ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ޗައިނާ-މޯލްޑިވްސް އެފްޓީއޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބޭނެ: ސަފީރު ކޮންގް ޝީއަންހުއާ

24 ޖުލައި 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް (ސީއެމްއެފްޓީއޭ) އަކީ ދިވެހިރާއްޖެއިން ސޮއިކުރި ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުން ކަމުގައިވާއިރު، މި އެއްބަސްވުމުގެ ސަބަބުން ދިވެހި އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއް ލިބޭނެކަމަށް ޗައިނާއިން ދިވެހި ރާއްޖެއަށް ކަންޑައަޅުއްވާފައިވާ ސަފީރު  ކޮންގް ޝީއަންހުއާ ވިދާޅުވެއްޖެއެވެ.

މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ވަނީ ރާއްޖޭގެ އެކްސްޕޯޓްގެ 91.1 އިންސައްތައިން ނަގާ ޓެރިފް އުވާލާފައެވެ. އެހެންކަމުން، ދިވެހި މުދާ ޗައިނާގެ ބޮޑު މާކެޓަށް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ މަގު ތަނަވަސްވެފައިވެއެވެ. އޭގެ އިތުރަށް ކަސްޓަމްސްއާއި ވިޔަފާރީގެ ދާއިރާއިން ދިވެހި ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ދިވެހި ކަނޑުގެ އުފެއްދުންތައް ފަދަ އަވަހަށް ހަލާކުވާ މުދާ ހަލުއިކޮށް އެތެރެކުރެވޭނެ މަގުތައް މި އެއްބަސްވުމުން ފަހިވާކަން ސަފީރު ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން، ރާއްޖެއިން ވެސް ވަނީ ޗައިނާއިން އެތެރެކުރާ މުދަލުގެ 70.3 އިންސައްތައިން ނަގާ ޓެރިފް ކުޑަކޮށްފައިވާކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ މިއިން ގިނަ މުދަލަކީ ރާއްޖޭގައު ނުއުފައްދާ، ރާއްޖެއަށް އެތެރެކުރަންޖެހޭ މުދާތަކެއް ކަމުގައެވެ. ދުނިޔޭގެ އެންމެ ބޮޑު ސިނާއީ އުފެއްދުންތެރި ގައުމުގެ ހައިސިއްޔަތުން ޗައިނާއަކީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ މުދާ ހޯދުމަށް އެންމެ ރަނގަޅު އެކަށޭނެ ބާޒާރުކަމުގައި ސަފީރު ވިދާޅުވިއެވެ. 

ސަފީރު ވިދާޅުވި ގޮތުގައި، މި މުދަލުގެ ތެރޭގައި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނާއި، އިލެކްޓްރޯނިކްސްއާއި، މެޝިނަރީއާއި، ފަރުނީޗަރު ހިމެނެއެވެ. މިކަމުގެ ސަބަބުން މިފަދަ ތަކެތީގެ އަގުހެޔޮވެ، އެތެރެކުރުމުގެ ކަންކަން އަވަސްވެ، ދިވެހި ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބި، ކަސްޓަމަރުންނަށް ވެސް ޚަރަދު ކުޑަވެގެންދެއެވެ. އަދި، ކަސްޓަމްސް ކްލިއަރެންސްގެ މުއްދަތު 5-7 ދުވަހުން އެންމެ 2-3 ދުވަހަށް ވަނީ ކުޑަކުރެވިފައެވެ.

މި އެއްބަސްވުމުގެ ސަބަބުން މަސްވެރިކަން، ދަނޑުވެރިކަން، ކާބޯތަކެތީގެ ބާވަތްތައް ޕްރޮސެސްކުރުން އަދި ޑިޖިޓަލް ޚިދުމަތްތައް ފަދަ ދާއިރާތަކުން ޗައިނާއިން ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް އަންނާނެ ކަމަށް ލަފާކުރެވެއެވެ.

ސަފީރު ކޮންގް ޝީއަންހުއާ ވިދާޅުވާ ގޮތުގައި، ސީއެމްއެފްޓީއޭއަކީ ހަމައެކަނި ވިޔަފާރީގެ މުޢާމަލާތެއް ނޫނެވެ. މިއީ އިންސާފުވެރިކަމާއި، ހިއްސާވާ ތަރައްޤީގެ މައްޗަށް ބިނާކޮށް، ބޮޑު ޤައުމަކާއި ކުޑަ ޤައުމެއްގެ މެދުގައި ހަރުދަނާ ޕާޓްނަރޝިޕެއް ބިނާކުރުމެވެ.

ޗައިނާގެ ސަފީރު ކޮންގް ޝީ އަންހުއާ ވިދާޅުވެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ޢިލްމާއި ތަޖުރިބާ ހިއްސާކުރުމުގެ ފުރުޞަތުތައް ތަނަވަސްވެގެންދާނެއެވެ.

މިއީ ދެ ޤައުމުގެ ރައްޔިތުންނަށް ދެމިތިބޭ ފައިދާތަކެއް ލިބި، ސުލްހަ މަސްލަހަތާއި ކުރިއެރުން ލިބިގެންދާނެ އެއްބަސްވުމެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު