ENGLISH

10 ޖުލައި 2025

Advertisement

ޤައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލްސް ޗެމްޕިއަންކަން އަޒްމީން އާއި ހުޖާން އަށް

08 ޖުލައި 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ އަޒްމީން (ވ) އާއި ހުޖާން. ފޮޓޯ: ސީއޭއެމް

މިހާރު ކުރިއަށްދާ 34 ވަނަ ޤައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން އިސްމާއިލް އަޒްމީން އާއި އިބްރާހިމް ހުޖާން އަލީ ހޯދައިފިއެވެ.

މި ޖުލައި މަހުގެ 4 ގައި ފެށި ޤައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސްގެ އިތުރުން ޓީމް އިވެންޓްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވެއެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް އެރީނާގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓްގެ ފައިނަލްގައި އަޒްމީން އާއި ހުޖާންގެ ޕެއާ ވަނީ ފަހަތުންއަރައި، 2-1 ސެޓުން އާދަމް އަދީލް އާއި އަލީ އާޒިމްގެ ޕެއާ ބަލިކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި 21-20 އިން އަދީލް އާއި އާޒިމްގެ ޕެއާ ކުރިހޯދާފައިވަނިކޮށް، އަޒްމީން އާއި ހުޖާންގެ ޕެއާ ވަނީ ދެން ޖެހިގެންއައި ދެ ސެޓުން 25-06 އަދި 25-12 އިން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދާފައެވެ.

މުބާރާތުގައި ދެން ކުޅުނު އަންހެން ޑަބަލްސް އިވެންޓްގެ ފައިނަލުގައި މިދިޔަ ދެ އަހަރުގެ ޗެމްޕިއަންކަން ހޯދީ އައިމިނަތު ވިދާދް އާއި އައިޝަތު ނަހުފާގެ ޕެއާގެ މައްޗަށް އާމިނަތު ވިޝާމާ އާއި އައިޝަތު ފައިނާޒްގެ ޕެއާ ވަނީ 2-1 ސެޓުން ކުރިހޯދައިފައެވެ.

މެޗުގެ ފުރަތަމަ ސެޓުން 20-18 އިން ވިޝާމާ އާއި ފައިނާޒްގެ ޕެއާ ގެންގޮސްފައިވަނިކޮށް، ދެވަނަ ސެޓުގައި ވިދާދް އާއި ނަހުފާ ވަނީ ފަސޭހަކަމާއެކު 25-05 އިން ކުރިހޯދައިފައެވެ. ނަމަވެސް، ދެންޖެހިގެންއައި ތިން ވަނަ ސެޓުގައި ވިޝާމާ އާއި ފައިނާޒްގެ ޕެއާ އިން 19-15 އިން ކުރިހޯދައި، މެޗު ކާމިޔާބުކުރިއެވެ.

މިކްސް ޑަބަލްސް ޗެމްޕިއަންކަން ޔަމާން އަބްދުލް ޖަލީލް އާއި ފައިނާޒްގެ ޕެއާ ހޯދީ، ފައިނަލްގައި ސީދާ ދެ ސެޓުން އަޒްމީން އާއި އާމިނަތު ސުބާ އާދަމްގެ ޕެއާ ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ޔަމާން އާއި ފައިނާޒްގެ ޕެއާ ކާމިޔާބުކުރީ 23-13 އާއި 23-08 އިންނެވެ.

މި މުބާރާތުގައި މިހާރު ކުރިއަށްދަނީ ޓީމް އިވެންޓްގެ މެޗުތަކެވެ. މި ފަހަރުގެ މުބާރާތުގެ ޓީމް އިވެންޓްގައި ފިރިހެން ޑިވިޝަނުގައި ހަތް ޓީމަކުން ވާދަކުރާއިރު، އަންހެން ޑިވިޝަނުގައި ހަތަރު ޓީމު ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު