ENGLISH
02 އޯގަސްޓު 2025
އެމްޕީ ޝަރީ ކަޕް 2025: މުބާރާތުގެ ގްރޫޕް އޭގެ އެއްވަނަ އަށް އަންގަބޫލަބަލް
01 އޯގަސްޓު 2025
|
"އެމްޕީ ޝަރީ ކަޕް 2025" ގެ ފުޓްސަލް މުބާރާތުގައި އަންގަބޫލަބަލްގެ ދެ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން.
ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ޢަބްދުﷲ ޝަރީފްގެ ފަރާތުން އެ ދާއިރާގައި ހިމެނޭ ރަށްތަކަށް ޚާއްޞަކޮށް ބާއްވާ، "އެމްޕީ ޝަރީ ކަޕް 2025" ގެ ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށްފަހު ގްރޫޕް އޭގެ އެއްވަނަ މަގާމު އަންގަބޫލަބަލް ޓީމު ހޯދައިފިއެވެ.
އެ ޓީމު ވަނީ މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައެވެ.
ފިއްލަދޫ ފުޓްސަލް ގްރައުންޑްގައި ކުޅުނު މެޗުން އަންގަބޫލަބަލް ޓީމު ވަނީ އަންގަބޫލަބަލް ޖޫނިއާ އަތުން 10-1 އިން މޮޅުވެފައެވެ.
މި މެޗުގައި އަންގަބޫލަބަލް ޓީމުން ޖެހި 10 ލަނޑުގެ ތެރެއިން ތިން ގޯލްޖަހައިދީ އަބްދުއްސަލާމް ވަނީ ހެޓްރިކެއް ހަދައިފައެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ މުޙައްމަދު ހުޝާމް އާއި މުޙައްމަދު ޒިދާން ޒުހުރީ، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި، އިބްރާހިމް ފަޒީލް، މުޙައްމަދު ޔާމިން އަދި މުޙައްމަދު ސާމީ އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަންގަބޫލަބަލްގެ އަބްދުއްސަލާމް (ވ) އަށް ޝަރަފުވެރި މެހެމާނާ އިނާމު ހަވާލުކުރަނީ.
އަންގަބޫލަބަލް ޖޫނިއާގެ ހަމައެކަނި ލަނޑުޖެހީ އާދަމް އަޒްމީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަންގަބޫލަބަލް ޓީމުގެ އަބްދުއްސަލާމް އެވެ.
މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ޔުނިޓީ ސްޕޯޓްސް ކްލަބުގެ މައްޗަށް ކެލާ ޔޫތު ފޯރަމް ކުރިހޯދީ 6-0 އިންނެވެ. މެޗުގައި ކެލާ ޔޫތު ފޯރަމްގެ މުއައްވަޒު ޢަބްދުﷲ އާއި އަލީ ނާޝިދު، ކޮންމެ ކުޅުންތެރިއަކު ދެ ގޯލްޖެހިއިރު، އަނެއް ލަނޑުތައް ޖަހައިދިނީ މުޙައްމަދު ސުއާދު އާއި ޢަބްދުﷲ ޒިޔާޢު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކެލާ ޔޫތު ފޯރަމްގެ އަލީ ނާޝިދު އެވެ.
މި ނަތީޖާއާއެކު، އަންގަބޫލަބަލްގެ ދެ ޓީމު ވަނީ މި ގްރޫޕުން ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އެގޮތުން، އަންގަބޫލަބަލް ޓީމު ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ތިން މެޗުން ނުވަ ޕޮއިންޓް ހޯދިއިރު، އަންގަބޫލަބަލް ޖޫނިއާ ވަނީ ދެ މެޗު ކާމިޔާބުކޮށް، ހަ ޕޮއިންޓް ހަމަކޮށްފައެވެ.
މުބާރާތުގައި ކެލާ ޔޫތު ފޯރަމްއާ ޔުނިޓީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން.
މި މުބާރާތަކީ، ކެލާ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ، ކެލާ، ވަށަފަރު އަދި ފިއްލަދޫ އަށް ނިސްބަތްވާ ފިރިހެން ބޭފުޅުންނަށް ޚާއްޞަކޮށް ކުރިއަށްގެންދާ ފުޓްސަލް މުބާރާތެކެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތައް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނަ އާއި ދެވަނަ މަގާމު ހޯދާ ޓީމު ސެމީ އަށް ދަތުރުކުރާނެ އެވެ. އެއަށްފަހު، ސެމީގެ ދެ މެޗު ކާމިޔާބުކުރާ ޓީމުތައް ފައިނަލަށް ދަތުރުކުރާނެ އެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 5 ވާ އަންގާރަ ދުވަހުގެ ރޭ 9:30 ގައެވެ.