ENGLISH

07 ޖޫން 2025

Advertisement

އަންނަ އަހަރުގެ އޭޕްރީލް މަހު ބަންގްލަދޭޝްގައި އިންތިޚާބު ބާއްވަން ނިންމައިފި

07 ޖޫން 2025

|

ހަސަން އާމިރު

ބަންގްލަދޭޝްގައި ޢާންމު އިންތިޚާބެއް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ބާއްވަން ނިންމައި، އެކަން އެ ޤައުމުގައި މިހާރު އޮތް އިންތިޤާލީ ސަރުކާރުގެ ވެރިޔާ މުޙައްމަދު ޔޫނުސް އިޢުލާނުކުރައްވައިފިއެވެ.

ބަންގްލަދޭޝްގައި އެތަކެއް ހާސް ދަރިވަރުންތަކެއް ނުކުމެ ކުރި މުޒާހަރާތަކަށްފަހު، ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވެރިކަން ވެއްޓުމުން، އިންތިޤާލީ ސަރުކާރެއް ޤާއިމުކުރީ މިދިޔަ އޯގަސްޓު މަހުއެވެ.

އޭގެފަހުން، ޢާންމު އިންތިޚާބެއް ބާއްވާނެ ތާރީޚެއް އިޢުލާނުކުރަން، ޔޫނުސް އަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. މިގޮތުން، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި، އިދިކޮޅު ސިޔާސީ ފަރާތްތަކުން އިސްވެ، ބަންގްލަދޭޝްގެ އެކި ސަރަޙައްދުތަކުގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ.

އޭގެ ދިފާޢުގައި ޔޫނުސް މިހާތަނަށް ވިދާޅުވެފައިވާ ގޮތުގައި، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރު ކުރަން އޮތް ގޮންޖެހުން ބޮޑެވެ.

އިންތިޚާބު ބޭއްވުމަށްޓަކައި ކުރެވުނު އިސްލާޙީ މަސައްކަތްތައް މުރާޖަޢާ ކުރުމަށްފަހު، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި އިންތިޚާބު ބާއްވަން ނިންމާފައިވާކަން، ޤައުމާ މުޚާތަބު ކުރައްވައި ޔޫނުސް އިޢުލާނުކުރެއްވިއެވެ.

އަދި އިންތިޚާބު ބޭއްވުމާ ގުޅޭ މަގުޗާޓު، އިލެކްޝަންސް ކޮމިޝަނުން ފަހުން އާންމުކުރާނެކަމަށާއި، އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަމެއް ނެތްކަމަށް ވެސް ޔޫނުސް ވިދާޅުވިއެވެ.

ޔުނިވާރސިޓީގެ ދަރިވަރުން އިސްވެ ކުރި މުޒާހަރާއަށް ފަހު، ހެލިކޮޕްޓަރެއްގައި ހަސީނާ ޤައުމު ދޫކުރައްވާ، އިންޑިޔާއަށް ވަޑައިގެންނެވީ، މުޒާހަރާގެ ބައިވެރިން ރިޔާސީ ގަނޑުވަރަށް ވަދެގަތުމުންނެވެ.

އޭގެކުރިން، އެތައް ހަފްތާއަކަށް ދިގުދެމިގެންދިޔަ މުޒާހަރާތަކުގެ ތެރެއިން ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު