ENGLISH

26 ޖުލައި 2025

Advertisement

މިނިވަން ދުވަހުގެ މަގުމަތީ ހިނގާލުން މާލެއާއި ހުޅުމާލޭގައި

24 ޖުލައި 2025

|

އަޙުމަދު ޙަމީދު

ސިފައިންގެ މަގުމަތީ ހިނގާލުން -- ފައިލް ފޮޓޯ

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ބާއްވާ މަގުމަތީ ހިނގާލުން މާލެ އާއި ހުޅުމާލޭގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން، މާލޭގައި ބާއްވަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ ޖުލައި 26ވަނަ ދުވަހުގެ ހަވީރު 16:15ގައި ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މާޗް ޕާސްޓާއި ކުޅިވަރުގެ ހަރަކާތްތަކާ އެކުގަ އެވެ. އަދި، ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ ޖުލައި 27 ވަނަ ދުވަހުގެ ހަވީރު 16:15ގަ އެވެ.

އެމްއެންޑީއެފްގެ މަގުމަތީ ހިނގާލުމުގައި، މިލިޓަރީ ބޭންޑާ އެކު، ފަސް ގެމައެއް ހިމެނޭނެ އެވެ. މި މަގުމަތީ ހިނގާލުމުގެ މެހިތަރަކަށް ހުންނަވާނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލް، ކާނަލް ޙުސައިން ޢަލީއެވެ.

މާލޭގައި ބާއްވާ މަގުމަތީ ހިނގާލުން ވެލާނާގޭ ކަންމަތިން ފަށައިގެން ލަޝްކަރު ފަސް ސަރަހައްދެއްގައި ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ޖަންކްޝަން، މިލިއަން ބުކްޝޮޕް ކައިރި، ކަޅުތުއްކަލާކޮށީ ހުޅަނގުއުތުރު ކަންމަތީގައި ލަޝްކަރު މަޑުކޮށް، މިލިޓަރީ ބޭންޑުން ރާގު ކުޅޭނެއެވެ.

ހުޅުމާލޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ، ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރީންނެވެ. އަދި ދެ ސަރަހައްދަކަށް ހުއްޓި މިލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް އިރުމަތި އެންޓްރާންސްއާއި ސިފްކޯ/ޕޮލްކޯ ފުލެޓްތަކުގެ ހުޅަނގު ފަރާތެވެ.

މިނިވަން ދުވަހުގެ ހިނގާލުމުގައި މި އަހަރު ސިފައިންނާ އެކު، ސްކޫލުތަކުގެ ކެޑޭޓުން ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު