ENGLISH
10 ސެޕްޓެމްބަރު 2025
ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް މުޅިން އަލަށް އުފައްދައި ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްފި
26 ޖުލައި 2025
|
ސެންޓްރަލް ކޮމިއުނިޓީ ކޮމާންޑް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ކަރެކްޝަންސް
ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ "ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް" ބުރާސްފަތި ދުވަހުގެ ރޭ ހުޅުވައިފިއެވެ.
ރާއްޖޭގައި މުޅިން އަލަށް ފެށި އެ ޚިދުމަތާއެކު ޖަލުތަކުގެ ސީސީޓީވީ މޮނިޓަރިން ކުރިއަށްގެންދާނެއެވެ. ސެންޓްރަލް ސެކިއުރިޓި ކޮމާންޑް ހުޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙުސާންއެވެ.
އަލަށް ފެށި ކޮމާންޑުގެ މައިގަނޑު މަސްއޫލިއްޔަތަކީ ޖަލުތަކުގެ ސެކިއުރިޓީ ކަންތައްތައް ސެންޓްރަލައިޒްކޮށް މޮނީޓަރ ކުރުމާއި ސެކިއުރިޓީ ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް، އެކަންކަން ތަންފީޛުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުންކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.
ހުޅުމާލޭ ޖަލުގައި އަލަށް ހަދާ ހެޑް އޮފީހުގެ އިމާރާތުގައި ޤާއިމުކުރި ސެންޓްރަލް ސެކިއުރިޓީ ކޮމާންޑްގެ އޮފީހުގައި އެ ސަރވިސްގެ ހުރިހާ ޖަލެއްގެ ސީސީޓީވީތައް 24 ގަޑިއިރު މޮނީޓަރ ކުރެވޭ ރޫމެއް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން ސީސީޓީވީ ވީޑިއޯ ފުޓޭޖް ސްޓޯރކުރުމަށާއި ވީޑިއޯ އެނަލައިޒްކުރުމަށް ބޭނުންކުރާނީ ބޭނުންކުރަނީ އެކަމަށް ޚާއްސަ ޓެކްނޮލޮޖީއެކެވެ. މި ނިޒާމަކީ ގިނަ ކެމެރާތަކެއްގެ ފުޓޭޖް ދިގު މުއްދަތަށް ރައްކާކޮށް، ބޭނުންވާ ފުޓޭޖް ފަސޭހަ އިން ހޯދާލެވޭ ނިޒާމެއްކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ.
ކަރެކްޝަންސްގެ އަމާޒަކީ މުސްތަގްބަލްގައި އެ ސިސްޓަމްއަށް AI އިންޓަރގުރޭޓް ކުރުމުގެ މަސައްކަތް ކުރުމެވެ.
މިފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސަބަބުން ޖަލުތަކުގެ ސެކިއުރިޓީ ކުރިއަށްވުރެއް ހަރުދަނާވެ، ޖަލަށް މަނާތަކެތި ވެއްދުން މަދުވެ، ޖަލުތަކުގައި ހިނގާފާނެ ހާދިސާތައް މަދުވެގެންދާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި ހާދިސާއެއް ހިނގައިފިނަމަ، އެކަމަށް އަވަހަށް އެޓެންޑްކުރެވުމާއި އޮފިސަރުން ޒިންމާއުފުލުމުގައި މިހާރަށްވުރެއް ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން ފަދަ ކަންތައްތައް ވެސް ރަނގަޅު ވެގެންދާނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފައިވެއެވެ.