ENGLISH
10 ސެޕްޓެމްބަރު 2025
އިންޑިޔާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ވަޑައިގެންފި
25 ޖުލައި 2025
|
ރައީސް ޑރ.މުޢިއްޒާއި މޯދީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވި ދައުވަތުފުޅަކަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ރާއްޖެއަށް ވަޑައިގެންފިއެވެ.
އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މޯދީ ރާއްޖެއަށް ވަޑައިގަތުމުން އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާަ ޑރ.މުހައްމަދު މުއިއްޒެވެ.
މޯދީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ 25 ޖުލައި އަދި 26 ޖުލައިއަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ޑރ.މުޢިއްޒާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވެއެވެ.
މިއީ މޯދީ އިންޑިޔާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކާ ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން މޯދީ ރާއްޖެއަށް ވަޑައިގެންފައިވެއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މޯދީގެ މި ދަަތުރުފުޅުގައި ރައީސް ޑރ.މުޢިއްޒާއި މޯދީ ބައްދަލުކުރައްވައި މަަތީ ފަންތީގެ މަޝްވަރާތަކެއް ކުރިއަށްގެންދަވާނެއެވެ. އެގޮތުން ދެ ގައުމުގެ ގުޅުމާ ގުޅޭ ކަންކަމުގެ އިތުރަށް ސަރަހައްދީ މައްސަލަތަކާމެދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
އޭގެ އިތުރަށް މި ދަަތުރުފުޅުގައި އިންޑިޔާއާއި ރާއްޖެ ގުޅިގެން ކުރިއަށްގެންދިޔަ ބަައެއް މަޝްރޫއުތައް އިފުތިތާހުކުރެއްވުން އޮންނާނެއެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިއްސާވަނިވި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ފަހުމުނާމާތަކެއްގައި ދެ ގައުމުގެ ސަރުކާރުތަކުގެ މެދުގައި ސޮއިކުރެވިގެންދާނެއެވެ.
ރައީސް އޮފީހުން ފާހަގަކުރި ގޮތުގައި މޯދީގެ މި ޒިޔާރަތަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، އިންޑިޔާއާއި ރާއްޖޭގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ ތާރީހީ މުނާސަބަތާ ދިމާވާ ޒިޔާރަތަކަށްވާތީ މިއީ ވަރަށް މުހިއްމު ތާރީހީ ޒިޔާރަތަކަށްވާނެއެވެ.