ENGLISH
10 ސެޕްޓެމްބަރު 2025
އައިޑީ ކާޑާއި ޕާސްޕޯޓް ކޮޕީ ހުށަނާޅައި ޓިކެޓް ބުކްކުރެވޭ ގޮތް މޯލްޑިވިއަނުން ހަދައިފި
25 ޖުލައި 2025
|
މޯލްޑިވިއަންގެ ފްލައިޓެއްގައި އުމްރާއަށް ފުރުން. ޓިކެޓް ބުކްކުރުމުގައި ފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފަ. ފޮޓޯ: މޯލްޑިވިއަން
ގައުމީ އެއާލައިން، މޯލްޑިވިއަން މެދުވެރިކޮށް ޓިކެޓް ނަގާއިރު އިތުރު ލުއިފަސޭހަތަކެއް ހަމަޖައްސައިފިއެވެ.
އައިލެންޑް އޭވިއޭޝަނުން ރޭ ނެރުނު ބަޔާނުގައި ބުނީ، އާ ބަދަލާއެކު މޯލްޑިވިއަނުން ޓިކެޓް ބުކްކުރާއިރު އައިޑީ ކާޑާއި ޕާސްޕޯޓް ކޮޕީ ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
އާ ބަދަލު ތަންފީޒުކުރަން ފަށާނީ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ އައިޑީ ކާޑާއި ޕާސްޕޯޓުގެ ކޮޕީ ބޭނުންނުވާއިރު، އޭގެ ބަދަލުގައި ރަސްމީ ލިޔުމެއްގައި އޮންނަ ގޮތަށް މައުލޫމާތުތައް ހިއްސާކުރުމުން ޓިކެޓް ބުން ކުރެވޭނެ ކަމަށެވެ.
ޓިކެޓް ބުކްކުރާއިރު ހިމަނާ މައުލޫމާތުތަކުގައި މައްސަލައެއް އުޅޭކަމަށް ފާހަގަކުރެވޭނަމަ މޯލްޑިވިއަންގެ އީމެއިލް ނުވަތަ އެ ކުންފުނީގެ ކޯލް ސެންޓަރު 1671 އަށް ގުޅައި ހިއްސާކުރެވޭނެކަމަށް ބުނެފައިވެއެވެ. މައުލޫމާތު ބަދަލުކުރުމަށް ކަސްޓަމަރުން އީމެއިލް ކުރުމަށް ނުވަތަ ގުޅުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ.
ފަސޭހައިން ޓިކެޓް ނެގޭނެ އިންތިޒާމު މޯލްޑިވިއަނުން ހަމަޖެއްސީ ކަސްޓަމަރުންގެ ޕްރައިވަސީ ރައްކާތެރިކުރުމަށް ކަމަށް އެކުންފުނިން ބުނެފައިވެއެެވެ.
މޯލްޑިވިއަނުން އަންނަނީ ރާއްޖޭގެ 18 މަންޒިލަކާއި ބޭރުގެ 7 މަންޒިލަކަށް ދަތުރުކުރަމުންނެވެ.
ޓިކެޓް ބުކްކުރުމުގައި އޮގަސްޓް 1 އިން ފެށިގެން ލުއިތައް ދިނަސް، ފުރާއިރު މިހާރުވެސް އޮންނަ އުސޫލުގެ ދަށުން އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ބޭނުންވާނެއެވެ. ދަތުރުކުރާއިރު ގެންދަން ޖެހޭނީ މުއްދަތު ހަމަނުވާ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ކަމަށް އެކުންފުނިން ވަނީ ބުުނެފައެވެ.