ENGLISH
10 ސެޕްޓެމްބަރު 2025
އިންޑިޔާއިން ރާއްޖެއަށް 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ހަމަޖައްސައިދެނީ
25 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒާއި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާގެ އެގްޒިމް ބޭންކުން 565 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ހަމަޖައްސައިދިނުމަށް ނިންމައިފިއެވެ.
މި ލައިން އޮފް ކްރެޑިޓު ހަމަޖައްސައިދިނުމުގެ ފަހުމުނާމާގައި ދިވެހި ސަރުކާރާއި އިންޑިޔާގެ އިމްޕޯޓް އެންޑް އެކްސްޕޯޓް ބޭންކް (އެގްޒިމް ބޭންކު)ގެ މެދުގައި ސޮއިކުރީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ހާޒިރުގައެވެ.
ރައީސް މުއިއްޒުގެ ދައުވަތުފުޅަކަށް ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި އިންޑިޔާގެ ބޮޑުވަޒީރު މޯދީ މިއަދު ރާއްޖެއަށް ވަޑައިގެންފައިވާއިރު ރައީސް އޮފީހުގައި ދެ ގައުމުގެ ސަރުކާރުތަކުގެ މެދުގައި ރަސްމީ މަޝްވަރާތައް މިއަދު ކުރިއަށްގެންގޮސްފައިވެއެވެ.
އެ މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ވެރިންގެ ހާޒިރުގައި އަށް ފަހުމުނާމާއެއްގައި ސޮއިކުރެވުނުއިރު، އެ ފަހުމުނާމާތަކުގެ ތެރޭގައި ރާއްޖޭގައި ތަރައްގީގެ މުހިއްމު މަޝްރޫއުތައް ހިންގުމަށް 565 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް އިންޑިޔާއިން ހަމަޖައްސައިދިނުމުގެ އެއްބަސްވުން ހިމެނެއެވެ.
އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އިންޑިޔާގެ އެގްޒިމް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރެވެ.
މީގެ ކުރިން އިންޑިޔާއިންވަނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ހަމަޖައްސައިދީފައެވެ. އަދި މާލެއާއި ވިލިމާލެއާއި ގުޅިފަޅާއި ތިލަފުށި ގުޅުވައިލާ ބުރިޖުގެ މަސައްކަތް ކުރުމަށް އިތުރު 500 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް އިންޑިޔާއިން ހަމަޖައްސައިދިނެވެެ.
އެއްބަސްވުންތަކުގައި ސޮއިކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތަށްފަހު، ބޮޑުވަޒީރު މޯދީއާއެކު ނޫސްވެރިންނާ ބައްދަލުކުރައްވަައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ އިންޑިޔާއިން ހަމަޖައްސައިދިން ލައިން އޮފް ކްރެޑިޓަކީ ސަރުކާރުން އިސްކަންދޭ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އަސްކަރީ، ސިއްހީ، ތައުލީމީ އަދި ކުޅިވަަރާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ބޭނުންކުރާނެ ފައިސާކަން ފާހަގަކުރައްވައި އެ ލައިން އޮފް ކްރެޑިޓް ހަމަޖައްސައިދެއްވީތީ ބޮޑުވަޒީރު މޯދީއާއި އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.