ENGLISH
10 ސެޕްޓެމްބަރު 2025
ބޮޑުވަޒީރު މޯދީ މަޖިލީހުގެ ރައީސް އަބްދުއްރަހީމާ ބައްދަލުކުރައްވައިފި
26 ޖުލައި 2025
|
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރެއްވުން، ފޮޓޯ: އެކްސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދައުވަތުފުޅަކަށް ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ފުރަމާނަ ދަތުުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެން ހުންނެވި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ބައްދަލުކުރައްވައިފިއެވެ.
ބޮޑުވަޒީރު މޯދީއާއި އަބްދުއްރަހީމް ބައްދަލުކުރެއްވީ މޯދީ ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި ހުންނެވި ކުރުނބާ އައިލެންޑް ރިސޯޓުގައެެވެ.
އެ ބައްދަލުވުމާ ގުޅިގެން ދިވެހި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ އަބްދުއްރަހީމާ ބައްދަލުކުރެއްވި ކުރެއްވުމުގައި އިންޑިޔާއާއި ރާއްޖޭގެ މެދުގައި އޮތް ފުން އެކުވެރިކަމުގެ ގުޅުމުގެ ވާހަކަ ދެއްކެވި ކަމަށެވެ. އަދި އެ ވާހަަކަފުޅުގެ ތެރޭގައި ދެ ގައުމުގެ ބަރުލަމާނުތައް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެދުގައި އޮތް ގާތް ގުޅުމާމެދު މަޝްވަރާކުރެއްވި ކަމަށެވެ.
އިތުރަށް މޯދީ ފާހަގަކުރެއްވީ އަބްދުއްރަހީމުގެ ރިޔާސަތުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިންޑިޔާ-މޯލްޑިވްސް ޕާލިމަންޓްރީ ފްރެންޑްޝިޕް ގުރޫޕ އުފެދިފައި އޮތުމަކީ ދެ ގައުމުގެ ގުޅުމަށް އެޅިގެންދިޔަ ރަނގަޅު ފިޔަވަޅެއް ކަމުގައެވެ.
އަދި އެމަނިކުފާނުވަނީ އެކި ދާއިރާތަކުން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމުގައި އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މޯދީއާ ބައްދަލުކުރެއްވުމަށްފަހު އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނާއި މަޖިލީހުގެ މަތީ ފަންތީގެ ވަފުދާ ބައްދަލުކުރެއްވީތީ މޯދީއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ގާތް ގުޅުމާމެދު މޯދީ ދެއްކެވި ވާހަކަފުޅުތަކަށާއި ދެ ގައުމުގެ ބަރުލަމާނުގެ މެދުގައި އެއްބާރުލުންދިނުން ކުރިއަށްގެންދަވާނެ ކަމުގައި ވިދާޅުވީތީ އެކަމަށްވެސް ޝުކުރު އަދާކުރެއްވިއެވެ.
އަދި މަޖިލީހުގައި އިންޑިޔާ-މޯލްޑިވްސް ފްރެންޑްޝިޕް ގުރޫޕު ގާއިމުކުރެވުމަކީ މާނަހުރި ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައި ދެ ގައުމުގެ ބަރުލަމާނުތަކުގެ މެދުގައި އޮތް ގުޅުން ކުރިއަށް ހުރި އަހަރުތަކުގައި އައު އުސްމިންތަކަކަށް ގެންދެވޭނެކަމަށް އުންމީދު ކުރައްވާ ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.