ENGLISH
12 ޖުލައި 2025
ޔޫރަޕުގެ ރަސްގެފާނާއި އެންމެ ފަހުގެ ޗެމްޕިއަންގެ ކުރިމަތިލުން، މިރޭ
09 ޖުލައި 2025
|
ރެއާލް އަދި ޑޯޓްމަންޑް ބައްދަލުކުރި މެޗުގައި އެމްބާޕޭ ކާމިޔާބުކުރި ލަނޑު. -- ފޮޓޯ: އޭއެސް ޔޫއެސްއޭ
ޔޫރަޕުގެ ކުލަބުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ޔުއެފާ ޗެމްޕިއަންސް ލީގު އެންމެ ގިނައިން ކާމިޔާބުކޮށް، "ޔޫރަޕުގެ ރަސްގެފާނު" ގެ ނަމުން މަޝްހޫރުވެފައިވާ ރެއާލް މެޑްރިޑް، އަދި އެންމެ ފަހުން މުބާރާތް ކާމިޔާބުކުރި ޕީއެސްޖީގެ ކުރިމަތިލުމެއް، މިރޭ އޮންނާނެއެވެ.
ފީފާ ކްލަބް ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި މި ދެޓީމު ވާދަކުރާއިރު، މި މެޗު ޚާއްޞަވާ އިތުރު ސަބަބެއް ވެސް އެބަ އޮތެވެ. އެއީ، ޕީއެސްޖީއަށް ކުރިން ކުޅުނު ފްރާންސްގެ ކިލިއަން އެމްބާޕޭ، ރެއާލްގެ ޖަރޒީގައި އޭނާގެ ކުރީގެ ޓީމާއި ދެކޮޅަށް ނުކުންނަ ފުރަތަމަ މެޗަށް ވާތީއެވެ.
މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ނުކުޅެވުނު ނަމަވެސް، އެމްބާޕޭ މިހާރު ހުރީ އޭނާގެ އަސްލު ފޯމުގައިކަން، ކުއާޓަރ ފައިނަލުގައި ޑޯޓްމަންޑާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ދައްކުވައިދީފައެވެ. އެ މެޗުގައި، އެމްބާޕޭ ވަނީ 67 ވަނަ މިނެޓުގައި ކުޅެން ނުކުމެ، މޮޅު ކުޅުމެއް ދައްކާ، މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ރީތި އެއް ލަނޑު ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގައި ދެ ޓީމުގެ ފޯމަށް ބަލާއިރު، ރެއާލް މެޑްރިޑް، އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެ ޓީމުގެ ގްރޫޕް ސްޓޭޖް މެޗުތަކަށް ބަލާއިރު، ފުރަތަމަ މެޗުގައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ އަލް-ހިލާލް އާ ބައްދަލުކޮށް، 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ދެވަނަ މެޗުގައި މެކްސިކޯގެ ޕަޗޫކާ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވިއިރު، ތިންވަނަ މެޗުގައި އޮސްޓްރިއާގެ ސަލްޒްބަރގް އަތުން މޮޅުވެފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
ގަދަ ސޯޅައިގައި ރެއާލް މެޑްރިޑް ވާދަކޮށްފައިވަނީ އިޓަލީ ވިލާތުގެ ޔުވެންޓަސް އާއެވެ. ރެއާލް، އެ މެޗު ކާމިޔާބުކޮށްފައި ވަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ، އަދި ހަތަރު ލަނޑާއެކު މުބާރާތުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވާ ޒުވާން ފޯވާޑް، ގޮންޒާލޯ ގާސިއާގެ ލަނޑާއެކު، 1-0 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ޕީއެސްޖީ އާ ދެކޮޅަށް ގާސިއާ ފުރަތަމަ އެގާރައިގައި ހިމެނުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.
ކުއާޓަރ ފައިނަލްގައި ރެއާލް ވަނީ، ޖަރުމަންވިލާތުގެ ބޮރޫޝިއާ ޑޯޓްމަންޑް، 3-2 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.
ޕީއެސްޖީއަށް ބަލާއިރު، އެ ޓީމު އެއް މެޗުން ބަލިވިނަމަވެސް މި މުޅި މުބާރާތުގައިވެސް އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ. އެއީ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ބްރެޒިލްގެ ބޮޓަފޯގޯ އަތުން ބަލިވި މެޗުގައި އެ ޓީމު ކޮޅަށް ވަތް ހަމައެކަނި ލަނޑެވެ. ޕީއެސްޖީ، މުބާރާތުގައި ކުޅުން ފުރަތަމަ މެޗުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް، 4-0 ގެ ބޮޑު ތަފާތަކުން ބަލިކުރުމުން، ދެވަނަ މެޗުގެ ނަތީޖާ ވެގެންދިޔައީ އިތުރު ހައިރާންކަމެއް ގެނުވި ނަތީޖާއަކަށެވެ. ގްރޫޕް ސްޓޭޖުގެ ތިންވަނަ މެޗުގައި ޕީއެސްޖީން ވަނީ ކުޅުން ރަނގަޅުކޮށް، އެމެރިކާގެ ސިއާޓްލް ސައުންޑަރޒް، 2-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.
މުބާރާތުގެ ގަދަ ސޯޅައިގައި ޕީއެސްޖީން ވަނީ މެސީގެ އިންޓަރ މަޔާމީ އަށް ރަނގަޅަށް ކުޅެލާނެ ފުރުސަތެއް ވެސް ނުދީ، 4-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ހުރިހާ ލަނޑެއް ޖެހުމަށްފަހު، ދެވަނަ ހާފުގައި ފެނިގެންދިޔައީ، މަޔާމީ ކުޅުންތެރިންނަށް ބޯޅަ ލިބުނަ ނުދީ، ޕީއެސްޖީ ކުޅުންތެރިން ބޯޅަ ތަޅާލަ ތަޅާލަ ތިބި މަންޒަރެވެ. އަދި، މުބާރާތުގެ ކުއާޓަރ ފައިނަލުގައި ޕީއެސްޖީން ވަނީ ޖަރުމަންވިލާތުގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ބަޔާން މިއުނިކްއާ ވާދަކޮށް، 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. މި މެޗު ވެގެންދިޔައީ، ބަޔާން އަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ޖަރުމަންވިލާތުގެ ފޯވާޑް، ތޮމަސް މުލާ އެ ޓީމަށް ކުޅުނު އެންމެ ފަހު މެޗަށެވެ.
ފީފާ ކްލަބް ވޯލްޑްކަޕުގެ ސެމީ ފައިނަލްގައި ރެއާލް އާއި ޕީއެސްޖީގެ ފޯރިގަދަ މެޗު ކުޅޭނީ، ރާއްޖެ ގަޑިން މިރޭ ދަންވަރު، 12:00 ގައެވެ.