ENGLISH
10 ސެޕްޓެމްބަރު 2025
ބޮޑުވަޒީރު މޯދީއަށް ރަސްމީކޮށް ހޫނު މަރުހަބާއެއް މާލެއިން ދަންނަވައިފި
25 ޖުލައި 2025
|
ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ޕީއެސްއެމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތުފުޅަކަށް، ރާއްޖޭގެ މިނިވަންދުވަހުގެ ހަރަކާތްތަކުގައި ބައިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމުން އެ މަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ.
ޢިއްޒުއްދީން ފާލަމުން އެ މަނިކުފާނު މާލެއަށް ފައިބާވަޑައިގަތުމުން، އެ މަނިކުފާނަށް އެންމެ ފުރަތަމަ މަރުޙަބާ ދަންނަވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. ބޮޑުވަޒީރު މާލެ ވަޑައިގަތުމުން، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ސްކޫލް ދަރިވަރުންގެ ޚާއްޞަ އައިޓަމެއް ހުށަހަޅާފައިވެއެވެ. އެއަށްފަހު، ސިފައިން، ދެ ޤައުމުގެ ޤައުމީ ސަލާން ކުޅުނެވެ.
ޖުމްހޫރީ މައިދާނުގައި ރަސްމީކޮށް ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ގައުމީ ދިފާއީ ބާރުން އެމަނިކުފާނަށް 21 ބަޑީގެ ސަލާމެއް އަރުވާފައިވެއެވެ.
ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވުނު ރަސްމިއްޔާތަށްފަހު، އެ މަނިކުފާނު ވަނީ ހަތްކޮޅުގައި ހިންގަވާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެން، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އެއަށްފަހު، ރައީސް ޑރ. މުޢިއްޒުއާއި ބޮޑުވަޒީރު މޯދީ، ވަކިން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި އެއަށްފަހު ދެ ޤައުމުގެ ދެމެދުގައި ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅުން ބައިވެރިވެވަޑައިންނަވާނެ އެވެ.
މި ބައްދަލުވުމުގައި، ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރުމާމެދު މަޝްވަރާކުރައްވާނެއެވެ. އޭގެ އިތުރަށް ރާއްޖެއާއި އިންޑިޔާ ގުޅިގއން ކުރިއަށްގެންދާނެ މަޝްރޫއުތަކާމެދު ދެ ގައުމުގެ ވެރިން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ބޮޑުވަޒީރު މޯދީގެ ދަތުރުފުޅަކީ މިއަދާއި މާދަމާއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެކެވެ. ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް މޯދީ ކުރައްވާ ދަތުރުފުޅަކީ ތާރީހީ ދަތުރުފުޅެއްގެ ގޮތުގައި ދެ ގައުމުގެ ސަރުކާރުތަކުން ސިފަކުރެއެވެ