ENGLISH
30 ޖޫން 2025
ބޭރު ފައިސާގެ ސިޔާސަތުން ރާހަތު ލިބެނީ؛ ބީއެމްއެލް ޑެބިޓް ކާޑުތަކުގެ ލިމިޓު 500 ޑޮލަރަށް ބޮޑުކޮށްްފި
30 ޖޫން 2025
|
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ދޫކޮށްފައިވާ ޑެބިޓު ކާޑުތައް ބޭނުންކޮށްްގެން ކުރެވޭ ބޭރު ފައިސާ މުއާމަލާތްތައް މަހެއްގެ މައްޗަށް 250 ޑޮލަރުގައި ހިފަހައްޓާފައި އޮންނަތާ އަހަރުތަކެއްވުމަށްފަހު، އެ ލިމިޓު 500 ޑޮލަރަށް ބޮޑުކުރަން ބީއެމްއެލްއިން ނިންމައިފިއެވެ.
އަންނަ ޖުލައި އެއްވަނަ ދުވަހުން ފެށިގެން ބީއެމްއެލްއިން ޑެބިޓު ކާޑުތަކުގެ ލިމިޓު ބޮޑުކުރަން ނިންމިކަން އިއުލާނުކުރުމާއެކު، ޑެބިޓު ކާޑުތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާކަން ބޭންކުން ފާހަގަކޮށްފައިވެއެވެ.
އަމިއްލަ ބޭނުމަށް ދޫކުރާ ޑެބިޓު ކާޑުތަކުން ވިޔަފާރިކުރުން ހުއްޓުވުމާއި، ޑެބިޓު ކާޑުތައް އެހެން މީހުންނަށް ބޭރުގައި މުއާމަލާތްްތައް ކުރުމަށް ބޭނުންކުރަން ދިނުން ފަދަ ކަންކަން ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމަށް ބީއެމްއެލްއިން ނިންމާފައިވެއެވެ.
އެގޮތުން ޑެބިޓު ކާޑުތަކުން ކުރެވޭ މުއާމަލާތްތައް 500 ޑޮލަރަށް އިތުރުކުރުމާއެކު، ޑެބިޓު ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި އޭޓީއެމްއިން ނަގުދު ފައިސާ ނެގޭނީ މަހެއްގެ މައްޗަށް 150 ޑޮލަރު ކަމަށް ކަނޑައަޅައި ނަގުދު ފައިސާ ނަގާ ކޮންމެ ފަހަރަކު 10 ޑޮލަރުގެ ފީއެއް ނެގުމަށް ނިންމާފައިވެއެވެ.
ބޭންކުން ފާހަގަކުރި ގޮތުގައި ޓެމޫއާއި، ޝެއިންއާއި، އަލީއެކްސްޕްރެސްއާއި، ލަޒާޑާއާއި އީބޭ ފަދަ އީ-ކޮމާސް މަންސަތަކުގައި ދިވެހި ރުފިޔާ ޑެބިޓު ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ބޭރު ފައިސާ މުއާމަލާތްތައް ކޮންމެ މަހަކުވެސް ކުރަމުންދެއެވެ. އެހެންކަމުން ޖުލައި އެއްވަނަ ދުވަހުން ފެށިގެން މި ސައިޓުތަކުގައި ކުރާ މުއާމަލާތްތަކުން 30 އިންސައްތައާ ހަމައަށް ފީއެއް ބޭންކުން ނަގާނެއެވެ.
ހާއްސަަ އީ-ކޮމާސް ސައިޓުތައް ފިޔަވައި އެހެނިހެން ސައިޓުތަކުގައި ކުރާ ވިޔަފާރި މުއާމަލާތްތަކުން މި ފީއެއް ނުނަގާނެއެވެ. ހޮޓާ ބުކްކުރުމާއި، ފުލައިޓު ޓިކެޓު ނެގުމާއި، އެހެނިހެން ވެބްސައިޓުތަކުގެ ހިދުމަތްތަކަށް މަހުން މަހަށް ފައިސާ ދެއްކުން ފަދަ މުއާމަލާތްތަކުން މި ފީއެއް ނުނަގާނެއެވެ. އަދި ޑޮލަރު އެކައުންޓުތަކާ ގުޅުވާފައިވާ ކާޑުތަކައި، ކްރެޑިޓު ކާޑުތަކުން މިފީއެއް ނުނަގާނެއެވެ.
ބޭންކުން ބުނެފައިވަަނީ މަހަކު ދިވެހި ރުފިޔާ ޑެބިޓު ކާޑު ބޭނުންކޮށްގެން ކުރެވޭ ބޭރު ފައިސާގެ މުއާމަލާތްތަކުގެ ލިމިޓު ބޮޑުކުރުމުން އަސާސީ މުދަލާއި ހިދުމަތްތައް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އިތުރަށް ބޭންކުން ބުނީ ކުރިއަށް އޮތް ތަނުގައި ކޮންމެ މަހެއްގެ ފުރަތަމަ ދުވަހު ބޭންކު ކާޑުގެ ލިމިޓު އައުވަމުންދާނެ ކަމަށެވެ.
ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން ކުރިމަތިވި މާލީ ދަތިތަކާއެކު ބޭންކުގެ ޑެބިޓު ކާޑުތަކުގެ ލިމިޓު މަހެއްގެ މައްޗަށް 250 ޑޮލަރަށް ކުޑަކުރުމަށްފަހު ޑޮލަރު ލިބުމުގައި ކުރިމަތިވި ތާށިކަން ހައްލުނުވާތީ އެ ލިމިޓު ބޮޑުކުރެވިފައިނުވެއެވެ. ފާއިތުވި މުއްދަތުގައި އެކަން ހައްލުކުރުމަށް މި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ބީއެމްއެލް ހިމެނޭހެން ބޭންކުތަކަށް ޑޮލަރު ލިބޭ މިންވަރުވަނީ އިތުރުވެފައެވެ.
ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް ސަރުކާރުން ގެނައި އެންމެ ބޮޑު ބަދަލަކީ ބޭރު ފައިސާގެ ގާނޫނެއް އެކުލަވައިލާ، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ރާއްޖޭގެ ބޭންކަކަށް ޖަމާކުރުން ލާޒިމުކުރުމާއި، ބޭރު ފައިސާއިން ލިބޭ އާމްދަނީގެ ވަކި ނިސްބަތެއް ބޭންކުތަކަަށް މާރުކުރުން ލާޒިމުކުރުމެވެ. މި ބަދަލާއެކު ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރު އިތުރުވެ، ޑޮލަރު ބޭނުންކޮށްގެން ބޭންކުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކާއި ބޭރު ފައިސާއިން އާއްމުންނަށް ދޭ ހިދުމަތްތަައް ފުޅާކުރުމަށް މަގުފަހިވިއެވެ.