ENGLISH
14 ޖުލައި 2025
ޤައުމީ ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހުޖާން ހޯދައިފި
13 ޖުލައި 2025
|
މީގެކުރީން، ހުޖާން ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: ސީއޭއެމް
ތިރީސް ހަތަރުވަނަ ޤައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން އިބްރާހިމް ހުޖާން އަލީ ހޯދައިފިއެވެ.
މިއީ ޤައުމީ ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ހުޖާން ހޯދީ ފުރަތަމަ ފަހަރެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް އެރީނާގައި މިރޭ ކުޅުނު ފިރިހެން ސިންގަލްސް ފައިނަލް މެޗުގައި މިދިޔަ ތިން އަހަރުގެ ޤައުމީ ޗެމްޕިއަން، އިސްމާއިލް އަޒްމީން އަތުން ހުޖާން މޮޅުވީ ސީދާ ދެ ސެޓުންނެވެ.
ފައިނަލް މެޗުގެ ސެޓުތައް ހުޖާން ކާމިޔާބުކުރީ 25-10، 25-15 އިންނެވެ.
މިއީ މިދިޔަ އަހަރުގެ ޤައުމީ ކެރަމް މުބާރާތުގެ ސިންގަލްސް ފައިނަލުގައި އަޒްމީން އަތުން ބަލިވި ހުޖާން އަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އަނެއްކޮޅުން، މިއީ ޤައުމީ ކެރަމް މުބާރާތުގެ ސިންގަލްސް ފައިނަލުގައި އަޒްމީން ބަލިވި ހަތަރުވަނަ ފަހަރެވެ. އޭނާ ވަނީ މިހާތަނަށް ހަތް ފަހަރު ޤައުމީ މުބާރާތުގެ ސިންގަލްސް ފައިނަލުގައި ކުޅެފައެވެ.
މީގެއިތުރުން، ހުޖާން ވަނީ އަޒްމީން އާއެކު މިފަހަރުގެ މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓްގެ އިތުރުން ޓީމް އިވެންޓްގެ ބައިން ކުޑަ ހެންވޭރު ޔުނައިޓެޑާއެކު ޗެމްޕިއަންކަން ހޯދައިފައެވެ.