒަޑް ވަނީ ކަޓައިފައެވެ. މުބާރާތުގައި ކޮންމެ ޓީމަކަށް ބާކީ މެޗެއް އެބައޮތެވެ.

ފިއްލަދޫގައި ހުންނަ ގްރައުންޑްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އަންގަބޫލަބަލް ވަނީ 17-10 އިން ގޫޕްސް ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ނުހާ (ވ) އަށް ޝަރަފުވެރި މެހެމާނާ އިނާމުދެނީ. 

މި މެޗުގެ ކުއީން އޮފް ދަ މެޗަށް ހޮވުނީ، އަންގަބޫލަބަލްގެ ގޯލްކީޕަރު، އައިޝަތު ނުހާ އެވެ. އޭނާ ވަނީ އިދިކޮޅު ޓީމުގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

މި މުބާރާތަކީ، ކެލާ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ، ކެލާ އާއި ވަށަފަރު އަދި ފިއްލަދޫ އަށް ނިސްބަތްވާ އަންހެން ބޭފުޅުންނަށް ޚާއްޞަކޮށް ކުރިއަށްގެންދާ ހޭންޑްބޯޅަ މުބާރާތެކެވެ. މުބާރާތުގައި ވާދަކުރާ ހަތަރު ޓީމަކީ، ކެލާ ޔޫތު ފޯރަމް، ގޫޕްސް ސްޕޯޓްސް ކްލަބްގެ އިތުރުން ސްޕިން ވިޒަޑް އަދި އަންގަބޫލަބަލް އެވެ.

މުބާރާތުގައި ވާދަކުރާ ހަތަރު ޓީމުގެ މެދުގައި ކުޅެވޭ ލީގު ބުރަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާނެއެވެ. މުޅި މުބާރާތުގެ އެއްވަނަ ޓީމަށް 50،000ރ. ގެ އަގުހުރި ފައިސާގެ އިނާމެއް ކަނޑައަޅާފައިވާއިރު، ރަނަރަޕް މަގާމަށް ވެސް 20،000ރ. ވަނީ ހުށަހަޅާފައެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސްޕިން ވިޒަޑްއާ ގޫޕްސް ސްޕޯޓްސް ކްލަބެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 4:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު