ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

26 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

މިނިވަންދުވަހުގެ މުނާސަބަތުގައި ކޯއްޓޭއަށް ދިދަ ނެގުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ނައިބުރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ކުރީގެ ރައީސުންކަމަށްވާ ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. 

އޭގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންނާއި ދައުލަތުގެ އެކި އިދާރާތަކުގެ ވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. 

މި ރަސްމިއްޔާތުގައި ކޯއްޓޭއަށް ގައުމީ ދިދަ ނެގުމަށްފަހު ހާއްސަ ދުއާއެއް ކުރުން އޮތެވެ. މި ދުއާ އިސްވެ ވިދާޅުވެދެއްވީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް އައްޝައިޚް އިއްޒުއްދީން އަދުނާނެވެ. 

ރަސްމިއްޔާތު ނިންމައިލުމުގެ ގޮތުން ގައުމީ ދިފާއީ ބާރުގެ ބޭންޑުން ގައުމީ ސަލާމް ކުޅުނެވެ. 

އަމިއްލައަށް ފުރިހަމަ ސިޔާދަތީ ބާރުވެރިކަން ނެތޭ ފަދަ އެއްބަސްވުމެއްގެ ދަށުން އިނގިރޭސީންގެ ހިމާޔަތުގައި ދިގު މުއްދަތެއް ހޭދަކުރުމަށްފަހު، ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުއެވެ. އިނގިރޭސީންގެ ހިމާޔަތުން ވީއްލުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ އެ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. 

މިނިވަންދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު ހާއްސަ ޕެރޭޑަކާއި ސިފައިންގެ ހެވިކަމުގެ ހަރާކާތެއް ކުރިއަށްގެންދާނެއެވެ. މި ހަރަކާތް ބައްލަވައިލެއްވުމަށް ރައީސް އަރިހުގައި އިންޑިޔާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީ ވަޑައިގަންނަވަންވަނީ ހަމަޖެހިފައެވެ. 

ކިޔުންތެރިންގެ ހިޔާލު