ENGLISH

16 ޖޫން 2025

Advertisement

އިސްރާއީލު އީރާނު ހަނގުރާމައާއެކު ތެލުގެ އަގު މައްޗަށް؛ އިތުރަށް އަގު މަތިވުމުގެ ހިރާސް ބޮޑު

15 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ތެޔޮ ޓޭންކަރެއް، ފޮޓޯ: ގެޓީ އިމޭޖްސް

އިސްރާއީލުން އީރާނަށް ދިން ހަމަލާއާއެކު ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ. އެގޮތުން ސާފުނުކުރާ ތެލުގެ އަގު ބަލާ މިންގަނޑެއް ކަމުގައިވާ ބެންޓް ކްރޫޑް 10 އިންސައްތަ މައްޗަށް އުފުލުނެވެ. އެއީ ޖަނަވަރީ ފަހުން އެ ބެންޗްމާކު އެހައި ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ. 

ތެލުގެ ވިޔަފާރިކުރާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އީރާނާއި އިސްރާއީލުގެ މެދުގައި ހަނގުރާމައެއް ފެށިއްޖެނަމަ ތެލުގެ މުއްސަނދިކަން ލިބިފައިވާ މެދުއިރުމަތިން ބައިނަލްއަގުވާމީ ބާޒާރަށް ތެޔޮ ފޯރުކޮށްދިނުމަށް ހުރަސްތަކައެއް އެޅުމެވެ. 

ތެލުގެ އަގަކީ ގޭބީސީތަކުގެ ކަރަންޓު ބިލާއި، ދަތުރުފަތުރާއި، ބާޒާރުގައި ކާބޯތަކެތި ވިއްކާ އަގަށްވެސް އެއިން އަސަރުކުރާ ކަމެކެވެ. 

ހުކުރުދުވަހުގެ ހަމަލާއަށްފަހު ތެލުގެ އަގު ކުޑަކޮށް ތިރިވިއެވެ. އެހެންނަމަވެސް އިއްޔެ ބާޒާރު ބަންދުކުރިއިރުވެސް ބްރެންޓު ކްރޫޑް އޮއިލް ފިފާއެއްގެ އަގުހުރީ ބުރާސްފަތި ދުވަހުގެ އަގަށްވުރެ %7 މަތީގައި 74.23 ޑޮލަރުގައެވެ. ތެލުގެ އަގުތައް އުފުލުނު ނަމަވެސް ފާއިތުވި 2024 ވަނަ އަހަރުގެ މި ދުވަސްވަރު ތެލުގެ އަގު ހުރި މިންވަރާ ބަލާއިރު ތެލުގެ އަގުތައް އުޅެނީ %10 ދަށުގައެވެ. 

އަދި ޔޫކުރައިނަށް ރަޝިޔާއިން އެރުމާ ގުޅިގެން 2022 ވަނަ އަހަރު ތެލުގެ އަގު އުފުލުނު މިންވަރށްވުރެ އަދިވެސް ތެލުގެ އަގު ދަށެވެ. އެފަހަރު ތެލުގެ އަގު އުފުލި ފީފާއެއް 100 ޑޮލަރަށް ވިކުނެވެ. 

ތެލުގެ އަގަށް މުސްތަގުބަލުގައި އަންނާނެ ބަދަލާ ގުޅޭ ގޮތުން ވަންޑާ އިންސައިޓްސްގެ މުހައްލިލު ވަންޑަނާ ހާރީ ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތެލުގެ އަގަށް އަންނަ ބަދަލު ބިނާވާނީ ހަނގުރާމަ ދެމިގެންދާ މުއްދަތާއި، ހަނގުރާމަ ފުޅާވާ މިންވަރެއްގެ މައްޗަށް ކަމުގައެވެ. 

އެގޮތުން ކެޕިޓަލް އެކޮނޮމިކްސްއިން އަންދާޒާކުރާ ގޮތުގައި އީރާނުގެ ތެޔޮ ވަޅުތަކާއި ތެޔޮ ސާފުކުރާ ކާރުހާނާތަކަށް އިސްރާއީލުން ހަމަލާދީފިނަމަ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރާއި 100 ޑޮލަރާ ދެމެދަށް އުފުލުމަކީ އެކަށީގެންވާ ކަމެކެވެ. 

އެ ތަހުލީލުގައި ބުނެފައިވާ ގޮތުން ތެލުގެ އަގު މިފަދައިން އުފުލޭ ހާލަތެއްގައި ތެޔޮ އުފައްދާ އެހެނިހެން ގައުމުތަކުން ތެޔޮ ބޭރުކުރާ މިންވަރު އިތުރުކޮށް ބާޒާރަށް އިތުރަށް ތެޔޮ ނެރެ، ތެލުގެ އަގު ދަށްކުރުމަށް މަސައްކަތްތަކެއް ކުރާނެއެވެ. އަދި އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ތެލުގެ އަގު ދަށްވާނެ ކަމުގައި ބެލެވެއެވެ. 

ތެލާ ގުޅޭ އެންމެ ނުރައްކާ ހާލަތަކަށްވާނީ އީރާނުގެ އައްސޭރިފަށާ ކައިރީ އޮންނަ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރާއި، އެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ބިނާރުތަކަށް ހަމަލާދީފިނަމަ ތެލުގެ ސަޕްލައިއަށް ބުރޫއެރުމެވެ. އެ ހާލަތުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލޭނެއެވެ. 

އެ ކަނޑުއޮޅިއަކީ ދުނިޔޭގެ ކަނޑު މަގުން ކުރާ ވިޔަފާރީގެ މުހިއްމު މަގެކެވެ. ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ތެޔޮ ބައިނަލްއަގުވާމީ ބާޒާރުތަކަށް ވާސިލުވަނީ އެކަނޑުއޮޅި މެދުވެރިކޮށެވެ. ކޮންމެ ވަގުތެއްގައި ދޮޅަހަކަށް ތެޔޮ ޓޭންކަރު އެކަނޑުއޮޅިން ދަތުރުކުރެއެވެ. 

އުތުރުން އީރާު އަދި ދެކުނުން އޮމާނާއި އެކުވެރި އަރަބި އިމާރާތަށް އައްސޭރިވާ މި ހަނި ކަނޑުއޮޅިއަކީ ހަލީޖުގެ ގައުމުތައް ރަތް ކަނޑާ ގުޅުވައިދޭ މުހިއްމު މަގެކެވެ. 

ކިޔުންތެރިންގެ ހިޔާލު