ENGLISH
10 ސެޕްޓެމްބަރު 2025
ސަރަހައްދީ ލޮލުގެ ކަޅި މި ދެ ލީޑަރުންނަށް؛ ދެ ބޭފުޅުންގެ ގާތްކަމުން ރަމްޒުކޮށްދެނީ ދެ ގައުމުގެ އެކުވެރިކަން
25 ޖުލައި 2025
|
އެއާޕޯޓުން ބޮޑުވަޒީރު މޯދީއަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވަނީ، ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއަށް ޒިޔާރަތްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވި ދައުވަތު ގަބޫލުކުރައްވައި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ރާއްޖެއަށް ވަޑައިގަތުމުން އެމަނިކުފާނަށް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރައީސް މުޢިއްޒެވެ.
އިނގިރޭސިވިލާތުން ރާއްޖެއަށް މޯދީ ދަތުރުކުރެއްވި ފުލައިޓު ޖެއްސިއިރު އެއާޕޯޓު އޮތީ އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ތައްޔާރުކޮށްފައެވެ. ގައުމެއްގެ އެންމެ އިސްވެރިޔަކު އިސްތިގުބާލުކުރާއިރު ފުރިހަމަވާންޖެހޭ ހުރިހާ ކަމެއް އެއާޕޯޓުގައި ހުރީ ފުރިހަމައަށެވެ. ރަތް ދޫލައާއި، ސިފައިންގެ ސަލާމެވެ.
މޯދީ ފުލައިޓުގެ ސިނޑިން ފާބާވަޑައިގެންނެވިއިރު ތިރީގައި މަރުހަބާ ވިދާޅުވުމަށް ތައްޔާރުފުޅުވެގެން ހުންނެވީ ރައީސެވެ. ދަތުރުކުރެއްވި މަތިންދާބޯޓުން ފާބާވަޑައިގެން ރާއްޖޭގެ ފަސްގަނޑުގައި ފައި ބީއްސަވައިލެއްވުމާއެކު މޯދީ ރައީސާ ސަލާންކުރެއްވިއެވެ. ދެން ފެނުނީ ރައީސްއާ ބައްދަވައިލެއްވި ތަނެވެ.
ދެ ގައުމުގެ ވެރިން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ބަހައްޓަވާ ގާތްކަމާއި އެކުވެރިކަމުން ރަމްޒުކޮށްދެނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމުގެ ގާތްކަމެވެ. ބަދަހިކަމެވެ. އެހެންކަމުން ރައީސް މުއިއްޒާއި މޯދީގެ ދެމެދުން ފެނުނު އެކުވެރިކަމާއި ލޯތްބަކީ ދެ ގައުމުގެ މެދުގައި އޮތް ލޯތްބާއި މަވައްދަތުގެ ރަމްޒެކެވެ. ނިޝާނެކެވެ.
ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ ތާރީހީ ދަތުރުފުޅެކެވެ. ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ އިތުރަށް ރާއްޖެއާއި އިންޑިޔާގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރެނީވެސް މި އަހަަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ.
އެހެންކަމުން މި ތާރީހީ މުނާސަބަތުގައި އިންޑިޔާގެ ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މޯދީ ރާއްޖޭގައި ހުންނެވުމާއި، މިނިވަންދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވުމަކީ ފަހުރެކެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ދަލީލެކެވެ.
މޯދީގެ ދަތުރުފުޅުގެ ތެރެއިން އެކި ދާއިރާތަކުން ރާއްޖެއާއި އިންޑިޔާގެ ގުޅުމުގެ އައު ބާބުތަކެއް ފެށިގެންދާނެ ކަމުގައި އިންޑިޔާ ނޫސްތަކުން ރިޕޯޓުކުރެއެވެ. ހާއްސަކޮށް ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން މުޅިން އެހެން ހަރުފަތަކަށް ގެންދާ އެއްބަސްވުންތަކެއް ގާއިމުކުރެވިގެންދާނެ ކަމުގައި އެ ރިޕޯޓުތައް ބުނެއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މޯދީގެ މި ދަަތުރުފުޅުގައި ރައީސް ޑރ.މުޢިއްޒާއި މޯދީ ބައްދަލުކުރައްވައި މަަތީ ފަންތީގެ މަޝްވަރާތަކެއް ކުރިއަށްގެންދަވާނެއެވެ. އެގޮތުން ދެ ގައުމުގެ ގުޅުމާ ގުޅޭ ކަންކަމުގެ އިތުރަށް ސަރަހައްދީ މައްސަލަތަކާމެދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
އޭގެ އިތުރަށް މި ދަަތުރުފުޅުގައި އިންޑިޔާއާއި ރާއްޖެ ގުޅިގެން ކުރިއަށްގެންދިޔަ ބަައެއް މަޝްރޫއުތައް އިފުތިތާހުކުރެއްވުން އޮންނާނެއެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިއްސާވަނިވި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ފަހުމުނާމާތަކެއްގައި ދެ ގައުމުގެ ސަރުކާރުތަކުގެ މެދުގައި ސޮއިކުރެވިގެންދާނެއެވެ.
މިވަގުތު މުޅި ސަރަހައްދުގެ ކަޅި ހުއްޓޭނީ މި ދެ ލީޑަރުންނަށެވެ. މި ސަރަހައްދުގެ އެންމެ ބޮޑު އާބާދީއާއި އިގުތިސާދު އޮތް ގައުމުގެ ވެރިޔާ، މި ސަރަހައްދުގެ އެންމެ ކުޑަ އާބާދީ އަދި ހަލުއިކޮށް ކުރިއަރަމުން އަންނަ އިގުތިސާދު އޮތް ގައުމުގެ ވެރިޔާއާ ބައްދަލުކުރައްވަނީއެވެ. ދެ ގައުމުގެ މެދުގައި މައްސަލަތަކެއް ޖެހިގެންއުޅޭކަމަށް ބައެއް މީޑޔާތަކުން ރިޕޯޓުކުރި ނަމަވެސް ދެ ބޭފުޅުންގެ އަމަަލުފުޅުން ފެނުނީ މައްސަލައެއް ނެތްކަމެވެ. ކިއެއްހެޔެއްވެ؟ އެތައް ގަރުނަކަށް ދެމިގެންދާ ދެ ގައުމުގެ ގުޅުން އަދިވެސް އެހައި ބަދަހިކޮށް އޮތްކަން ދެ ބޭފުޅުންގެ ގާތްކަމުން ސާފުވެއެވެ.