ENGLISH

07 ޖޫން 2025

Advertisement

ހަމާސްއާ ދެކޮޅަށް ޣައްޒާގެ ނުރައްކާތެރި ގޭންގުތަކަށް އެހީވާކަމަށް ނަތަންޔާހޫ އިޢުތިރާފުވެއްޖެ

06 ޖޫން 2025

|

ހަސަން އާމިރު

ފަލަސްތީނުގެ ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާޢަތާ ދެކޮޅަށް، ޣައްޒާގައި ހަރަކާތްތެރިވާ ނުރައްކާތެރި ގޭންގުތަކަށް ޔަހޫދީން އެހީވާކަމަށް، އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެއްޖެއެވެ.

ޣައްޒާގައި ހަރަކާތްތެރިވާ އެހީދޭ އެކި ޖަމްޢިއްޔާތަކުގެ އޮފިޝަލުންނަށް ޙަމަލާދިނުމާއި، ރައްޔިތުންނަށް ބަހާ އެހީ ލޫޓުވުން ފަދަ ކަންކަމުގައި ޣައްޒާގައި އުޅޭ ނުރައްކާތެރި ގޭންގުތައް އިޒްރޭލުން ބޭނުންކުރާކަމަށް އަބަދުވެސް ތުހުމަތުކުރެވެއެވެ.

ނަމަވެސް، މިއީ ރަސްމީ ސިފައެއްގައި އެކަމަށް އިޒްރޭލުގެ ސަރުކާރުން އިޢުތިރާފުވި ފުރަތަމަ ފަހަރެވެ.

މިގޮތުން، ރަފާޙްގައި ހަރަކާތްތެރިވާ ގޭންގެއްގައި ހަތިޔާރު އެޅި 100 އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވާ ކަމަށާއި، އެމެރިކާ އާއި އިޒްރޭލު ފަހަތުގައި އޮވެގެން ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި މިދިޔަ ފެބްރުއަރީ މަހު އުފެއްދި ޖަމްޢިއްޔާއިން އެހީ ބެހުމުގެ މަސައްކަތުގައި ވެސް އެ ގޭންގުން ހަރަކާތްތެރިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

މި ގޭންގުތަކަށް އިޒްރޭލު ސިފައިން ވާގިވެރިވަނީ، ސަރުކާރާއި ވަޒީރުންގެ މަޖިލީހުގެ ތާއީދުވެސް ނުހޯދައި ކަމަށް އިޒްރޭލުގެ އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

ނަތަންޔާހޫ މިކަމަށް އެއްބަސްވެފައިވަނީ، އެހީ ބަހާ ސަރަޙައްދުތަކުގައި ލޫޓުވުމާއި ބޮޑެތި ހަމަނުޖެހުންތައް ހިނގައި، ކޮންމެ ދުވަހަކު އެތައް ބަޔަކު ޝަހީދުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެހީ ދޭ މަރުކަޒަތަކަށް އެއްވާ މީހުންގެ ތެރެއިން ބަޑިޖަހައި، މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

އެ ޖަމްޢިއްޔާ އުފެއްދީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ކޮންޓްރޯލް އިޒްރޭލާއި އެމެރިކާގެ އަތް ދަށަށް ގެނައުމަށް ކަމަށް ބުނެ ބައިނަލްއަޤުވާމީ ގިނަ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުންފާޅުކުރަމުންނެވެ.

ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރުކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު