ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ކޮންމެ ޕާޓީއަކުން ހޮވުނަސް އިންތިހާބުވުމަށްފަހު ހިދުމަތްކުރަންޖެހޭނީ ހުރިހާ ރައްޔިތުންނަށް: ރައީސް

24 ޖުލައި 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ކޮންމެ ޕާޓީއަކުން ހޮވުނަސް އިންތިހާބުވުމަށްފަހު ހިދުމަތްކުރަންޖެހޭނީ ހުރިހާ ރައްޔިތުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅުދެއްކެވީ ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނ. ވެލިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެރަށުގައި އިއްޔެ ފެށި ތަރައްޤީގެ ހަތަރު މަޝްރޫޢުގެ އިތުރުން، ރައްޔިތުން ބޭނުންވާ އިތުރު ތަރައްޤީ އެރަށަށް ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މުޅި ރާއްޖޭގައި މަޝްރޫޢުތައް ހިންގަނީ ދިވެހީންގެ މިނިވަންކަން ޙިމާޔަތްކޮށް، އިޤްތީޞާދު ނަގައި ކޮޅަށް ޖެހުމުގެ އިތުރުން އަމިއްލަވަންތަކަން ޔަގީންކޮށްގެން ކަމަށެވެ.

މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި އެންމެ މުހިއްމީ ރައްޔިތުންނާއި، ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ ބޭފުޅުންގެ އެއްބާރުލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް ވެލިދޫ ދާއިރާގެ މެމްބަރުން ހޮއްވަވާފައިވާ މަޖިލިސް މެމްބަރު މުޙައްމަދު އައްބާސްގެ ފަރާތުން އެ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެއްބާރުލުން ނުލިބޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މެމްބަރު އައްބާސްގެ ފަރާތުން އެއްބާރުލުން ނުލިބޭކަން ނ. ފޮއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައްޔިތުން އިންތިޚާބުކުރާ ހުރިހާ މެމްބަރުންނަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރެއްވީ ޒިންމާދާރުކަމާއެކު މަސައްކަތް ކުރެއްވުމަށެވެ.

""ރައްޔިތުން ހޮވުމަށްފަހު. ކޮންމެ ޕާޓީއަކުން ހޮވުނަސް ދެން ހިދުމަތް ކުރަންޖެހޭނީ ހުރިހާ ރައްޔިތުންނަށް. އޭރަކު ހޮވިފަ އޮންނަ ސަރުކާރަކީ ތިމަންނަ ނިސްބަތްވާ ސަރުކާރަށް ނުވަންޏާ ނޫނީޔާ ހިޔާލުތަފާތުވަންޏާ އެއީ ރައްޔިތުންނަށް ޒިންމާ އަދާކުރުމުގަ އެއްވެސް ކަހަލަ ހުރަހަކަށް ވާންޖެހޭ ކަމަކަށް ނުވާނެ" " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މެމްބަރުގެ ފަރާތުން އެއްބާރުލުން ނުލިބި، ދަތިތަކެއް ހުރިކަމުގައި ވިޔަސް ވެލިދޫގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދެއްވައިގެން ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ވެލިދޫގައި ވަނީ މުހިއްމު ހަތަރު މަޝްރޫޢެއް ފައްޓަވައިދެއްވާފައެވެ. އެރަށުގައި ފެއްޓެވި މަޝްރޫޢުތަކަކީ ވެލިދޫގެ ބިމަށް އިތުރުކުރާ 2.7 ހެކްޓަރު ހިއްކުމުގެ މަޝްރޫޢާއި، އެރަށުގައި ފުލުހުންގެ މަރުކަޒު ޤާއިމުކުރުމާއި، ޞިއްޙީ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އެރަށުގައި ސަރުކާރުން ޤާއިމުކުރާ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ މަޝްރޫޢެވެ. 

ކިޔުންތެރިންގެ ހިޔާލު