ENGLISH
12 ޖުލައި 2025
ޤައުމީ ވޮލީބޯލް ޗެމްޕިއަންޝިޕް: ދަޑިމަގު ބަލިކޮށް، ސިފައިން ފައިނަލަށް
12 ޖުލައި 2025
|
ދަޑިމަގާ ދެކޮޅަށް ސިފައިން ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް
މިހާރު ކުރިއަށްދާ ޤައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި ރޭ ކުޅުނު ދެވަނަ ސެމީގައި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބަލިކޮށް، ދިވެހި ސިފައިންގެ ކްލަބުން އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުން ސިފައިން މޮޅުވީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ސެޓުތައް ދިވެހި ސިފައިންގެ ކްލަބުން ކާމިޔާބުކުރީ 25-19، 25-15 އަދި 25-16 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ ބިދޭސީ ކުޅުންތެރިޔާ، ޗިރާގް އެވެ.
މި މެޗުން މޮޅުވެ، ފައިނަލްގެ ސީދާ ޖާގައެއް ސިފައިންގެ ކްލަބުން ހޯދިއިރު، މެޗުން ބަލިވި ދަޑިމަގު ދެން ޖެހޭނީ ތިންވަނަ ސެމީގައި ވާދަކުރާށެވެ. މި މެޗުގައި އެ ޓީމުން ނިކުންނާނީ ކްލަބް އެޗްޑީސީއާ ދެކޮޅަށެވެ.
މި މުބާރާތުގެ ތިންވަނަ ސެމީ ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން ރޭގަނޑު 8:30 ގައެވެ. މުބާރާތުގެ ފައިނަލް މެޗު އޮތީ މި މަހުގެ 14 ވާ ހޯމަ ދުވަހު އެވެ.