ENGLISH
10 ސެޕްޓެމްބަރު 2025
ރައީސްގެ ދެކަނބަލުން، ދިވެހީންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފި
26 ޖުލައި 2025
|
ރައީސްގެ ދެކަނބަލުން، ފިޠުރު ޢީދުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު، ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާ، ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، މިނިވަން ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ދިވެހީންގެ ފަޚުރުވެރި މިނިވަންދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރައްވާ ކަމަށެވެ. އަދި އެ މަނިކުފާނު ވަނީ މި ލޮބުވެތި ވަޠަން މިނިވަންކަމާއި ބާއްޖަވެރިކަމުގައި އަބަދުމެ ލެހެއްޓެވުން އެދިވަޑައިގެން ދުޢާކުރައްވާފައެވެ.
އެ މަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ކުރެއްވި ޕޯސްޓުގައި ވަނީ މި ޤައުމަށް އަލިވިލޭ ކޮންމެ ދުވަހަކީ މިނިވަންކަމުގެ އުފާވެރި އިޙްސާސްތަކުގައި ދިވެހި ލޮބުވެތި ރައްޔިތުން ލަހައްޓަވާ ދުވަހެއް ކަމުގައި ލެއްވުން އެދިވަޑައިގެން ދުޢާކުރައްވާ، މިނިވަންދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަސް، ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ ދުވަހު ފާހަގަކުރަނީ، 1965 ވަނަ އަހަރު، އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެ ރަސްމީކޮށް މިނިވަން ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދިޔަ ދުވަހުގެ މުނާސަބަތުގައެވެ. ދިވެހިރާއްޖޭގެ ފަރާތުން މި އެއްވަސްވުމުގައި ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު، އިބްރާހީމް ނާޞިރެވެ. އިނގިރޭސި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ، އިނިގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، މައިކަލް ވޯކަރ އެވެ.