ENGLISH

06 ޖުލައި 2025

Advertisement

ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ލޯކަލް އެމްބެސެޑަރުންގެ ގޮތުގައި "2އޮފްއަސް" ހަމަޖައްސައިފި

06 ޖުލައި 2025

|

ޢަލީ ޝަހީމް

ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ލޯކަލް އެމްބެސެޑަރުންގެ ގޮތުގައި '2އޮފްއަސް' ހަމަޖެއްސުން. ފޮޓޯ: އެމްއެމްޕީއާރުސީ

ދިވެހި ފަންނާނުން ބާރުވެރިކުރުވައި، ފަތުރުވެރިކަމުގެ ދާއިރާގައި ބައިވެރިކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްއިން ހުޅުވާލި ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމްގެ ދަށުން، ފުރަތަމަ ލޯކަލް އެމްބެސެޑަރުންގެ ގޮތުގައި '2އޮފްއަސް" މިއުޒިކް ބޭންޑް ހަމަޖައްސައިފިއެވެ. 

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ، ފުރަތަމަ ލޯކަލް އެމްބެސެޑަރުންގެ ގޮތުގައި '2އޮފްއަސް' ބޭންޑް ހޮވިފައިވާ ކަމަށެވެ. ލޯކަލް އެމްބެސެޑަރުންގެ ގޮތުގައި އެ ބޭންޑުން، އިންޑިއާ، ސްރީ ލަންކާ، މެލޭޝިއާ އަދި ފްރާންސްގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޕާފޯމަންސްތައް ހިމެނޭހެން، ހުރިހާ ޝޯއަކާއި އިވެންޓެއްގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރާނެއެވެ. އަދި، ސެޕްޓެމްބަރު މަހު "ބްރިޓަންސް ގޮޓް ޓެލެންޑް 19" ގައި އޮޑިޝަންކުރުމުގެ ދައުވަތު ވެސް އެ ބޭންޑަށް ވަނީ ލިބިފައެވެ. 

ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ލޯކަލް އެމްބެސެޑަރުންގެ ގޮތުގައި ހަމަޖެއްސި '2އޮފްއަސް' ބޭންޑް. ފޮޓޯ: އެމްއެމްޕީއާރުސީ

ވިޒިޓް މޯލްޑިވްސްއިން ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމް އިއުލާންކުރީ، ރާއްޖެ އަކީ ސަގާފީ ގޮތުން ތަނަވަސް މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ދިވެހި ފަންނާނުންނާއި އުފެއްދުންތެރިން ބައިވެރިކޮށް ބާރުވެރިކުރުވުމުގެ މަޤްޞަދުގައެވެ. 

އެމްއެމްޕީއާރުސީއިން ބުނީ، އެ ޕްރޮގްރާމްގެ ސަބަބުން ވިޒިޓް މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ އައިޑެންޓިޓީއާއި ސަގާފަތާއި ތަރިކަ އާއި، ގުދުރަތީ ރީތިކަން ތަފާތު ފަންނުވެރިން ހަރަކާތްތަކުން ދައްކައިދިނުމަށް ރާއްޖޭގެ ހުނަރުވެރި ފަރާތްތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ، ސަގާފީ އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ރާއްޖޭގެ ފަންނާނުންނަށް ހޯދައިދީ، ރާއްޖޭގެ ޙަޤީގީ ވާހަކަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބެލުންތެރިންނާ ހިއްސާކޮށް ދިވެހި ހުނަރުވެރިންގެ އަގުވަޒަންކުރުމަށް ކަމަށް ބުނެފައިވެއެވެ. 

ލޯކަލް އެމްބެސެޑަރުންެ ޕްރޮގްރާމްގެ ދަށުން ހުޅުވާލި ފުރުޞަތުގައި، ފަންނުވެރިކަމާއެކު ރާއްޖެ އިޝްތިހާރު ކުރުމަށް ކޮންމެ ދިވެއްސަކަށް ވެސް އެ ޕްރޮގްރާމަށް ކުރިމަތިލެވޭނެކަމަށް އެމްއެމްޕީއާރުސީއިން ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު