ENGLISH
03 ސެޕްޓެމްބަރު 2025
މި އަހަރުގެ މިހާތަނަށް ބީއެމްއެލްއަށް ބިލިއަނަކަށްވުރެ ބޮޑު ފައިދާއެއް
29 ޖުލައި 2025
|
ބޭންކް އޮފް މޯލްޑިވްސްގެ އާމްދަނީއާއި ފައިދާވެސް މި އަހަރުވަނީ އިތުރުވެފައި، ފޮޓޯ: ބީއެމްއެލް
މި އަހަރުގެ ފުރަތަމަ ދެ ކުއާޓާ ނިމުނުއިރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ފައިދާއެއް ލިބިފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.
ކޮންމެ ކުއާޓާއެއްގައި ބީއެމްއެލްއިން އާއްމުކުރާ މާލީ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ދެވަނަ ކުއާޓާގައި ބީއެމްއެލްއަށް އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބުނެވެ. އަދި އަހަރުގެ ފުރަތަމަ ކުއާޓާގައިވެސް 1.3 ބިލިއަން ރުފިޔާ ލިބުނެވެ. އެހެންކަމުން ޖުމްލަކޮށް ދެ ކުއާޓާގައި 2.6 ބިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނެވެ.
ބޭންކުގެ އާމްދަނީގެ ތެރެއިން އިންޓަރެސްޓުގެ އާމްދަނީގެ ގޮތުގައި ދެވަނަ ކުއާޓާގައި 818.5 މިލިއަން ރުފިޔާ ލިބުނެވެ. އަދި ފީތަކާއި ކޮމިޝަނުގެ އާމްދަނީގެ ގޮތުގައި 305.1 މިލިއަން ރުފިޔާ ލިބުނެވެ. އަދި ކުންފުނީގެ ހަރަދުތަކަށްފަހު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ 764 މިލިއަން ރުފިޔާއެވެ. ދެވަނަ ކުއާޓާގައި 206 މިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ބޭންކުން ދައްކާފައިވެއެވެ.
މި ހުރިހާ ހަރަދުތަކަށްފަހު މި އަހަރުގެ ދެވަނަ ކުއާޓާގައި 558 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ބީއެމްއެލްއަށް ލިބުނެވެ. ފުރަތަމަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 497 މިލިއަން ރުފިޔާއާއެކު މި އަހަރު އެއް ބިލިއަނަށްވުރެ ބޮޑު އާމްދަނީއެއް ލިބުނެވެ.
ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނީ 493 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އަދި ދެވަނަަ ކުއާޓާގައި ލިބުނީ 448 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
އެހެންކަމުން ނިމުނު އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި ލިބުނު ފައިދާއަށްވުރެ މި އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި ބީއެމްއެލްއަށް ލިބުނު ފައިދާވަނީ 12.1 އިންސައްތައިން އިތުރުވެފައެވެ.