ENGLISH
02 އޯގަސްޓު 2025
ދުނިޔޭގެ ފެތުމުގެ މުބާރާތުގައި އާން އަށް އިތުރު ޤައުމީ ރެކޯޑެއް
01 އޯގަސްޓު 2025
|
މީގެކުރީން، ބޭއްވި ފެތުމުގެ އިވެންޓެއްގައި އާން ފަތަނީ. --ފޮޓޯ: އެމްއޯސީ
ރާއްޖޭގެ ސްވިމިންގ ޓީމުގައި ހިމެނޭ މުޙައްމަދު އާން ހުސައިން ފެތުމުގެ އިތުރު ޤައުމީ ރެކޯޑެއް އާކޮށްފިއެވެ.
މިއީ މި ފަހަރުގެ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފެތުންތެރިން ފެތުމުގެ ޤައުމީ ރެކޯޑެއް އާކުރި ހަތްވަނަ ފަހަރެވެ.
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ އާން ވަނީ، ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް އާކޮށްފައެވެ.
އާން މި ރެކޯޑް އާކޮށްފައިވަނީ، 00:23.81 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ކުރީން މި ރެކޯޑް އޮންނަނީ ވެސް އާން އަތުގައެވެ. އެއީ، މިދިޔަ އަހަރު ޕެރިހުގައި ބޭއްވީ ޕެރިސް 2024 އޮލިމްޕިކް ގޭމްސްގައި 00:24.22 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ފެތުމުގެ މުބާރާތުގައި އާން ވަނީ، ފިރިހެނުންގެ ލޯންގކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުން ވެސް ޤައުމީ ރެކޯޑެއް އާކޮށްފައެވެ.
މި ފަހަރުގެ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ދިވެހި ފެތުންތެރިން ވާދަކުރާ ފެތުމުގެ އިވެންޓްތައް ކުރިއަށްދާނީ ޖުލައި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 3 ވަނަ ދުވަހާ ހަމައަށެވެ.
ބައިނަލްއަޤްވާމީ މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ހުނަރުވެރި ފެތުންތެރިންނަކީ؛ އާންގެ އިތުރުން އަމްނާ ތަޒްކިޔާ މިރުޞާދު، މިރާލް ޢައިން ލަތީފު އަދި މުޙައްމަދު ރިހާން ޝިހާމް އެވެ.