ENGLISH
02 ޖުލައި 2025
ރާއްޖޭގެ ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރަކަށް ކެޓްރީނާ ހަމަޖައްސައިފި
10 ޖޫން 2025
|
ކެޓްރީނާ ކައިފް-- ފޮޓޯ: އިންސްޓަގްރާމް
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް، ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރަކަށް ބޮލީވުޑްގެ މަޝްހޫރު ތަރި، ކެޓްރީނާ ކައިފް ހަމަޖައްސައިފިއެވެ.
ވިޒިޓް މޯލްޑިވްސްގެ "ސަމަރ ސޭލް" ފެށިތާ މާ ގިނަ ދުވަހެއް ނުވެ އިއުލާނުކުރި މި ޕާޓްނަރޝިޕުގެ މަގުސަދަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ހިތްގައިމު ދިރުންތަކާއި ހާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރުމަށް ވީހާވެސް ގިނަ ފަތުރުވެރިންނަށް ހިތްވަރުދިނުން ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
ރާއްޖޭގެ ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރު ކަމަށް ހޮވުމުން ކެޓްރީނާ ބުނީ މި މަގާމަށް ހޮވުމަކީ އޭނާއަށް ލިބުނު ޝަރަފެއް ކަމަށާއި ދިވެހިރާއްޖެއަކީ ނަލަކަމާއި ހަމަހިމޭންކަމާ ގުޅިފައިވާ ލަގްޒަރީ އަދި ގުދުރަތީ ރީތިކަމުގެ ރަމްޒެއް ކަމަށެވެ. އަދި މި ޕާޓްނަޝިޕްގެ މަގުސަދަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ދަތުރުފަތުރުގެ އެންމެ ފުރިހަމަ ތަޖުރިބާތައް ލިބެނީ ދިވެހިރާއްޖެއިންކަން ދައްކުވައިދިނުން ކަމަށްވެސް ކެޓްރީނާ ބުންޏެވެ.
ކެޓްރީނާ ކައިފް އަކީ، ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ފަންނާނެއްގެ އިތުރުން، ކާމިޔާބު ވިޔަފާރިވެރިއެކެވެ. ގިނަ ބްލޮކްބަސްޓަރ ފިލްމުތަކެއްގެ ލީޑުން ފެނިފައިވާ ކެޓްރީނާ ވަނީ ފިލްމީ ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާގައިވެސް ޝަރަފުވެރި އެތައް އެވޯޑެއް ހާސިލުކޮށްފައެވެ. ފޯބްސް އައިކަން އޮފް އެކްސެލަންސްގެ ޝަރަފު ހާސިލުކޮށްފައިވާ ކެޓްރީނާ ވަނީ މި ދެ ދާއިރާގައި ވެސް އޭނާގެ ނުފޫޒު ވަރަށް ފުރިހަމައަށް ދައްކުވައިދީފައެވެ.
ސަމަރ ސޭލް ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލަގްޒަރީ ރިސޯޓުތަކާއި ބުޓިކް ގެސްޓްހައުސްތަކާއި އާއިލާތަކަށް އެންމެ ރަނގަޅު އެކޮމޮޑޭޝަންތަކުގައި އެކްސްކްލޫސިވް އޮފަރތަކާއި އަގުހުރި ޑީލްތައް ލިބިގެންދާނެކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އިނގިރޭސިވިލާތް، ރަޝިޔާ އަދި ސީއައިއެސް، ޑީއޭސީއެޗް، ސަރަހައްދު، އިޓަލީ ޕޮލެންޑް، ސްޕެއިން އަދި އިންޑިއާ ފަދަ ދުނިޔޭގެ ބޮޑެތި މާކެޓްތަކުގައި މި ކެމްޕޭން ކުރިއަށްދާނެއެވެ. މި ކެމްޕެއިނުގައި ކުރިއަށް ގެންދާ ހަރަކާތްތައް ފަރުމާކޮށްފައިވަނީ، ހޫނު މޫސުމުގައި ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނަށް ހާއްސަކޮށްގެންނެވެ.
މި ކެމްޕެއިނުގެ މަގުސަދުތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ ޑެސްޓިނޭޝަން ޕްރެޒެންސް އިތުރަށް ހަރުދަނާކޮށް، 2025 ވަނަ އަހަރުގެ ހޫނު މޫސުމުގެ އިތުރުން، އެއަށްފަހުވެސް ބުކިންގތައް އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލުންވެސް ހިމެނޭ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވަނީ މި މަގާމަށް ކެޓްރީނާ ފަދަ ނުފޫޒު ގަދަ މީހަކު ހަމަޖެއްސުމުން އުފާ ކުރައްވާ ކަމަށް ވިދާޅުވެ، ކެޓްރީނާއަށް މަރުހަބާ ކިޔުއްވާފައެވެ.