ENGLISH
10 ސެޕްޓެމްބަރު 2025
ފުރަތަމަ ޓާމު ނިންމާލައި، ދަރިވަރުން ޗުއްޓީއަށް
24 ޖުލައި 2025
|
ސްކޫލު ދަރިވަރުންތަކެއް ސްކޫލު ބޭރުގައި، ފޮޓޯ: މިހާރު
ދިރާސީ އަހަރުގެ ފުރަތަމަ ޓާމު ނިންމައި ދަރިވަރުންނަށް ރިޕޯޓު ފޮތް ހަވާލުކުރުމަށްފަހު މިއަދުން ފެށިގެން ސްކޫލު ޗުއްޓީ ފަށައިފިއެވެ.
ފާއިތުވި ހޯމަދުވަހު ގިނަ ދަރިވަރުންގެ އިމްތިހާނުތައް ނިމުނު ނަމަވެސް ރިޕޯޓު ފޮތް ހަވާލުކުރީ މިއަދުއެވެ. އެހެންކަމުން މިއަދަކީ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ފަހު ދުވަހެވެ. މިއަދުން ފެށިގެން ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
ދެން ކިޔެވުން ފެށޭނީ އަންނަ އޯގަސްޓު މަހުގެ ދިހަވަނަ ދުވަހުއެވެ. އެއަށްފަހު ސެޕްޓަންބަރު މަހުގައި ދަރިވަރުންނަށް މިޑް ޓާމް ބްރޭކުގެ ގޮތުގައި އިތުރު ނުވަ ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ. މި އަހަރު ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރު މަހުއެވެ.
ޑިސެންބަރު މަހު އަހަރީ ބޮޑު ޗުއްޓީގެ ގޮތުގައި ދަރިވަރުންނަށް ދޮޅު މަހުގެ ޗުއްޓީއެއް ލިބޭނެއެވެ. އެއަށްފަހު އަންނަ ދިރާސީ އަހަރު ފަށާނީ އަހަރުގެ ކުރީ ކޮޅުގައެވެ.
މި އަހަރު ކިޔެވުން ފެށީ 96،000 ދަރިވަރުންނާއެކުއެވެ. އެއިން 83،000 ދަރިވަރުން ކިޔަވަނީ ސަރުކާރު ސްކޫލުތަކުގައެވެ. އަމިއްލަ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދަކީ 13،000 އެވެ. ދިރާސީ އަހަރުގެ ކިޔެވުން ފެށީ މޭ މަހުގެ ތެރޭގައެވެ.