ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

އަސްކަރިއްޔާގެ ތަރައްގީއަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް ޗީފް އޮފް ޑިފެންސްގެ ޝުކުރު

26 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ

ގައުމީ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރެއްވުމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަަކީ ދިވެހި ހުރިހާ ރައްޔިތުންނަށްޓަކަައި ކުރައްވާ މަސައްކަތްޕުޅެއްކަން ފާހަގަަކުރައްވައި، ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ދިވެހި ސިފައިންނާއި ފުލުހުންނާ ރައީސް މިއަދު ބައްދަލުކުރެއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހިލްމީ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް ދިވެހި ސިފައިން ކުރި ހަނގުރާމަތަކަކީ އިބުރަތުން ފުރިގެންވާ ހަނގުރާމަތަކެއް ކަމަށެވެ. މިސާލުތަކެއްގެ ގޮތުގައި ފުށެތިކާލުންނާ ދެކޮޅަށް ދިވެހި ކަނޑުތަކުގައި ކުރި ހަނގުރާމަތަކާއި ނޮވެންބަރު ތިނެއްގެ ހާދިސާ ހިލްމީ ފާހަގަކުރެއްވިއެވެ. 

"ތިނެއް ނޮވެންބަރު 1988 ގައި ދިވެހި އަސްކަރިއްޔާ ސާބިތުކޮށްދިނީ އަޅުގަނޑުމެންނަކީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުމުގައި ކުޑަކޮށްވެސް ފަހަތަށް ޖެހޭނެ ބައެއް ނޫންކަން. އެންމެ އިންޗިއެއްވެސް އެންމެ މިލިމީޓަރެއްވެސް ފަހަތަަށްޖެހޭނެ ބައެއް ނޫންކަން. ހަށިގަނޑާއި ފުރާނައިން ގުރުބާންވާނީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައިކަން، އިސްލާމްދީނުގެ ހިމާޔަތުގައިކަން. މާޒީގެ ކޮންމެ ސަފުހާއަކުންވެސް ފެންނަން އޮތީ ދިވެހި އަސްކަރިއްޔާގެ މި ފަހުރުވެރި ތާރީހު،" ހިލްމީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ސިފައިންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަަށެވެ. އަދި ސިފައިންގެ ގާބިލުކަން އިތުރުކުރެއްވުމަށް ރައީސް ކުރައްވާ ކޮންމެ މަސައްކަތްޕުޅަކީ ކޮންމެ ދިވަހި ރައްޔިތެއްގެ ހައްގުގައި، އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓެވުމުގެ ގޮތުން ކުރައްވާ މަސައްކަތްޕުޅެއްކަމަށް ޗީފް އޮފް ޑިފެންސް ވިދާޅުވިއެވެ. 

"އެކުރައްވާ ކޮންމެ މަސައްކަަތްޕުޅަކީ ދިވެހި ރައްޔިތުންގެ ހައްގުގައި އެމަނިކުފާނު ކުރައްވާ މަސައްކަަތްޕުޅެއް. މި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ނެގެހެއްޓެވުމަށް ކުރައްވާ މަސައްކަތްޕުޅެއް. އެހެންކަމުން ދިވެހި އަސްކަރިއްޔާ ތަރައްގީކުރައްވައި ގާބިލު އަސްކަަރިއްޔާއަކަށް ހެއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ އިސްވެރިޔާ ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރަން،" ހިލްމީ ވިދާޅުވިއެވެ. 

އިތުރަށް ހިލްމީވަނީ އަސްކަރިއްޔާ ތަރައްގީކުރެއްވުމަށް އެކުލަވައިލެވިފައިވާ ކުރު ރާސްތާގެ އަދި ދުރު ރާސްތާގެ ޕްލޭނުތައް ތަންފީޒުކުރެއްވުމަށާއި، މުއައްސަސާގެ ހިންގުން އިތުރަށް ހަރުދަނާކުރެއްވުމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ކުރައްވާ މަސައްކަތްޕުޅަށްވެސް ހިލްމީ ޝުކުުރު އަދާކުރެއްވިއެވެ. 

އިތުރަށް ހިލްމީ ވިދާޅުވީ މިހާރު ސިފައިންގެ މުސްތަގުބަލު ބައްޓަންކުރެވެމުންދަނީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމުގެ ގާބިލުކަން ލިބިގެންވާ ރައްޔިތުންގެ އިތުބާރާއި ލޯތްބާއި އިހުތިރާމު ލިބިގެންވާ މުއައްސަސާއެއްގެ ގޮތުގައި ދެމެހެއްޓުމަށް ކަމަށެވެ. 

ސިފައިންގެ ހިދުމަތަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމުގެ މަސައްކަތުގެ ތެރެއިން ޑްރޯނާއި، މަނަވަރާއި އެނޫންވެސް ވަސީލަތްތައް ސިފައިންނަށް ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 24 ގަޑިއިރު ރާއްޖޭގެ ސަރަހައްދު ބެލެހެއްޓޭނެ ގާބިލުކަން ގައުމީ ދިފާއީ ބާރަށް ހޯދައިދިނުމެވެ. 

ކިޔުންތެރިންގެ ހިޔާލު