ENGLISH
10 ސެޕްޓެމްބަރު 2025
ލާމަރުކަޒީ ވެރިކަމުގެ ނަމޫނާ؛ ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ކަންކަން ބަދަލުކުރެއްވުން
24 ޖުލައި 2025
|
ރައީސް ޑރ.މުޢިއްޒު ނ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޒަމާނުއްސުރެ ރާއްޖޭގައި ވެރިކަން ހިނގަމުންދާ އުސޫލަކީ މާލޭގައި ތިއްބަވާ ވަޒީރުން ނިންމަވާ ގޮތަކަށް ރަށްރަށުގައި ކަންކަން ތަރުތީބުކުރެވި ހިނގަމުން ދިއުމެވެ. ރައްޔިތުން ނުރުހުނަސް، ރައްޔިތުންނަށް ދަތިވިޔަސް، ރަށްފުށުގައި ދިރިއުޅޭ ރައްޔިތުންނަށް ހައްގުވެފައި އޮތް މިންވަރަކީ އެއީއެވެ. މިދެންނެވި އުސޫލު ބަދަލުކުރުމަށް ގާނޫނުއަސާސީގައި އެކަށައެޅި ނިޒާމަކީ ލާމަަރުކަޒީ ނިޒާމެވެ.
އެ ނިޒާމުގެ ދަށުން ރަށްރަށުގައި ކައުންސިލުތައް އުފެދިއްޖެއެވެ. ރައްޔިތުން އިންތިހާބުކުރާ ކައުންސިލަރުން ރަށް ހިންގަވާ ވެރިންގެ ގޮތުގައި ކަނޑައެޅިއްޖެއެވެ. ބަދަލުނުވީ ކަން ހިނގާ ގޮތެވެ. ރަށްރަށުގައި މަޝްރޫއުތައް ހިންގަނީ މާލޭގައި ތިބޭ ބަޔަކު ފަރުމާކުރާ ގޮތަށް، ބޭނުންވާ ތަރުތީބަކުން، އެބަޔަކަށް ފެންނަ މޮޅު ގޮތަށެވެ. ކައުންސިލަރުންގެ ދައުރަކަށްވެފައި އޮތީ މަޝްރޫއުތައް ހިންގަން ބިން ކަނޑައަޅައިދިނުމާއި މަގުފަހިކުރުމާއި، މަޝްރޫއުތައް ހިނގާ ތަން ބެއްލެވުމެވެ.
އިންތިހާބީ މަގާމުތަކެއް ކަމުގައިވާތީ ރައްޔިތުން ހިތްހަމަނުޖެހޭ ގޮތަށް ކަންކަން ހިނގަން ފެށުމުން އެ ރައްޔިތުން ފިއްތުން ކުރިމަތިވަނީ ކައުންސިލަރުންނަށެވެ. ކިތަންމެ ފިއްތުން ބޮޑުވިޔަސް ކައުންސިލަރުންނަށް ކުރެއްވޭނެ މާބޮޑު ކަމެއް ނޯވެއެވެ. ދަތުރު ހައްދަވައިގެން ކައުންސިލަރުން މާލެ ވަޑައިގެން އެއް ވުޒާރާއިން އަނެއް ވުޒާރާއަށް ހިންގަވައެވެ. ގިނަ ފަހަރު ވަޒީރެއްގެ ފައިންޕުޅު ފެނިވަޑައިނުގެން މާލެއިން ފުރާވަޑައިގަންނަވަން ޖެހިވަޑައިގަންނަވަނީ ނާއުންމީދާއި މޮޅިވެރިކަމުގައި އިސްޖައްސަވައިގެންނެވެ.
ތަފާތު ފަންނަން ފެށީ މިހާރެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ފަައިންޕުޅު ދެކެވަޑައިގަތުމަށް ކައުންސިލަރުން މާލެއަށް ވަޑައިގަންނަވަން ނުޖެހެއެވެ. އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ކައުންސިލަރުންނާ ބައްދަލުކުރައްވައެވެ. އަރިހުގައި ވަޒީރުން ގެންދަވައެވެ. އެހެންވީމާ ވަޒީރުންގެ ކަންފަތްޕުޅަށް އިއްވަވަން ބޭނުންފުޅު ޝަކުވާތައް ރައީސްގެ ހާޒިރުގައި ކައުންސިލަރުންނަށް އިއްވެވެއެވެ. ރައީސް އެ އަޑު އައްސަވައެވެ.
މިދެންނެވި ބަދަލާއެކު ފެނުނު އަނެއްކަމަކީ ރައްޔިތުން ބޭނުންވާ ގޮތަކީ އެއަށް އިހުތިރާމުކުރަންޖެހޭ ކަމެއް ކަމުގައި ސަރުކާރުން ގަބޫލުކުރާކަން ފެނުމެވެ. ރަށްރަށުގައި ހިންގަމުންދާ މަޝްރޫއުތައް ހިންގާނީ ރައްޔިތުން ބޭނުންވާ ގޮތަށްކަން ސަރުކާރުން ދައްކުވައިދިނުމެވެ. އެއީ ރައީސް ޑރ.މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން، އެމަނިކުފާނު ދައްކަވާ ނަމޫނާއަށް ތަބާވުމުގެ ގޮތުން ކުރިއަށްދާ ކަމެކެވެ.
ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ބައެއް ރަށްރަށުގެ ރައްޔިތުން ބޭނުންވާ ގޮަތަށް އެ ރަށްރަށުގައި ފެށެން އުޅޭ އަދި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ބަދަލުކުރެއްވިއެވެ. އެއް ރަށުގެ ސިއްހީ މަރުކަޒު އަޅަން ހަވާލުކުރި އެއްބަސްވުމާމެދު ރައްޔިތުން ހިތްހަމަނުޖެހުމުން އެ ރައްޔިތުން ބޭނުންވާ ގޮތަށް އެ މަޝްރޫއު ބަދަލުކުރެއްވީއެވެ.
ބިން ހިއްކާ ރަށްރަށުގައި ރައްޔިތުންގެ ހިޔާލު ހޯއްދަވައި ގެންނަވަންޖެހޭ ބަދަަލުތައް ގެންނަވައެވެ. ރައްޔިތުން ބޭނުންވެގެން ބައެއް މަޝްރޫއުތަކުގައި ކުރިން ނެތް ކަންކަން ފަހުން މަޝްރޫއުތަކުގެ ތެރެއަށް އިތުރުކޮށްދެއްވައެވެ. ޅޮހީ ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން އެ ރަށުގެ ރިންގްރޯޑު ތަރައްގީކުރަން ނިންމެވި ގޮތަށެވެ.
މިކަން ފާހަގަކުރައްވައި މިނިސްޓަރ އޮފް ސިޓީލް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު އުމަރު ވިދާޅުވީ ރަށްރަށުގައި ސަރުކާރުގެ އެކި އިދާރާތަކުން ފަށާފައި ހުރި މަޝްރޫއުތައް ރައްޔިތުން އެދޭ ގޮތަށް ބަދަލުކުރައްވައި، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަަން ތަރުތީބުކޮށް ރާއްވަވައި ހިންގެވުމަށް ރައީސް ބާރުއަޅުއްވާ މިންވަރު ނ.ދަތުރުފުޅުގައި ފާހަގަކުރެއްވުނު ކަމަށެވެ.
އަދި އެއީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާއި، ރައްޔިތުންނާ ގާތުން ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކުރެއްވުމަށް ރައީސް އިސްކަންދެއްވާ މިންވަރު ހާމަވާ ކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި ރައީސްގެ މި އަމަލުފުޅުތަކުގެ ސަބަބުން ކުރިމަގުގައި ސަރުކާރުގެ މަޝްރޫއުތައް ރާވައި ހިންގުމުގައި ރައްޔިތުންގެ މަޝްވަރާއާައި ހިޔާލު ހޯދުމުގެ މަފުހޫމަށް މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ހިތްވަރު ލިބުނު ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.
ތެދުފުޅެކެވެ. ރަށްރަށުގެ ތަރައްގީގެ މިލްކުވެރިކަން އެ ރަށްރަށުގެ ރައްޔިތުންނަށް ދޫކޮށްލައްވައި، ރައްޔިތުން ބޭނުންވާ ގޮތަށް އެކަންކަން ފަރުމާކުރެއްވުމުގެ ނަމޫނާ ދައްކަވަނީ ރައީސެވެ. ލާމަރުކަޒީ ނިޒާމު އުފަންކުރިކަމަށް ދައުވާކުރައްވާ ލީޑަރުންގެ ވެރިކަމުގައި މިފަދަައިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް ހައްގު ޖާގަދީގެން މަސައްކަތްކުރައްވާ މަންޒަރު ނުފެނެއެވެ.