ENGLISH
10 ސެޕްޓެމްބަރު 2025
ބޮޑުވަޒީރު މޯދީ، ނައިބު ރައީސްއާ ބައްދަލުކުރައްވައި މުހިއްމު މަޝްވަރާތަކެއް ކުރައްވައިފި
26 ޖުލައި 2025
|
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުއާ ބައްދަލުކުރެއްވުން.
އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ރައީސުލްޖުމްހުރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފްއާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި މުހިއްމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތުފުޅަކަށް، ރާއްޖޭގެ މިނިވަންދުވަހުގެ ހަރަކާތްތަކުގައި ބައިވެވަޑައިގަތުމަށް މޯދީ ރާއްޖެ ވަޑައިގަތީ އިއްޔެއެވެ.
މޯދީ "އެކްސް" ގައި ދިވެހި ބަހުން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރާއްޖޭގެ ނައިބު ރައީސްއާއެކު ރަނގަޅު ބައްދަލުވުމެއް ބާއްވައި ގިނަ މަޝްވަރާތަކާއެކު، އިންޑިއާއާއި ރާއްޖޭގެ އެކުވެރިކަމުގެ މުހިއްމު ތަނބުތަކުގެ މައްޗަށް އަލިއަޅުވާލެވުނު ކަމަށެވެ.
"ދެޤައުމުން ދަނީ އިންފްރާސްޓްރަކްޗަރ، ޓެކްނޮލޮޖީ، މޫސުމަށް އަންނަ ބަދަލު، ހަކަތަ އަދި އެހެނިހެން ދާއިރާތަކުން ގާތުން މަސައްކަތް ކުރަމުން. މިކަމުން ދެޤައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކުރޭ. އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން ވަރުގަދަވެގެން ދިޔުން" މޯދީގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މޯދީ ރާއްޖެ ވަޑައިގެންނެވި ދަތުރުފުޅުގެ ތެރެއިން މުހިއްމު އަށް ފަހުމުނާމާއެއްގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. އެގޮތުން ދިވެހިރާއްޖެއާއި އިންޑިޔާގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ ރަސްމީ މަޝްވަރާތައް ފެށުމާ ގުޅޭ ފަހުމުނާމާއަކާއި، 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ހަމަޖެއްސުމުގެ ފަހުމުނާމާގައި ސޮއިކުރައްވާފައިވެއެވެ.
އިންޑިޔާއިން ރާއްޖެއަށް ފޯރުކޮށްދޭ ކަރަންސީ ސްވޮޕް ފެސިލިޓީއާ ގުޅޭ ފަހުމުނާމާގައިވެސް ދެ ގައުމުން ސޮއިކުރިއެވެ. އޭގެ އިތުރަށް މަސްވެރިކަމާއި އެކުއަކަލްޗާގެ ދާއިރާއިން ދެ ގައުމުގެ މެދުގައި އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ.
ފާމަކޯޕިއާ ދާއިރާއިން އެއްބާރުލުންދީ އަގުހެޔޮކޮށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ ފަހުމުނާމާއެއްގައި ވެސް ސޮއިކުރައްވާފައިވެއެވެ. އަދި މޫސުމާއި މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ކަންކަން މޮނީޓާކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާއިރު، ކާމިޔާބު ޑިޖިޓަލް ހައްލުތައް ތަންފީޒުކުރުމާއި ޑިޖިޓަލް ތަރައްގީއާއި އީޖާދީ ހައްލުތައް ހޯދައި ޑިޖިޓަލް މުސްތަގުބަލެއް ކަށަަވަރުކުރުމުގައި އެއްބާރުލުންދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކުރެވިފައިވެއެވެ.
އިންޑިޔާގެ މެދުގައި ބޯޑަރު ހުރަސްކޮށް ރެމިޓެންސް ފޮނުވުން ފަސޭހަކުރުމާ ގުޅޭ ފަހުމުނާމާއެއްގައި އެމްއެމްއޭއާއެކު ސޮއިކުރައްވާފައިވެއެވެ.