ENGLISH
03 ސެޕްޓެމްބަރު 2025
އެމްޕީއެލްގެ ކާގޯ އޮޕަރޭޝަން ފަށައި 5،000 އާ ގާތްކުރާ އަދަދަކަށް ފިޔާ ބަސްތާ ބޯޓުތަކުން ބާލައިފި
30 ޖުލައި 2025
|
މުދާ ޝިޕްމެންޓެއް ބަނދަރުން ނެރެނީ، ފޮޓޯ: އަވަސް
މޫސުން ގޯސްވުމުގެ ސަބަބުން ހުއްޓިފައި އޮތް އެމްޕީއެލްގެ ކާގޯ އޮޕަރޭޝަންތައް ފަށައި އިއްޔެއާއި ރޭ ޖުމްލަ 5،000 އާ ގާތްކުރާ އަދަދަކަށް ފިޔާ ބަސްތާ ބޯޓުތަކުން ބާލާފައިވާކަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި ބޯޓުތަކުން މުދާ ބޭލުން މެދުކެނޑި ލަސްވީ އިއްޔެ މޫސުން ގޯސްވެ ވަރަށް ބޯކޮށް ވިއްސާރަވެހި ކަނޑު ގަދަވުމުގެ ސަބަބުންނެވެ. ގަދަވައާއެކު ކުރި ވިއްސާރައިގެ ސަބަބުން އޮޕަރޭޝަންތައް ލަސްވި ނަމަވެސް އިއްޔައާއި ރޭ އެ ކުންފުނިންވަނީ ބޯޓުތަކުން މުދާ ބޭލުމުގެ މަސައްކަތް ކޮށްފައެވެ.
އެ ކުންފުނީގެ މީޑިޔާ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި އިއްޔެއާއި ރޭ ކުރި މަސައްކަތުން ޖުމްލަ 4،720 ބަސްތާ ފިޔަައި ބޯޓުތަކުން ބާލާފައިވެއެވެ.
އަދި މިއަދުވެސް ބޯޓުތަކުން މުދާ ބޭލުމުގެ މަސައްކަތް ކުރާނެ ކަމަށާއި، އެގޮތުން މިއަދު ގާތްގަނޑަކަށް 3،840 ބަސްތާ ފިޔައި ބަނދަރަށް ބޭލޭނެ ކަމަށް ބެލެވޭ ކަމުގައި އެމްޕީއެލްއިން ބުނެފައިވެއެވެ.
ފިޔާ ލިބުމުގައި ކުރިމަތިވި ދަތިތަކާއެކު ބާޒާރުގައި ފިޔާގެ އަގު އުފުލެއް ފެށުމާއެކު ދައުލަތުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިންވަނީ ފިޔަައި ޝިޕްމެންޓެއް ވަރަށް އަވަހަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައެވެ.
އެ ކުންފުނީގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ މޫސުން ގޯސްވެ، ކޮންމެ ހަފުތާއަކު ގެންނަމުން އައި ފިޔާ ސަޕްލައި ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން މިވަގުތު މާލޭގެ ބަނދަރުގައި ހުރި ބައެއް ބައެއް ބޯޓުތަކުން ވެސް ސްޓޮކް ބޭލުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ އެހެން ކަމުން މި ޝޯޓޭޖަށް ހައްލު ގެނައުމަށްޓަކައި އެ ކުންފުނިން ފިޔާ ޝިޕްމަންޓެއް ގެނައުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
އެސްޓީއޯގެ ރޯލަކީ ވިޔަފާރިވެރިންނަށް ދަތިވާ ދުވަސްކޮޅެއްގަ، މާކެޓަށް އަންނަ ބަދަލުތަކާއެކު ބައެއްފަހަރު އަގު ކުޑަކުރަން އެހީވުމާ ތަކެތި މަދުވާފަހަރުތަކުގައި، މުދާ ބާޒަރަށް ވާސިލުވުމުގައި މައްސަލައެއް އުޅޭނަމަ އެކަމެއް ހައްލުކުރުން ކަމަށް މީގެ ކުރިން ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
ފިޔާގެ އިތުރުން ލޮނުމެދާއި ލުނބޯ، ބިސް، މިރުސް އަދި އަލުވި ފަދަ ބާވަތްތައް ވެސް، މީގެ ކުރިން ދަތިވާ ދަނޑިވަޅުތަކުގައި އެސްޓީއޯ އިން ބާޒާރަށް ނެރެފައިވެ އެވެ.