ENGLISH

06 ޖުލައި 2025

Advertisement

އިޤްތިޞާދު ސިންދަފާތުކުރުމުގެ ތެރެއިން، ކްރިއޭޓިވް އިކޮނޮމީ ވޯކްޝޮޕެއް ބާއްވައިފި

06 ޖުލައި 2025

|

އިސްމާއީލް ރާތިއު

ކްރިއޭޓިވް އިކޮނޮމީ ވޯކްޝޮޕް ތެރެއިން-- ފޮޓޯ: އެމްއެމްޓީވީ

ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށްޓަކައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރަމުންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، ފަންނުވެރި އަދި އީޖާދީ މަސައްކަތަތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ޓޫރިޒަމް އިންޑަސްޓްރީގައި ހުރި ފުރުސަތުތައް ފަހިކޮށްދިނުމަށް ޚާއްޞަ މަސައްކަތު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ އޭ.ޑީ.ބީގެ ޓެކްނިކަލް އެސިސްޓެންސްގެ ތެރެއިން، ޔޫ.އެން.ޑީޕީ އާއި ބްރިޓިޝް ކައުންސިލްގެ އެހީތެރިކަމާ އެކު ޖުލައި 1 އިން 6 އަށް ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުންތަކެކެވެ. މި ބައްދަލުވުންތަކުގައި ރާއްޖޭގެ ކްރިއޭޓިވް އިންޑަސްޓްރީތަކުގައި ޙަރަކާތްތެރިވާ އެކި ފަންތީގެ ވިޔަފާރިތަކުގެ އިތުރުން، ރިސޯޓުތަކާއި، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި، ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ބައިވެރިވިއެވެ.

މި މަސައްކަތު ބައްދަލުވުންތަކުގެ މައިގަނޑު މަޤުޞަދަކީ "ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓަޖިކް އެކްޝަން ޕްލޭން 2024 – 2028" ގެ ތެރެއިން، ކްރިއޭޓިވް އިކޮނޮމީގައި ޙަރަކާތްތެރިވާ ފަރާތްތަކަށް، ފަތުރުވެރިކަމުގެ ސިނާޢަތުގައިހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ މަގު ތަނަވަސްކޮށްދިނުމުގެ އިތުރުން، ދިވެހި އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓުތަކަށް ގެންދިއުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމާއި، ކަމާގުޅުންހުރި ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރާނެ މަގުތައް ދެނެގަނެ، އެކަންކަން ޙާޞިލުކުރާނެ ގޮތްތައް ކަނޑައެޅުމެވެ.

އެގޮތުން، މި ސެޝަންތަކުގައި އުފެއްދުންތެރި އިޤްތިޞާދުގެ އެކި ދާއިރާތަކުގެ ތަޖުރިބާއާއި ތަޞައްވުރު ހިއްސާކޮށް، ކަނޑައެޅިފައިވާ ސްޓްރެޓެޖިކް ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރިއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ ޚިދުމަތާއި ތަކެތި އުފެއްދުމާއި، ވިޔަފާރީގެ މުއާމަލަތްތައް ހިންގުމުގައި، ދެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް މަންފާ އިތުރުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރިއެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން، ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީގެ ކުރިމަގު ބައްޓަންކުރާނެގޮތާ މެދު އަދި ދުރު ރާސްތާގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ޢަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި، ކަމާގުޅޭ އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުންގެ ލަފާޔާއި މަޝްވަރާ ހޯދިއެވެ.

މި ބައްދަލުވުންތަކުގެ ފުރަތަމަ ދެ ދުވަހު ކުރިއަށްދިޔައީ، ފަތުރުވެރިކަމުގެ ދާއިރާގައި ކްރިއޭޓިވް އިކޮނޮމީ ބޭނުންކުރެވޭނެ ގޮތްތައް ދެނެގަތުމަށް ބޭއްވި ބައްދަލުވުންތަކެކެވެ. މި ބައްދަލުވުންތަކުގައި ޖުމްލަ 14 ރިސޯޓަކުން ބައިވެރިވެފައި ވެއެވެ. ދެވަނަ ދުވަހު ކުރިއަށްދިޔައީ ފުރަތަމަ ދެ ދުވަހުގެ މަޝްވަރާތަކުން ނުކުތް ނަތީޖާތައް، އޮންޓްރޮޕްރޯނަރޝިޕް ސަޕޯޓް އޯގަނައިޒޭޝަން (އީއެސްއޯ) ތަކާއި، އީކޯސިސްޓަމް އެންއޭބްލަރޒް އާ ހިއްސާކޮށް، އެ ނަތީޖާތަކަށް އަމަލީ ސިފައެއް ގެނައުމަށްޓަކައި ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އަދި އެންމެ ފަހު ދުވަހު ކުރިއަށްދިޔައީ އިޤްތިޞާދު ސިންދަފާތުކުރުމާ ބެހޭ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކޮށް، ފަންނުވެރި އަދި އީޖާދީ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދީ، އެ ސިނާޢަތްތައް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ތަޞައްވުރެކެވެ. އަދި އެކަން ހާޞިލްކުރުމަށްޓަކައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި މަސައްކަތު ބައްދަލުވުންތަކަކީ ސަރުކާރުން އިޤުތިޞާދު ސިންދަފާތު ކުރުމަށް ކުރަމުންދާ މަސައްކަތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ މަސައްކަތު ބައްދަލުވުންތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު