ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ހަ މަސް ތެރޭ ޒަކާތު ފަންޑުން 30.7 މިލއިަން ރުފިޔާ ހޭދަކޮށްފި

25 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ފޮޓޯ: މިހާރު

މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ ޒަަކާތު ފަންޑުން 30.7 މިލިއަން ރުފިޔާ ހޭދަކުރިއިރު އެއިން 14.2 މިލިއަން ރުފިޔާއަކީ ފަގީރުންނާއި މިސްކީނުންނަށް އެހީތެރިވުމަށް ހޭދަކުރި ފައިސާކަން ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ. 

ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި ޒަކާތު ފަންޑުން ކުރި ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކުރީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެހީތެރިވުމަށެވެ. އެ ފަރާތްތަކަށް އެހީވުމަށް 14،255،000 (ސާދަ މިލިއަން ދެލައްކަ ފަންސާސް ފަސްހާސް) ރުފިޔާ ހަރަދުކޮށްފައިވެއެވެ. 

ހާއްސަ ހާލަތު ކުރިމަތިވެފައިވާ ފަރާތްތަކަަށް އެހީތެރިވުމަށް ޒަކާތު ފަންޑުން 101،058.77 ރުފިޔާ ހަމަޖެހުނުއިރު އެއިން 78،377.97 ރުފިޔާ ހަރަދުވެފައިވެއެވެ. 

ޒަކާތު ފަންޑުން އެންމެ ބޮޑު ހޭދައެއް އަބދުެސް ކުރަމުން އަންނަނީ ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށެވެ. އެގޮތުން 594 މީހެއްގެ ބޭސްފަރުވާއަށް 9،559،900.15 (ނުވަ މިލިއަން ފަސްލައްކަ ފަންސާސްނުވަ ހާސް ނުވަސަތޭކަ ރުފިޔާ ފަނަރަ ލާރި) ހަމަޖެހުނުއިރު އެއިން 8،509،141.06 (އަށްމިލިއަން ފަސްލައްކަ ނުވަހާސް ސަތޭކަ ސާޅީސް އެއް ރުފިޔާ ހަ ލާރި) ހަރަދުވެފައިވާކަން ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. 

ޒަކާތުގެ ތެރެއިން ފީ ސަބީލިﷲ ބައިން ކީރިތި ގުރުއާން ހިތުދަސްކުރުމާއި ގުރުއާނުގެ އިލްމު ފެތުރުމަށް 3،287،555 (ތިން މިލިއަން ދެލައްކަ އަށްޑިހަ ހަތްހާސް ފަސްސަތޭކަ ފަންސާސް ފަސް) ރުފިޔާ ހަރަދުކޮށްފައިވެއެވެ. ޓްރެއިން ކޯސްތައް ހިންގުމަށް 1،000 ރުފިޔާ އަދި ފޮތް ތަރުޖަމާކުރުމަށް 578،460 ރުފިޔާ އަދި ދީނީ އެކި ޕްރޮގުރާމުތައް ހިންގުމަށް 1،716،545.26 (އެއް މިލިއަން ހަތްލއްކަ ސޯޅަހާސް ފަސްސަތޭކަ ސާޅީސް ފަސް) ރުފިޔާ ހޭދަކުރިއެވެ. 

އަދި ފީ ސަބީލިއްލާހި ބައިން މަތީ ތައުލީމު ފުރިހަމަކުރުމަށް އެހީތެރިވުމުގެ ގޮތުން 60،488.76 ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި އިބްނު ސަބީލް ބައިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 428،107 ރުފިޔާ ހަރަދުކުރިއެވެ. 

އާމިލުންގެ ބައިން 1.8 މިލިއަން ރުފިޔާ އިދާރީ މުވައްޒަފުންގެ އުޖޫރައަށް ހަރަދުކޮށްފައިވާއިރު 2024 ވަނަ އަހަރު ބޭއްވި ބައިނަލްއަގުވާމީ ޒަަކާތު މަހާސިންތާގެ ޕެނަަލިސްޓުންނަށް 4،775 ރުފިޔާ ހަރަދުކޮށްފައިވެއެވެ/ 

ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާ އަހަރުން އަހަރަށް އިތުރުވަމުންދާއިރު ޒަކާތު ފައިސާއިން ފަގީރުންނަށް އެހީވުމަށް ދެމުންދާ ފައިސާވެސް އަންނަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު