ENGLISH
10 ސެޕްޓެމްބަރު 2025
މޯދީގެ ޕޯސްޓް ދިވެހި ބަހުން؛ މާލެ އާދެވިއްޖެ، މަރުޙަބާ ވިދާޅުވާން ރައީސް ވަޑައިގަތުމުން ވަރަށް އުފާވެއްޖެ
25 ޖުލައި 2025
|
ބޮޑުވަޒީރު މޯދީއަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވަނީ
ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވުމުން މަރުޙަބާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާފުޅު ކުރައްވާ ކަމަަށް ވިދާޅުވެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެކްސްގައި ދިވެހި ބަހުން ޕޯސްޓެއް ކުރައްވައިފި އެވެ.
ވީއައިއޭ އިން ބޮޑުވަޒީރު މޯދީއަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވާ ފޮޓޯތަކާއެކު ކުރެއްވި ޕޯސްޓްގައި އެމަނިކުފާނު ވިދާޅުވީ މާލެ ވަޑައިގެންނެވިއްޖެ ކަމަށެވެ.
އަދި މަރުޙަބާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާފުޅު ކުރައްވާ ކަމަަށެވެ.
“މާލެ އާދެވިއްޖެ. އަޅުގަނޑަށް މަރްޙަބާ ކިޔުމަށް ރައީސް މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރަން،” ރައީސް މުޢިއްޒަށް ޓެގް ކުރައްވާ މޯދީ ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.
އަދި ވިދާޅުވީ އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން ޔަޤީން ކުރައްވާ ކަމަށެވެ.
އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މޯދީ ރާއްޖެއަށް ވަޑައިގަތުމުން އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާަ ޑރ.މުހައްމަދު މުއިއްޒެވެ.
މޯދީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ 25 ޖުލައި އަދި 26 ޖުލައިއަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ޑރ.މުޢިއްޒާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވެއެވެ.
މިއީ މޯދީ އިންޑިޔާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކާ ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން މޯދީ ރާއްޖެއަށް ވަޑައިގެންފައިވެއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މޯދީގެ މި ދަަތުރުފުޅުގައި ރައީސް ޑރ.މުޢިއްޒާއި މޯދީ ބައްދަލުކުރައްވައި މަަތީ ފަންތީގެ މަޝްވަރާތަކެއް ކުރިއަށްގެންދަވާނެއެވެ. އެގޮތުން ދެ ގައުމުގެ ގުޅުމާ ގުޅޭ ކަންކަމުގެ އިތުރަށް ސަރަހައްދީ މައްސަލަތަކާމެދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
އޭގެ އިތުރަށް މި ދަަތުރުފުޅުގައި އިންޑިޔާއާއި ރާއްޖެ ގުޅިގެން ކުރިއަށްގެންދިޔަ ބަައެއް މަޝްރޫއުތައް އިފުތިތާހުކުރެއްވުން އޮންނާނެއެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިއްސާވަނިވި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ފަހުމުނާމާތަކެއްގައި ދެ ގައުމުގެ ސަރުކާރުތަކުގެ މެދުގައި ސޮއިކުރެވިގެންދާނެއެވެ.
ރައީސް އޮފީހުން ފާހަގަކުރި ގޮތުގައި މޯދީގެ މި ޒިޔާރަތަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، އިންޑިޔާއާއި ރާއްޖޭގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ ތާރީހީ މުނާސަބަތާ ދިމާވާ ޒިޔާރަތަކަށްވާތީ މިއީ ވަރަށް މުހިއްމު ތާރީހީ ޒިޔާރަތަކަށްވާނެއެވެ.