ENGLISH

02 ޖުލައި 2025

Advertisement

ފަތުރުވެރިން އައި މިންވަރު %9.5 މައްޗަށް؛ ލޯ ސީޒަނުގައި އަންނަ ފަތުރުވެރިންވެސް ގިނަވެއްޖެ

15 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ރާއްޖެއަށް އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި، ފޮޓޯ: ސަން

ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 9.5 އިންސައްތަ އިތުރުވުމާއެކު ފާއިތުވި އަހަރުތަކަށްވުރެ މި އަހަރުގެ ލޯ ސީޒަަނުގައި އަންނަ ޓޫރިސްޓުން ގިނަކަން ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

އެ މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ހިނގަމުންދާ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 1،021،280 (އެއް މިލިއަން އެކާވީސްހާސް ދުއިސައްތަ އަށްޑިހަ) ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ފަތުރުވެރިންނާ އަޅާބަލާއިރު 9.5 އިންސައްތަ އިތުރު އަދަދެކެވެ. 

ޖުމްލަކޮށް މި އަހަރު އައި ފަތުރުވެރިންގެ އިތުރަށް މި އަހަރުގެ ލޯ ސީޒަނުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ނިމުނު އަހަރުގެ ލޯ ސީޒަނުގައި ރާއްޖެއަށް އައި ފަތުރުވެރިންނަށްވުރެ އިތުރެވެ. އެގޮތުން  މި އަހަރުގެ މޭ މަހުގައި 135،614 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު ނިމުނު އަހަރުގެ މޭ މަހުގައި ރާއްޖެއަށް ޒިޔާރަތްކުރީ 119،873 ފަތުރުވެރިންނެވެ. އެހެންކަމުން މި އަހަރުގެ މޭ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ނިމުނު އަހަރަށްވުރެ 13.1 އިންސައްތަ އިތުރުވެފައިވެއެވެ. 

ޖޫން މަހައކަީ އާއްމުކޮށް ފަތުރުވެރިން އަންނަ މިންވަރު އެހެނިހެން މަސްތަކަށްވުރެ މަދު މަހަކަށްވީ ނަމަވެސް މި އަހަރުގެ ޖޫން މަހުގެ ފުރަތަމަ 11 ދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ފާއިތުވި ތިން އަހަރު އެ މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންނަށްވުރެ އެކަށީގެންވާ މިންވަރަކަށް އިތުރުވެފައިވެއެވެ. 

އެގޮތުން 2022 ވަނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ 11 ދުވަހު ރާއްޖެއަށ އައީ 40،906 ފަތުރުވެރިންނެވެ. 2023 ގައި 41،550 ފަތުރުވެރިން އައިސްފައިވާއިރު 2024 ގެ އެ މުއްދަތުގައި އައީ 40،153 މީހުންނެވެ. މި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ނިމުނު އަހަރަށްވުރެ 36.8 އިންސައްތަ އިތުރުވެ، 54،922 ފަތުރުވެރިން އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވެއެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ދުވާލަކު އެވެރެޖުކޮށް 6،304 ފަތުރުވެރިން ރާއްޖެއަށް އަންނަމުންދެއެވެ. އަދި ހިނގަމުންދާ ޖޫން މަހުގެ 11 ދުވަހުގައި އެވެރެޖުކޮށް ދުވާލަކު 4،993 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. 

މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި މި އަހަރުގެ ލޯ ސީޒަނުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް އެމްއެމްޕީއާރްސީއާއި ޓޫރިޒަމް މިނިސްޓްރީން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. 

އަހަރު ދެބައިނުވަނީސް އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާތީ މި އަހަރު ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވެވޭނެ ކަމުގައި ބެލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު