ENGLISH

02 ޖުލައި 2025

Advertisement

އާ ޓާމިނަލް ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ އިންގިލާބީ ބަދަލަކަށް: އެމްޑީ ޝަރީފް

29 ޖޫން 2025

|

ހަސަން އާމިރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ އިންގިލާބީ ބަދަލަކަށް ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ބޭއްވި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ޝަރީފް ވިދާޅުވީ ކުންފުނީގެ އަމާޒަކީ އާ ޓާމިނަލް އާ އެކު ކުންފުނިން ދެމުން އަންނަ ޚިދުމަތްތައް އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ފައިދާ އިތުރުކުރުން ކަމަށެވެ. އެގޮތުން އާ ޓާމިނަލް ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ އިންގިލާބީ ބަދަލެއް ކަމަށް ވިދާޅުވި އެވެ.

އެމް.އޭ.ސީ.އެލް އިން ފާއިތުވި އަހަރު ހޯދި ކާމިޔާބީއަކީ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އަދި އެގޮތުގައި ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަގީންކަން ކުންފުނީގެ ބޯޑަށާއި މެނޭޖުމަންޓަށް ވަނީ އަރުވައިފައެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން ނިންމާފައި ވަނީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ.

އެމްއޭ.ސީއެލްގެ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުންފުނީގެ ޗެއަރޕާސަން އައިޝާ ނޫރައިން ޖަނާޙް ވިދާޅުވީ އެމްއޭސީއެލް އިން ފާއިތުވި އަހަރު ހޯދާފައިވާ ކާމިޔާބީތަކަކީ ކުންފުންޏަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެމްއޭސީއެލްގެ ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށާއި އުންމީދަކީ އެމްއޭސީއެލްއަށް އިތުރު ކާމިޔާބީތައް ލިބިގެންދިއުން ކަމަށް ވިދާޅުވި އެވެ.

އެމްއޭސީއެލް އަށް މިދިޔަ އަހަރު ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 1.1 ބިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު