ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ރާއްޖެއަށް މޯދީ ވަޑައިގަތުމުން ރައީސް މައުމޫން މަރުހަބާ ވިދާޅުވެއްޖެ

25 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

އިންޑިޔާގެ ބޮޑުވަޒީރު މޯދީއާއި ރައީސް މައުމޫން ބައްދަލުކުރެއްވުން، ފޮޓޯ: އެކްސް

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތުމުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު އެމަނިކުފާނަަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި މޯދީ ރާއްޖެއަށް ވަޑައިގެންނެވީ މިއަދުއެވެ. މޯދީގެ މި ދަތުރުފުޅަކީ ނިމުނު އަހަރުގެ އޮކްޓޯބަރު މަހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅެއްގައި މި އަހަރު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގެ އިހުތިފާލުތަކުގައި ބައިވެރިވަޑައިގަތުމަށް ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ދެއްވި ދައުވަތުފުޅަކާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ. 

މިއަދު ހެނދުނު މޯދީ ރާއްޖެއަށް ވަޑައިގަތުމުން ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ އިސްތިގުބާލުކުރެއްވީ ރައީސް ޑރ.މުޢިއްޒެވެ. އެއަށްފަހު މޯދީ މާލެއަށް ވަޑައިގަތުމުން ޖުމްހޫރީ މައިދާނުގައި، 21 ބަޑީގެ ސަލާމާއެކު އެމަނިކުފާނަށް ވަރަަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.

މާލޭގައި ރަސްމީކޮށް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެން އެ އޮފީހަށް ޒިޔާރަތްކުރައްވާ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނުވަނީ ސޮއިކުރައްވާފައެވެ. 

އަދި މިހާރު ރައީސް އޮފީހުގައި ރަސްމީކޮށް ރައީސް މުޢިއްޒާއި އެމަނިކުފާނުގެ ކެބިނެޓާއެކު މޯދީއާއި މޯދީ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ މެދުގައި މަޝްވަރާތައްވަނީ ފައްޓަވާފައެވެ. މި މަޝްވަރާތަކުގައި އެކި ދާއިރާތަކުން ދެ ގައުމުގެ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމާމެދު މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. 

މޯދީގެ ޒިޔާރަތާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރާއްޖެއަށް ވަޑައިގެންނެވުމުން މޯދީއަށް ވަރަށް ހޫނު މަރހަބާއެއް ވިދާޅުވުމާއެކު، ރާއްޖޭގައި އެމަނިކުފާނު އިސްތިގުބާލުކުރެއްވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ފަހުރެއް އަދި ޝަރަފެއް ކަމުގައި ރައީސް މައުމޫނު ފާހަގަކުރެއްވިއެވެ. 

އަދި މޯދީގެ ޒިޔާރަަތުގެ ސަބަބުން ރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ޒަމާންވީ ފުން އެކުވެރިކަމާއި ތަފާހުމާއި އެއްބާރުލުން ދިނުމުގެ ގުޅުން އިތުރަށް ވަރުގަދަވެ ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު