ENGLISH

10 ޖުލައި 2025

Advertisement

އެޗްޑީސީ އަތުން ބަލިވިޔަސް ސިފައިންނަށް ލީގު ޗެމްޕިއަންކަން

09 ޖުލައި 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގައި ވާދަކުރި ދިވެހި ސިފައިންގެ ކްލަބު. ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ، ޤައުމީ ވޮލީބޯލް ލީގުގައި، ކްލަބް އެޗްޑީސީ އަތުން ބަލިވިޔަސް، ދިވެހި ސިފައިންގެ ކްލަބު ލީގު ޗެމްޕިއަންކަން މިރޭ ހޯދައިފިއެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި ސިފައިން ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، މިއީ އެޗްޑީސީގެ ދެވަނަ މޮޅެވެ. އަނެއް ދެ މެޗުން ވަނީ ބަލިވެފައެވެ.

މި ނަތީޖާއާއެކު، ސިފައިންނަށް އެއްވަނަ މަގާމު ލިބުނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށްގެންނެވެ. ދެވަނައިގައި ހުރާ ކޮމިއުނިޓީ ކްލަބް އޮތްއިރު، އެޗްޑީސީ އަށް ލިބުނީ ތިންވަނަ މަގާމެވެ. ލީގުގެ ހަތަރުވަނަ މަގާމާއެކު ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ވަނީ ޤައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފަހު ޖާގަ ހޯދައިފައެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗުގައި ސިފައިން އަތުން އެޗްޑީސީ މޮޅުވީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި އެޗްޑީސީ އިން ވަނީ 25-22 އިން ކުރިހޯދައިފައެވެ. ދެވަނަ ސެޓު ވެސް އެ ޓީމު ކާމިޔާބުކުރީ 25-22 އިންނެވެ. އެއަށްފަހު، ދެން ކުޅުނު ފަހު ސެޓުން ވާދަވެރި ކުޅުމަކަށްފަހު އެޗްޑީސީ މޮޅުވީ 28-26 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ބިދޭސީ ކުޅުންތެރިޔާ، ގިރާލްޑޯ އެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ހުރާ ޓީމު އަތުން ދަޑިމަގު މޮޅުވީ 3-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ދެ ސެޓުން 25-17 އަދި 25-20 އިން ދަޑިމަގު ކުރިހޯދާފައިވަނިކޮށް، ހުރާ ޓީމުން ވަނީ ދެންޖެހިގެންއައި ތިންވަނަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު، 32-30 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް، ދެން ކުޅުނު ހަތަރުވަނަ ސެޓް 26-24 އިން ކުރިހޯދައި، ދަޑިމަގުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަޑިމަގުގެ އަލީ ހުޒާމް އެވެ.

ކިޔުންތެރިންގެ ހިޔާލު