ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ފަސް މިލިޔަން ގަސް ޕްރޮގްރާމް: ބޮޑުވަޒީރު މޯދީ އަނބު ގަހެއް އިންދަވައިފި

25 ޖުލައި 2025

|

އަޙުމަދު ޙަމީދު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގަސް އިންދަވަނީ --

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ސަލްޓަންޕާކު ގައި ގަހެއް އިންދަވައިފި އެވެ.

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެން, އިންޑިއާގެ ބޮޑުވަޒީރު މޯދީ, އިންދެވީ އަނބު ގަހެވެ. މިއަދު ހަވީރު ސަލްޓަކްޕާކުގައި އޮތް މި ރަސްމިއްޔާތަށް މޯދީއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެންނެވުމުން އެ ދެ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވީ ތިމާވެއްޓާއި ޓޫރިޒަމާއި ބެހޭ ވަޒީރު ތޯރިގް އިބްރާހިމެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންދެވީ ކިނބި ގަހެކެވެ. 

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އިފްތިތާހް ކުރައްވާފައި ވަނީ މި އަހަރުގެ ތިމާވެށީގެ ދުވަހު އެވެ. މިއީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކޮށް، ރާއްޖޭގެ ތިމާވެށީގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި އާލާކޮށް، ރާއްޖެ ހޫނުވުން ކުޑަކުރުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ޤައުމީ ޕްރޮގްރާމެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގްރީން ހައުސް ގޭސް އުފެދުން މަދުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ ފަސް މިލިއަން ގަސް އިންދުމަށް ވަނީ ރޭވިފައެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ތިމާވެށީގެ މާހިރުން ގަބޫލްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު