ENGLISH

26 ޖުލައި 2025

Advertisement

ހުސް ތޮށިގަނޑެއްހެން ހުރި ޓާމިނަލް ހިދުމަތަށް ނެރެވުނީ ލައްކަ މަސައްކަތުން

24 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވަން ބާކީ ދެން އޮތީ އެންމެ ދުވަހެކެވެ. އައު ޓާމިނަލްގެ ބޭނުންތެރިކަމާއި، އެ ޓާމިނަލުން ދިވެހި އިގުތިސާދަށް ލިބޭނެ މަންފާއާއި، ރާއްޖެއާމެދު ދުނިޔޭގައި ކުރެހިފައި އޮތް ތަސައްވުރަށް ލިބޭނެ ފުރިހަމަކަމަކީ އެންމެންމެ އެއްބަސްވާ ކަމެކެވެ. ޓާމިނަލް ހުޅުވަން ސަރުކާރުން ތައްޔާރުވާން ފެށުމާއެކު، އެ ޓާމިނަލް ބިނާކޮށް ހުޅުވުމާ ހަމައަށް ގެނައި ގެނައުމުގެ ރީތި ނަމާއި ޝަރަފު ބޭނުންފުޅުވެގެން ސިޔާސީ ޕާޓީތަކުގެ ވެރިންނާއި ލީޑަރުން އެކި ގޮތަށް އެކި ވާހަކަދައްކަވަނީ އެހެންވެއެވެ. 

ނަމަވެސް ޓާމިނަލް ހުޅުވައި، އެތަނުން ދަތުރުވެރިންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެވޭ މިންވަރަށް އެތަން ތަރައްގީކުރުމުގެ މަސައްކަތަކީ މި ސަރުކާރުން ކުރި ކުޑަ މަސައްކަތެއް ކަމުގައި ދައްކަން ބަޔަކު މަސައްކަތްކުރިޔަސް، ހަގީގަތަކީ މިހިސާބަށް ވާސިލުވުމަށް ކުރަންޖެހުނު ދަތުރު އުދަގޫ ކަމެވެ. ކުރަންޖެހުނު މަސައްކަތްތައް ބޮޑު ކަމެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެން މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޓާމިނަލް ހުރި ހާލަތު ބައްލަވަން ވަޑައިގަތެވެ. އެ ދުވަހު އެތަން އޮތް ހާލަތު ބައްލަވައި ކުރައްވަން ހުރި މަސައްކަތްތަކުގެ ގިނަކަމާއި ބޮޑުކަން ވަޒަންކުރެއްވުމަށްފަހު އެ މަސައްކަތާ ކުރިމަތިލެއްވީ ވަކި އަމާޒުތަކެއް ކަނޑައަޅުއްވައިގެންނެވެ. 

ރަައީސްގެ ގިޔާދަތުގެ ދަށުން މި މަސައްކަތް ކުރެވިގެންދިޔަ ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފު މުހައްމަދެވެ. 

ހުސް ތޮށިގަނޑަކުން ބޭނުންކުރެވޭ ޓާމިނަލަކަށް 

އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޝަރފު ވިދާޅުވީ މަސައްކަތް ފެއްޓެވިއިރު ގިނަ ގޮންޖެހުންތައް ހުރި ކަމަށެވެ. އެއްކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، މި މަޝްރޫއަށް ފަންޑުކުރާ ތަންތަނުން  ކޮންޓްރެކްޓަރަށް ފައިސާ ދޫކުރުން ލަސްވުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ޓާމިނަލް ބިނާކޮށް ނިންމިޔަސް ހިދުމަތް ފެށުމަށް ޒަރޫރީ ކޮންމެހެން ބޭނުން އެތައް ކަމެއް ގާއިމުކުރުމަށް ގޮތްތަކެއް ހޯދިފައި ނެތުމެވެ. 

"އަޅުގަނޑުމެން ހަވާލުވިއިރު ޓާމިނަލުގެ ގިނަ ތަންތާ ސިމެންތިއެއް ނުޖަހާ، ތަޅުމެއް ނޭޅޭ، ސީލިންއެއް ނޭޅޭ، އެއްވެސް ސިސްޓަމެއް އިންސްޓޯލެއް ނުކުރޭ. މިހެން ގޮސް ބައިވަރު ކަންތައްތަކެއް ހުރި. އޭގެ އިތުރަށް ހެޑް އޮފް ސްޓޭންޑް ރޯޑް ނުވަތަ އޭޕްރަންއާއި ޓާމިނަލް ގުޅުވައިދޭ މައިބަނދަ އެތަންވެސް އޮތީ ނުހެދި. މިދެންނެވި ހެޑް އޮފް ސްޓޭންޑް ދަށުގައި ހުންނާނެ ކަރަންޓާއި ފެނާއި ނަރުދަމާއާއި ކޮމިއުނިކޭޝަނާއި މިހުރިހާ އެއްޗެއް،" ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ހުސް ތޮށިގަނޑެއްގެ ގޮތުގައި އޮތް ޓާމިނަލުގެ ހާލަތު ވަރަށް ތަފުސީލުކޮށް ސިފަކޮށްދެއްވަމުން ޝަރީފު ވިދާޅުވިއެވެ. 

އިތުރަށް ހެޑް އޮފް ސްޓޭންޑު ރޯޑުގެ މުހިއްމުކަން ވިދާޅުވެދެއްވަމުން ޝަރީފު ފާހަގަކުރެއްވީ އެ މަގަކީ ފަސިންޖާ ބަސްތަކާއި، ލަގޭޖު އުފުލާ އުޅަނދުފަހަރާއި، ތެޔޮ ބައުޒަރުތަކާއި އެނޫންވެސް މުހިއްމު ވެހިކަލްތަައް ދަތުރުކުރަން އޮންނަ މަގުކަމެވެ. އޭނާަ ވިދާޅުވި ގޮތުގައި ރައީސް ވެރިކަމަށް ވަޑައިގެންނެވިއިރު މިތަނުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވެސް ނެތެވެ. 

"ހެޑް އޮފް ސްޓޭންޑް ރޯޑު ނުނިމުނުނަމަ ޓާމިނަލް ނިމުނަސް އަދި އަޅުގަނޑުމެންނަށް މިތަން ރަނގަޅަށް ބޭނުންނުކުރެވޭނެ،" ޝަރީފު ވިދާޅުވިއެވެ. 

އިމާރާތުގެ މަސައްކަތް ނިމުނަސް އެތަން ބޭނުންކުރެވޭނީ ކަރަންޓާއި ފެނާއި އެނޫންވެސް ޒަރޫރީ ހިދުމަތްތައް އެތަނަށް ލިބޭނެ ގޮތްތައް ހަމަޖެހިގެންނެވެ. ނަމަވެސް އެ ހިދުމަތްތައް ޓާމިނަލަށް ލިބޭނެ ގޮތްތައްވެސް އޮތީ ފަހިނުކުރެވިއެވެ. ކަރަންޓަށް ބަލާނަމަ ޓާމިނަލަށް ބޭނުންވާ ކަރަންޓުގެ ދެބައިކުޅަ އެއްބައިވެސް އުފެއްދޭނެ ވަސީލަތްތައް ގާއިމުކުރެވިފައި ނެތެވެ. ކަރަންޓު އުފައްދަން ގެނައި ޖަނަރޭޓަރުތައް ގެނެސްފައި ހުންނަތާ ދުވަސްވެގެން އެތަކެތި އުފެެއްދި ކުންފުނީގެ އެހީގައި އެތަކެތި މަރާމާތުކުރަންޖެހުނެވެ. އަދި އިތުރު ޖަނަރޭޓަރުތައް ގެނެސް ކެޕޭސިޓީ އިތުރުކުރަންޖެހުނެވެ. 

ކުރީ ސަރުކާރުން ގެނެސްފައި ހުރި ޖަނަރޭޓަރުތަކުން އުފެއްދެނީ އެންމެ ހަތަރު މެގަވޯޓުގެ ކަރަންޓެވެ. އެ ޖަނަރޭޓަރުތައް ބަހައްޓާފައި ހުރީ ރަނގަޅަށް ހިޔާވެސްނުވާ ތަނެއްގައެވެ. އެކަން ބަދަލުކޮށް 16 މެގަވޯޓުގެ ކަރަންޓު އުފެއްދޭނެ ގާބިލުކަން ގާއިމުކުރީ މި ސަރުކާރުންނެވެ.

"ފަސިންޖަރުންގެ ފާހާނާ ސިވެރޭޖު މެކޭނިޒަމެއް ނިޒާމެއް ނެތް. އެވެސް އެވޯޑުކޮށްފައި އެއޮތީ ދީފައި. މި ޓާމިނަލަކީ ފެނުން ފިނިކުރާ ނިޒާމެއް ގާއިމުކޮށްފައިވާ ތަނެއް. އެއަށް ބޭނުންވާ ފެން އުފެއްދޭނެ ކެޕޭސިޓީއާއި މިކޮޅަށް ފެން ޑިސްޓްރިބިއުޓް ކުރާނެ ޕައިޕްލައިނެއް ނެތް. މިހުރިހާ ކަމެއްވެސްކޮށްފައި މިހުރީ.،" ޝަރީފު ވިދާޅުވިއެވެ. 

ޝަރީފު ވިދާޅުވި ގޮތުގައި ޓާމިނަލުގެ އިމާރާތުގެ މަސައްކަތް ނިމުނަސް އެ ވަސީލަތްތަކާއި ހިދުމަތްތައް ގާއިމުނުކުރެވުނުނަމަ، އެތަން ކޮމިޝަންކޮށް، ހިދުމަތްތައް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ޓްރައިލްތައް ފުރިހަމަނުކުރެވުނީހެވެ. 

ޓާމިނަލުގެ އިމާރާތުގައި ނުނިމިހުރި ގިނަ މަސައްކަތްތައް ނިންމުމާއެކު، ޓާމިނަލް އޮޕަރޭޓުކޮށް އެތަނުން ހިދުމަތް ދިނުމަށް ތަނުގައި ފުރިހަމަވާންޖެހޭ ހުރިހާ ވަސީލަަތްތައް ފުރިހަމަކުރީ މި ސަރުކާރުންކަން އެމްއޭސީއެލްގެ ހުރިހާ މުވައްޒަފުން ދަނެއެވެ. އެ މަސައްކަތްތައް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވީ އެ މުވައްޒަފުންނެވެ. މަސައްކަތް ކުރެވި ނިމިގެން ދިޔައީ އެ މުވައްޒަފުންގެ ލޯތައް ކުރިމަތީގައެވެ. 

ޓާމިނަލް ހުޅުވިގެންދަނީ ގިނަ ބަޔަކު ކުރި ބުރަ މަސައްކަތުންނެވެ. އެމްއޭސީއެލްގެ ވެރިންނާއި މުވައްޒަފުންގެ ހިތްވަރުންނެވެ. ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެކަމަށް ދެއްވި އިސްކަމާއި އަހައްމިއްޔަތާއެކު މަސައްކަތުގެ ދުވެލި ހަލުއިކުރެވި، ގާއިމުކުރަަންޖެހޭ ހުރިހާ ވަސީލަތްތަކެއް ދޮޅު އަހަރު ތެރޭ ގާއިމުކުރެވިގެންދިއުމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު