ENGLISH
10 ސެޕްޓެމްބަރު 2025
އެހެން މަޚުލޫޤުންގެ މައްޗަށް އިންސާނާ މާތްކުރައްވާފައިވަނީ ވިސްނުމާއި ބުއްދީގެ ބާރުން: ހުކުރު ޚުޠުބާ
25 ޖުލައި 2025
|
ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
މާތް ﷲ، އެހެން މަޚުލޫޤުންގެ މައްޗަށް އިންސާނާ މާތްކުރައްވާފައިވަނީ އޭނާއަށް ދެއްވާފައިވާ ވިސްނުމާއި ބުއްދީގެ ބާރުން ކަމަށް، މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ބުއްދި ޙިމާޔަތްކުރުން" މި މައުޟޫޢަށް މިއަދު ދެވިގެންދިޔަ ޚުޠުބާގައި ވަނީ، އިންސާނާގެ ބުއްދި ރައްކާތެރިކުރުމަށް އިސްލާމްދީން ދީފައިވާ އަހަންމިއްޔަތުކަން، ވަރަށް ތަފްޞީލުކޮށް ކިޔައިދީފައެވެ. އެގޮތުން، ޚުޠުބާގައި ބުނެފައިވަނީ، އިންސާނާގެ ބުއެްދިއަކީ އިސްލާމްދީން ޙިމާޔަތްކޮށްދީފައިވާ ފަސްކަންތަކުގެ ތެރެއިން އެއްކަންތައް ކަމަށެވެ.
ބުއްދި ރައްކާތެރިކުރުމުގެ މުރާދަކީ، އިންސާނާގެ ބުއެްދިއަށް ގެއްލުންވާނެ އެންމެހައި ކަންތައްތަކުން އޭނާ ދުރުކޮށް، އިންސާނާ ރައްކާތެރިކުރުން ކަމަށް، ޚުޠުބާގައި ބުނެފައިވެއެވެ. އެހެންކަމުން، ކާއެއްޗަކުންވިޔަސް، ބޯއެއްޗަކުންވިޔަސް، ނުވަތަ އިންސާނާ ވިސްނާ ވިސްނުމަކުންވިޔަސް، އަދި އޭނާ ކުރާ ކަމަކުންވިޔަސް އިންސާނާގެ ބުއްދިއަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރެއްކުރާނަމަ، އިސްލާމްދީން އެކަމެއް މަނާކުރާކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ޚުޠުބާގައި ބުނެފައިވަނީ، އެހެން މަޚުލޫޤުންގެ މައްޗަށް އިންސާނާ މާތްކުރައްވާފައިވަނީ އޭނާއަށް ދެއްވާފައިވާ ވިސްނުމާއި ބުއްދީގެ ބާރުން ކަމަށާއި އޭނާގެ އުފެއްދެވުމާއި ޞޫރަކުރެއްވުން އެހެން މަޚުލޫޤުންނަށްވުރެ ފުރިހަމަވުމުން ކަމަށެވެ. މިކަމަށް ބާރުދީ، ތީނި ސޫރަތުގެ ހަތަރުވަނަ އާޔަތުގެ މާނަ ގެނެސްފައިވެއެވެ. (ހަމަކަށަވަރުން ތިމަންރަސްކަލާނގެ، އެންމެ ރިވެތި ސޫރައިގައި އިންސާނާ ހެއްދެވީމެވެ.)
އިންސާނާއަށް ދެއްވާފައިވާ ބުއްދީގެ ބާރުން، ޙައްޤާއި ބާޠިލު ވަކިކުރަން އޭނާއަށް އެނގޭ ކަމަށާއި، އެ ބުއްދިއަކީ އޭނާއަށް ތަކުލީފި ލިބިގެންވާ ސަބަބު ކަމުގައި ޚުޠުބާގައި ބުނެފައިވެއެވެެ. މިކަމުގެ ދަލީލަކަށް ގެނެސްފައިވަނީ، ނިދާފައިވާ މީހާ ހޭލަންދެން، ކުޑަކުއްޖާ ބާލިޣުވަންދެން އަދި ބުއްދި ފިލާފައިވާ މީހާ، ބުއްދި ހަމަޖެހެންދެން، މި ތިން މީހުންގެ ކިބައިން ޢަމަލުތަކުގެ ގަލަން އުފުއްލެވިގެންވާ ކަމަށް މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ބަސްފުޅެވެ.
ﷲ ތަޢާލާ، އިންސާނާއަށް ބުއްދި ދެއްވާ، އެ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރާ މީހުންނަށް ތަޢުރީފުކުރައްވާ، ކީރިތި ޤުރްއާނުގައި ބަސް ވަޙީކުރައްވާފައިވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި އެކަލާނގެ ވަނީ، ކައުނުގައި ލައްވާފައިވާ ތަފާތު ހެކިތަކާމެދު ވިސްނާ ފިކުރުކުރުމަށް އަންގަވާފައި ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެއެވެ. އަދި މި ބުއްދީގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރުމުގެ ސަބަބުން އިންސާނިއްޔަތު ކުރިއަރާފައިވާ މިންވަރަށްވެސް ޚުޠުބާގައި އަލިއަޅުވާލާފައި ވެއެވެ. އެގޮތުން، ސައިންސާއި ފަންނިއްޔާތާއި މިނޫނަސް ތަފާތު އެކި ދާއިރާތަކުން އިންސާނާ ހޯދާފައިވާ ކުރިއެރުންތައް، ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ﷲ ތަޢާލާ އާއި އެކަލާނގެ މާތް ނަބިއްޔާ، ޢިލްމު އުނގެނުމަށާއި، ޢިލްމީ ދިރާސާތައް ކޮށް، ތަފާތު ހޯދުންތައް ހޯދުމަށް މުސްލިމުންނަށް ބާރުއަޅުއްވާފައިވާ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ. އަދި ޢިލްމު އުނގެނުމާއެކު އެއާއި އެއްވަރަށް މަސައްކަތްކުރުމަށްވެސް އިސްލާމްދީން ބާރުއަލާފައިވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ޚުޠުބާގައިވަނީ ދިވެހި މުޖުތަމަޢުގައިވެސް އިންސާނާގެ ހަމަބުއްދި ގެއްލޭފަދަ ކަންކަން ކުރުން ޢާންމުވެފައިވާކަން ފާހަގަކޮށް، އެކަމާމެދު ހިތާމަ ފާޅުކޮށްފައެވެ. މިފަދަ ކަންކަން ކުރާ މީހުންނަށް، ﷲ ތަޢާލާ އެ މީހުންގެ ޢަމަލުތައް ބައްލަވާވޮޑިގެންވާކަން ނޭނގެނީތޯ ޚުޠުބާގައި ސުވާލުކޮށްފައިވެއެވެ. އަދި، އެކަމުގެ ތެރޭގައި އުޅެނިކޮށް ކުއްލިއަކަށް މަރުވެދާނެކަމަށް ބިރުވެތި ނުވަނީތޯވެސް ސުވާލުކޮށްފައިވެއެވެ. މިފަދަ މީހުންނަށް، އެ މީހުންގެ ޢަމަލުތަކަށް ޖަޒާދެއްވާނެ ދުވަހެއް ވާކަން ހަނދައިންކޮށްދިނުމަށް، ކަހަފް ސޫރަތުގެ 49 ވަނަ އާޔަތް ޚުޠުބާގައި ގެނެސްފައިވެއެވެ. (އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ عمل ތަކުގެ) ފަތް (އެމީހަކަށް) ދެއްވާނެތެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާމެދު، ކުށްވެރިން ބިރުގެންފައިވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް މިވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެއުރެންކުޅަ އެންމެހައި عمل ތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ.) އޮންލައިންކޮށް ޖުވާކުޅުމާއި ގޮތްނޭނގޭ ތަފާތު ސްކީމްތަކުގައި ބައިވެރިވުމަކީ އެ ކަންކަމަށް ދެވިހިފާ، ހަމަބުއްދިން ވިސްނުމަށް ހުރަސްއެޅި، ޝައިޠާނާގެ ދަންތުރައިގައި ތިމާ ޖައްސުވާނެ ކަންކަން ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ފަހު ޚުޠުބާގައި ބުނެފައިވަނީ، ވަލުޖަނަވާރުންނާއި އިންސާނުންނާއި ތަފާތުކުރުވާ ކަމަކީ އިންސާނާއަށް ދެއްވާފައިވާ ބުއްދީގެ ނިޢުމަތް ކަމަށާއި އެ ބުއްދީގެ ބޭނުން ނުހިފާ، ތިމާ ހިތުހުރި ގޮތަކަށް އުޅޭނަމަ، އެ ވެއްޓެވެނީ ވަލުޖަނަވާރުންނަށްވުރެވެސް ދަށު ދަރަޖައަކަށް ކަމަށެވެ.