ENGLISH
10 ސެޕްޓެމްބަރު 2025
ރާއްޖޭގެ މިނިވަންކަމުގެ 60ވަނަ އަހަރީ ދުވަހާ ގުޅިގެން ޗައިނާގެ ރައީސް ތަހުނިޔާ ފޮނުއްވައިފި
26 ޖުލައި 2025
|
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ފަރާތުން ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ ތަހުނިޔާގެ ހާއްސް މެސެޖެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުއްވައިފިއެވެ.
ރައީސް ޝީ ޖިންޕިންގ އެ މެސެޖުގައި ވިދާޅުވެފައިވަނީ، ޗައިނާ ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށެވެ.
އެމަނިކުފާނުގެ މެސެޖުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދުގައި ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމެއް އޮތްކަމާއި، 1972 ވަނަ އަހަރު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނު ފަހުން، ދެ ޤައުމުގެ ގުޅުމަކީ ދުޅަހެޔޮ އަދި ހަމަޖެހޭ ގުޅުމެއްކަމަށް ވިދާޅުވިއެވެ.
އަދި މި ގުޅުމަކީ ކުޑަ ގައުމަކާއި ބޮޑު ގައުމެއްގެ މެދުގައި ހަމަހަމަކަމާއެކު ޢަމަލުކުރުމާއި، އެހީތެރިކަމާއި، އެއްބަޔަކު އަނެއްބަޔަކަށް ފައިދާވާ ފަދަ ރަނގަޅު ނަމޫނާއެއް ދައްކަމުން އަންނަ ގުޅުމެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.
އަދި ރައީސް ޑރ މުއިއްޒު 2024ގެ ޖެނުއަރީމަހުގެ ތެރޭގައި ޗައިނާއަށް ކުރެއްވި ޒިޔާރާތާ ގުޅިގެން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަންވެސް ރައީސް ޝީ ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ޝީ ޖިންޕިންގ އިތުރަށް ވިދާޅުވީ، ޗައިނާއިން އަބަދުވެސް ދިވެހިންގެ ލާބައާ ކުރިއެރުމަށް ކުރަންޖެހޭ ކަންކަމުގައި އަބަދުވެސް މަދަދުވެރިވާ ޤައުމެއްގެ ގޮތުގައި ދެމިއޮންނާނޭކަމަށެވެ.
މީގެ އިތުރުން، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު އަދި ޗައިނާގެ ޚާރިޖީ ވަޒީރު ވަންގ ޔީ ވެސް ވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލަށް މަރުހަބާގެ މެސެޖެއް ފޮނުއްވާފައެވެ.