ENGLISH
10 ސެޕްޓެމްބަރު 2025
މިނިވަން ދުވަސް ބުނެދޭ މުހިންމު ވާހަކައެއް!
26 ޖުލައި 2025
|
އިނގިރޭސީންގެ ހިމާޔަތުން މިނިވަންވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން
މިއަދަކީ އަޅުގަނޑުމެންގެ ފަޚުރުވެރި މިނިވަން ދުވަހެވެ. އާދެ، އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި އޮތުމަށްފަހު ފުރިހަމަ މިނިވަން މުސްތަޤިއްލު ޤައުމަކަށް ރާއްޖެ ވީތާ 60 އަހަރު ފުރޭ އުފާވެރި މުނާސަބަތެވެ.
މިފަދަ ކޮންމެ މުނާސަބަތެއްގައި އަޅުގަނޑުމެން ހަނދާންކުރަންޖެހޭ މުހިންމު ހަގީގަތްތަކެއް ވެއެވެ. އެއްކަމަކީ ރާއްޖެއަކީ މީގެ ހަތަރުހާސް އަހަރުގެ ކުރިއްސުރެ މިތަނުގައި މިނިވަން މުސްތަޤިއްލު ހަޟާރަތެއްގެގޮތުގައި އޮތް ރާއްޖެއެއްކަމެވެ. މިއީ ދުނިޔޭގެ ޒަމާންވީ ޤައުމުތަކުގެ ތާރީޚުން ފެންނާން އޮތް ހަގީގަތެކެވެ. މިދިގު ޒަމާނުގައި ދިވެހިންނާ ދެކޮޅަށް ނުކުމެ ގަދަވެ، ދިވެހިން އަޅުވެތިކުރެވުނު ހަމަ އެއްވެސް ބާރެއް ދުނިޔެއަކު ނުވެއެވެ. ރާއްޖޭގެ މިނިވަން ގެއްލުނު މަދު ފަހަރުތަކުގައިވެސް އެކަންވެފައި އޮތީ ދިވެހިންގެ ޚާއިނުންގެ ބަޔަކު އަޑީގައި ތިބެގެން ބޭރުގެ މީހުން މިތަނަށް ގެނައީމައެވެ.
ތާރީޚުން ސާފުކޮށް ފެންނަން އޮތް ގޮތުގައި ބައެއްގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކީ ދިވެހިންގެ ތެރެއިން ބަޔަކު ޤައުމަށް ޣައްދާރުވުމުގެ ސަބަބުން އަޅުވެތިކަމަށްދިޔަ ފަހަރެކެވެ. 1887 ވަނަ އަހަރު އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދާންޖެހުނީވެސް އެފަދަ ގޮތަކަށެވެ. ދިވެހިންގެ މެދުގައިއޮތް ދެކޮޅުވެރިކަމެއްގެ ސަބަބުންނެވެ. ދާޚިލީ ހަމަނުޖެހުމެއްގެ ސަބަބުން ދިވެހިންގެ އަމިއްލަ ކަންކަން ދިވެހިންނަށް ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ދިއުމުންނެވެ.
ތާރީޚީ ޢިލްމުވެރިޔާ އަޙްމަދު ޝާކިރު (ކަށިމާ ޝާކިރު) ވިދާޅުވާ ގޮތުގައި 1800ގެ ފަހުކޮޅު ރާއްޖެގައި އޮތް އެންމެ ނުފޫޒުގަދަ ދެ ޢާއިލާކަމަށްވާ ކަކާގޭ ޢާއިލާއާއި އަތިރީގޭ ޢާއިލާގެ ކޯޅުމަކީ މިނިވަންކަން ގެއްލޭން މެދުވެރިވި ސަބަބެކެވެ. މި ދެ ޢާއިލާގެ ދެމެދުގައި ކޯޅުންތަކެއް ހިނގަން މެދުވެރިވި ސަބަބަކީ ވެރިކަން ކުރަމުންދިޔަ ރަސްކަލުންނާ ގާތްގުޅުމެއް ބާއްވާ، ރާއްޖޭގެ ބޮޑުވަޒީރުކަން ހޯދަން އޮތް ވާދަވެރިކަމުގެ ސަބަބުންނެވެ. އެދުވަސްވަރު ރާއްޖޭގެ ބޮޑުވަޒީރުކަން ދެއްވަނީ ރަސްގެފާނާ އެންމެ ގާތް އަދި ރަސްގެފާނު އެންމެ އިތުބާރުކުރައްވާ ބޭފުޅަކަށެވެ. މި ވާދަވެރިކަމުގެ ތެރެއިން ދެ ޢާއިލާގެ ދެމެދުގައި އޮތް ކޯޅުންތައް ބޮޑުވެ، އޭރު މާލޭގައިހުރި ގެތަކާއި ވިޔަފާރިވެރިންގެ ފިހާރަތަކުގައި އަލިފާން ރޯވި ހާދިސާއެއް ހިނގިކަމަށް ޝާކިރު ވިދާޅުވެފައިވެއެވެ.
މި ހާދިސާގައި ވާނުވާނޭނގި ކުއްލިއަކަށް ކޮންމެވެސް ތަނެއްގައި ރޯވެއެވެ. އެއްވެސް މީހަކަށް ރޯކޮށްލީ ކޮންބައެއްކަމެއް ނުވަތަ ކާކު ކަމެއް ނޭނގެއެވެ. މި ބިރުވެރި ހާދިސާއަށް އެ ދުވަސްވަރު ދިވެހިން ދިން ނަމަކީ ބޮޑުހުޅުގެ ހާދިސާއެވެ.
ކޮންމެއަކަސް ރޯކޮށްލި މީހުން ހޯދުމަށް އޭރުގެ ރަދުން ތަޙުޤީޤެއް ފެއްޓެވިއެވެ. ތަޙުޤީޤަށްފަހު ރޯކޮށްލިކަމަށް ސާބިތުވީ އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އިސްކޮށް ހުންނަވައިގެން އޭނާއަށް ތާއީދުކުރާ ގުރޫޕަކުންނެވެ.
ބޮޑުހުޅުގެ ހާދިސާ ހިނގައިދިޔަ ދުވަސްވަރު، އިންޑިޔާއަށް ނިސްބަތްވާ ބަޔަކު ރާއްޖޭގައި ތިބެ ވިޔަފާރިކުރަމުން ދިޔައެވެ. އެއީ ވޯރާ ވިޔަފާރިވެރިންނެވެ. އެހެންނަމަވެސް ޤާނޫނީގޮތުން އޭރުގެ ޙާލަތަށް ބަލާއިރު އެއީ އިނގިރޭސި ރައްޔިތުންނެވެ. ސަބަބަކީ އޭރު އިންޑިއާ އޮތީ އިނގިރޭސީންގެ ކޮލޮނީއެއްގެގޮތުގައި ކަމަށްވުމެވެ. ވޯރާއިންނަކީ މާލޭގައި ވިޔާފާރިގެ ހަދައިގެން ދާއިމީ ގޮތެއްގައި ވިޔަފާރި ކުރަމުންދިޔަ ބައެކެވެ. ބޮޑުހުޅުގެ ހާދިސާގައި މި މީހުންގެ ވިޔަފާރިކުރާ ތަންތަނުގައިވެސް ރޯވިއެވެ.
އެ ދުވަސްވަރަކީ އިނގިރޭސީން ދުނިޔެ އަތްގަދަކޮށްފައިވާ ދުވަސްވަރެއްކަމުން ވޯރާ ވިޔަފާރިވެރިންނަށްވެސް ހިމާޔަތް ދެނުމުގެ ނަމުގައި އިނގިރޭސީން ރާއްޖޭއަށް ވަނެވެ.
ކަށިމާ ޝާކިރު ވިދާޅުވާގޮތުން ބޮޑުހުޅުގެ ހާދިސާއާ ގުޅިގެން އަތިރީގެ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަރުވާލެވުމާއެކު، އޭނާގެ ދަރިކަލުން އަޙްމަދު ދޮށިމޭނާ ކިލެގެފާނު، ސްރީ ލަންކާގައި އޭރު ތިބި އިނގިރޭސީންގެ ގާތުގައި ރާއްޖޭގެ ދާޚިލީ ކަންކަން ރަނގަޅުނޫންކަމުގެ ވާހަކަތަކެއްވެސް ދެއްކިއެވެ. މި ވާހަކަތަކުގެ ސަބަބުން އިނގިރޭސީން، އެމީހުންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ގެންނަން ބޭނުންވިއެވެ. ސަބަބެއްކަމަށް ކަށިމާ ވިދާޅުވަނީ ރާއްޖޭގެ ދާޚިލީ ކަންކަން މިފަދައިން ބޮއްސުންލައިގެންދާނަމަ އިނގިރޭސީންނޫން އެހެން އިސްތިޢުމާރީ ބާރެއްގެ ހިމާޔަތް ރާއްޖެއިން ހޯދަފާނެކަމަށް އިނގިރޭސީންނަށް ޤަބޫލުކުރެވުމެވެ.
މިހެންވެ 1887 ވަނަ އަހަރު ދިވެހިރާއްޖެ، އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ގެންދިއުމަށް އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމާއެކު އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށް ރާއްޖެ ދިޔައެވެ.
އިނގިރޭސީންގެ ޙިމާޔަތް ރާއްޖެއިން ހޯދި ނަމަވެސް، ދާޚިލީ ކަންކަމާ އިނގިރޭސީން ނުބެހޭވެނެކަމަށް ޙިމާޔަތުގެ އެއްބަސްވުމުގައި ބުނެފައިވެއެވެ. ނަމަވެސް ފަހުން ކަންކަން ހިނގާދިޔައީ އެހެނަކުން ނޫނެވެ. މިނިވަންކަމުގެ އެއްބަސްވުމަށް ދާން ވާހަކަތައް ފެށުނީވެސް އިނގިރޭސީން ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހެން ފެށުމުންނެވެ.
1939 ވަނަ އަހަރުން ފެށިގެން 1945 ވަނަ އަހަރާ ހަމައަށް ދެމިގެންދިޔަ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އައްޑޫ އަތޮޅުގައި އިނގިރޭސީން ތިއްބެވެ. އައްޑޫ އަތޮޅުގައި އޭރު އިނގިރޭސިން ތިބީ ރާއްޖެ ހިމާޔަތްކުރަންކަމަށް ބުނެއެވެ. މައްސަލަ ގޯސްވި ހިސާބަކީ ބޮޑުހަނގުރާމަ ނިމި ދެވަނަ ފަހަރަށް އިނގިރޭސީން އައްޑޫ އަތޮޅަށް އައި ހިސާބުންނެވެ. މިފަހަރު އިނގިރޭސީން އައްޑޫ އަތޮޅަށް އަންނަން ޖެހުނީ އޭރު ރާއްޖޭގެ ބޮޑުވަޒީރުކަމުގައި ހުންނެވި އިބްރާހީމް ފާމުލަދޭރި ކިލެގެފާނު، އައްޑޫ އަތޮޅުގެ ބިމެއް 100 އަހަރަށް އިނގިރޭސީންނަށް ކުއްޔަށް ދޭން ނިންމުމުންނެވެ.
ސްރީ ލަންކާގައި ހުންނަވައިގެން ނުރަސްމީ އެއްބަސްވުމެއް އެކުލަވާލާ ފާމުލަދޭރި ކިލެގެފާނު ބިމެއް ކުއްޔަށް ދޭން ނިންމެވީ، ތަޚުތުގައި އިންނެވި އައްސުލްޠާން މުޙައްމަދު ފަރީދު ދީދީއަށާއި ދިވެހި ސަރުކާރަށް ނޭނގިއެވެ. މި މައްސަލައާ ގުޅިގެން ފާމުލަދޭރި ކިލެގެފާނު ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވިއެވެ. ދެން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވީ ސުމުއްވުލްޢަމީރު، އިބްރާހީމް ނާޞިރު ރަންނަބަޑޭރިކިލެގެފާނެވެ.
ނާޞިރުގެ ބޮޑުވަޒީރުކަމުގައި ފުވައްމުލައް އަތޮޅާއި ހުވަދު އަތޮޅާއި އައްޑު އަތޮޅު ގުޅިގެން ދިވެހި ސަރުކާރާ ވަކިން ދައުލަތެއް އުފެއްދިއެވެ. މި ދައުލަތަށް ދިން ނަމަކީ އެކުވެރި ސުވާދީބު ޖުމްހޫރިއްޔާއެވެ. މި ދައުލަތުގެ ވެރިއަކަށް ނުވަތަ ރައީސްކަމަށް އިސްކުރެވުނީ އައްޑޫ އަތޮޅު ހިތަދުއަށް އުފަން ޢަބްދުﷲ ޢަފީފެވެ. މި ދައުލަތް އުފެއްދުމުގެ އަޑީގައި އޭރު ދެކުނަށް ފައިބައިގެން ތިބި އިނގިރޭސީންގެ ބޮޑުދައުރެއް އޮތްކަމަށް ދިވެހި ތާރީޚު ޢިލްމުވެރިން ވިދާޅުވެއެވެ.
ކޮންމެއަކަސް ނާޞިރު އިސްވެހުރެ ކުރެއްވި މަސައްކަތްޕުޅުން ސުވާދީބު ދައުލަތުގެ ބާރު ކަނޑުވާލާ އެ ތިން އަތޮޅު ދިވެހި ސަރުކާރުގެ ބާރުގެ ދަށަށް 1963 ވަނަ އަހަރު ގެންނެވިއެވެ. މިކަމާ ގުޅިގެން އިނގިރޭސީން ޢަބްދުﷲ ޢަފީފު ހިމާޔަތްކުރުމަށްކަމަށްބުނެ ސީޝެލްސްއަށް ގެންދިޔައެވެ. ޢަފީފް ސީޝެލްސްއަށް ގެންދިޔައީ ދިވެހި ސަރުކާރަށް އެނގުމެއް ނެތިއެވެ.
މިނިވަންކަމުގެ އެއްބަސްވުމަކާ ހަމައަށް ދިއުމަށް ރަސްމީގޮތުން ވާހަކަތައް ދެކެވެން ފެށީ މިހާހިސާބުންނެވެ.
ކޮންމެއަކަސް މި ވާހަކަތަކުގެ ތެރެއިން ރާއްޖެއަށް މިނިވަންކަން ދިނުމަށް އިނގިރޭސި ސަރުކާރުން އެއްބަސްވިއެވެ. މިނިވަންކަމުގެ އެއްބަސްވުމެއްގައި 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ސޮއި ކުރެވުނެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިނގިރޭސި ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މައިކަލް ވޯކަރއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ނެއްޓި، ރަސްމީ ގޮތުން ރާއްޖެ މިނިވަންވިއެވެ.
މި އުފާވެރި ޒިކުރާ މިއަދު އާކުރާއިރު މިއަދު އަޅުގަނޑުމެން ލިބިގަންނަންވި ފިލާވަޅުތައް ވަރަށް ގިނައެވެ. މިއަދުވެސް އަޅުގަނޑުމެންގެ ޤައުމުގައި އޮތް ސިޔާސީ ދެކޮޅުވެރިކަމާއި ހަސަދައިގެ ސަބަބުން ޤައުމަށް ލިބޭނެ ގެއްލުން ބޮޑުކަމެވެ. ބޭރުގެ ބަޔަކު ދިވެހިންނަށް ހެވެއް ނޭނދޭނެކަމެވެ. ދިވެހީންނަށް ހެޔޮއެދޭނީ ދިވެހީންކަމެވެ. ޒަމާނީ ޑިމޮކްރަސީއާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހިތުހުރިހާކަމެއް ކުރުމަކީ މާދަމާގެ ސިޔާސީ ލިޑަރުން ވެރިކަންކުރައްވަން މި ރާއްޖެ މިހެން ނެތިދާނެފަދަ ނުރައްކާތެރި ޙާލަތެއް މެދުވެރިދާނެކަމެއްކަން ދަންނަން އެބަޖެހެއެވެ.
ނިންމާލަމުން ހިތަށްއަރަނީ އިހަށްދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވި މުހިންމު ބަސްފުޅެކެވެ. އެމަނިކުފާނު ވިދާޅުވިއެވެ. "ސިޔާސީ އޮއިވަރަކީ ޤައުމީ ލޯބީގެ ކުރިމަތީގައި އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން. ދިވެހިން އިސްކުރަންވީ ދިވެހިވަންތަކަން، އިސްލާމް ދީން، ދިވެހި ބަސް، އަމިއްލަވަންތަކަމާއި ޤައުމިއްޔަތު. އެކަން އިސްކޮށްގެން ނޫނީ، ކިތައްމެ މަގެއް، ބަނދަރެއް، ހޮސްޕިޓަލެއް އެޅިޔަސް، މި ބޭނުންވާ ބަދަލު ނުފެންނާނެ." މިއީ މިއަދު އަޅުގަނޑުމެން ކޮންމެ ދިވެއްސަކު ދަސްކުރަންވީ އަގުހުރި ފިލާވަޅެކެވެ.