ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ފުލުހުންނާއި ސިފައިންނަށް އަޅައިނުލެވި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން: ރައީސް

26 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ސިފައިންނާއި ފުލުހުންނާ ބައްދަލުކުރައްވައި ރައީސް ތަގުރީރުކުރައްވަނީ، ފޮޓޯ: ރައީސް އޮފީސް

ދިވެހި ސިފައިންނާއި ފުލުހުންނަށް ފާއިތުވި ތަނުގައި އަޅައިނުލެވި އޮތް އޮތުން ނިމުމަކަށް ގެނެސް ދެ މުއައްސަސާއަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަަބަތުގައި ފުލުހުންނާއި ސިފައިންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ފުލުުހުންނާއި ސިފައިންނާއެކު މިނިވަންދުވަހު ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަކީ، މިނިވަންދުވަހު ބާއްވަންޖެހޭ އެންމެ މުހިއްމު ބައްދަލުވުން ކަމަށާއި، ރާއްޖެއަށް މިނިވަންކަންމަތީ ހޭދަކުރެވުނު ދިގު މާޒީ އެގޮތުގައި ހޭދަކުރެވުނީ ކޮންމެ ދުވަސްވަރެއްގައިވެސް އެކި ސިފަ ސިފައިގަ އަސްކަރީ އަދީ ސަލާމަތީ ބާރުން ކުރި މަސައްކަތްތަކުގެ ސަބަބުން ކަމަަށެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އެންމެ އިސްވާޖިބަކީ ފުލުހުންނާއި ސިފައިންގެ ހިދުމަތް އިތުރަށް ކުރިއެރުވުމަށްޓަކައި އެ ދެ މުއައްސަސާއަށް ފަހިކޮށްދޭންޖެހޭ ކަންކަން ފަހިކޮށްދިނުން ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކީ އެންމެ އިސްކަންދީގެން ފުލުހުންނާއި ސިފައިންނަށް ފުރިހަމަކޮށްދޭންޖެހޭ ކަންކަން ފުރިހަމަކޮށްދިނުން ކަމަަށްވެސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާއާއި ގައުމީ ދިފާއީ ބާރުގެ ހިދުމަތް ފުރިހަމަކުރުމަށް މަސައްކަތްކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަހުރެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށާއި، އެއީ ވާޖިބެއް ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ. 

"ވޭތުވެދިޔަ ގިނަ އަހަރުތަކުގައި އަޅައިނުލެވި އޮތް އޮތުމަށް ނިމުން ގެނެސް، ސިފައިންނަށާއި ފުލުހުންނަށް ބޭނުންވާ ކަންކަމުގައި ކުރިއެރުން ހޯދައިދިނުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި، ފާއިތުވި މުއްދަތަށްވުރެ ރަނގަޅަށް އަޅުގަނޑުމެންދާނީ އެ މަސައްކަތްކުރަމުން،" ރައީސް ވިދާޅުވިއެވެ. 

ސިފައިންނަށް ބަލާއިރު ސިފައިންގެ ވައިގެ ބާރާއި ކަނޑުގެ ބާރާއި، އެއްގަމުގެ ބާރު ގާއިމުކުރުމުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިދުމަތް ނެތް ރަށްރަށަށް ފުޅާކުރުމާއި، އެ މުއައްސަސާއަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމާއި، ދެ މުއައްސަސާގެ ހިދުމަތްތެރިންނަަށް ތަމްރީނާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. 

އެމަނިކުފާނުވަނީ ކާރިސާތައް ކުރިމަތިވާ ކޮންމެ ވަގުތެއްގައި ކުރީ ސަފަށް ނުކުމެވަޑައިގެން އަގުހުރި ވަރުގަދަ ހިދުމަތްތަކެއް ފުލުހުންނާއި ސިފައިން ކުރައްވަމުންދާތީ، އެކަން ފާހަގަކުރައްވަމުން ސިފައިންނާއި ފުލުހުންނަކީ ކޮންމެ ދުވަހަކު މަތިވެރި ގުރުބާނީއެއް ވަމުންދާ ބައެއްކަން ފާހަގަކުރައްވާފައެވެ. 

"ތިޔަ ދެ ލޮބުވެތި މުއައްސަސާ ކުރިއެރުވުމަށްޓަކައި ކުރެވޭ ކޮންމެ ކަމަަކީ ދިވެހި ކޮންމެ ރައްޔިތަކަށްޓަކައި، މުޅި ގައުމަށްޓަކައި ކޮށްދެވޭ ކަމެއް. އެއީ އެކަން ހަގީގަތުގައިވެސް އޮތް ގޮތަކީ، އޮންނަންޖެހޭ ގޮތަކީ،" ރައީސް ވިދާޅުވިއެވެ. 

ރައީސްގެ އިސްނެންގެވުމަށް ފަށަން ތައްޔާރުވެފައިވާ ވަތަނީ ހިދުމަތުގެ ޕްރޮގުރާމަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ މަގުމަތިވެފައިވާ އެތައްހާސް ޒުވާނުންނެއް ގައުމަށް ބޭނުންތެރި ހީވާގި ބަޔަކަށް ހަދައި، ފުލުހުންނާއި ސިފައިންގެ ހިދުމަތުގައި އެއިން ގިނަ ޒުވާނުންތަކެއް ބޭނުންކުރުމުގެ ފުރުސަތު އެ ޕްރޮގުރާމުގެ ތެރެއިން ފަހިވެގެންދާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ މި ޕްރޮގުރާމުގެ ތެރެއިން ރަނގަޅު ވަރުގަދަ ޒުވާން ލޭ ހުރި ބަޔަކު ތަމްރީނުވެ ސިފައިންނާއި ފުލުހުންގެ ހިދުމަތާ ގުޅި، ދެ މުއަައްސަސާއަށް ބޮޑެތި ކުރިއެރުން ލިބިގެންދާނެ ކަމަށެވެ. 

އަދި އަންނަ އަހަރުގެ ބަޖެޓުގައި ފުލުހުންނާއި ސިފައިންގެ ހިދުމަތަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެކަށީގެންވާ އަދަދެއްގެ ފައިސާ ހިމަނުއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވީ ފުލުހުންނާއި ސިފައިންނަށް އިންވެސްޓުކުރައްވަނީ ރާއްޖޭގެ ކަންކަން އަމިއްލައަށް ބެލެހެެއްްޓުމުގެ ގާބިލުކަން ހޯދުމަށް ކަމުގައެވެ. ރާއްޖޭގެ އީއީޒެޑްގެ ބޮޑުކަމާއި ރާއްޖޭގެ އާބާދީ ރަށްތަކަށް ބެހިފައި އޮތުން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ގައުމުގެ ކޮންމެ އަކައިންޗިއެއްވެސް ބަލަހައްޓާނީ ދިވެހިންގެ އަމިއްލައަށް ކަމަށެވެ. ގާބިލުކަން އިތުރުކުރުމުގައި އެހެން ބައެއްގެ އެހީ ހޯދި ނަމަވެސް ގައުމު ބެލެހެއްޓުމުގެ ހުރިހާ ކަމެއްވެސް ކުރަންޖެހޭނީ އަމިއްލައަށް ކަމުގައި ރައީސް ވިދާޅުވިއެވެ. 

"އަޅުގަނޑުމެންގެ ކަންކަން ބަލަހައްޓާނީ އަޅުގަނޑުމެން އަމިއްލައަށް. އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑު ވަރަށް ބޮޑު. ހާއްސަަ އިގުތިސާދީ ސަރަހައްދު އެންމެ ބޮޑު އެއް ގައުމަށް ރާއްޖެވޭ. މިހާ ބޮޑު ކަނޑުގެ ސަރަހައްދެއް އޮވެފައި، މިހާ ބޮޑު ސަރަހައްދަށް ފެތުރިފައިވާ އަތޮޅުތަކާައި ރަށްތަކެއް ހުރެފައި، މި ގައުމުގެ ކޮންމެ އަކަ އިންޗިއެއް ބަލަހަައްޓާނީ އަޅުގަނޑުމެން އަމިއްލައަށް،" ރައީސް ވިދާޅުވިއެވެ. 

ރައީސްވަނީ މިފަދަ ފިކުރަކީ ހިތުގައި މިނިވަންކަމުގެ ލޯތްބާއި ގައުމީ ލޯބި ނެތް މީހަކަށް ފަހުމުނުވެދާނެ ކަމެއް ކަމުގައެވެ. ނަމަވެސް ކޮންމެ ދިވެއްސަކީ މައްދިވެއްސެއްކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިނިވަންކަންމަތީ ސަލާމަތްތެރިކަމާއެކު ރާއްޖެ އަންނަންް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު