ENGLISH

14 ޖުލައި 2025

Advertisement

ހަތްވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައި، ވިދާދް އަށް ޤައުމީ ރެކޯޑެއް

13 ޖުލައި 2025

|

މުޙައްމަދު އަދުހަމް

ވިދާދް، މީގެކުރީން ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ސީއޭއެމް

ތިރީސް ހަތަރުވަނަ ޤައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ އަންހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ހަތްވަނަ ފަހަރަށް ހޯދައި، އައިމިނަތު ވިދާދް ރެކޯޑެއް ޤާއިމުކޮށްފިއެވެ.

މީގެކުރީން، ޤައުމީ ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދާފައިވާ ހުސައިން ނީޝަމް (ނީނީ) އާއި ހަސަން ނާޒިމް (ނާނަ) ގެ އިތުރުން ވިދާދް އާއި ޝަޒްނާ އެ ރެކޯޑް ހިއްސާކުރީ، ހަ ފަހަރު ކާމިޔާބުކޮށްގެންނެވެ.

ވިދާދް، ޤައުމީ ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ، 2017، 2018، 2019، 2021، 2022 އާއި 2024ގެ އިތުރުން 2025 އެވެ. މިދިޔަ އަށް އަހަރުގެ ތެރޭގައި އޭނާ އަށް ނާކާމިޔާބުވީ، 2023 ވަނަ އަހަރުގެ ފައިނަލް އެކަންޏެވެ. އެފަހަރު ޗެމްޕިއަންކަން ހޯދީ އާމިނަތު ވިޝާމާ އެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް އެރީނާގައި މިއަދު ހަވީރު ކުޅުނު އަންހެން ސިންގަލްސް ފައިނަލް މެޗުގައި ވިދާދް ވަނީ ފަހަތުންއަރައި، 2-1 ސެޓުން އައިޝަތު ނަހުފާ ބަލިކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި 24-17 އިން ނަހުފާ ކުރިހޯދާފައިވަނިކޮށް، ވިދާދް ވަނީ ދެންޖެހިގެންއައި ދެ ސެޓުން 21-11 އާއި 25-8 އިން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދާފައެވެ.

މީގެއިތުރުން، ވިދާދް އާއި ނަހުފާ އަކީ މިފަހަރުގެ މުބާރާތުގެ އަންހެނުންގެ ޓީމް އިވެންޓްގެ ބައިން ޗެމްޕިއަންކަން ހޯދީ ކުޑަ ހެންވޭރު ޔުނައިޓެޑްގެ ކުޅުންތެރިންނެވެ. އެ ދެ ކުޅުންތެރިންގެ ޕެއާ އަށް އަންހެން ޑަބަލްސް ފައިނަލުގައި ކުރިމަތިވީ ނާކާމިޔާބީ އެވެ.

މި މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރެ އެވެ. އެ މެޗުގައި ބައްދަލުކުރާނީ މިދިޔަ ތިން އަހަރުގެ ޗެމްޕިއަން، އިސްމާއިލް އަޒްމީން އާއި އިބްރާހިމް ހުޖާން އަލީ އެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 8:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު