ENGLISH

06 ޖޫން 2025

Advertisement

ޕްރިވިލެޖްޑް މޯލްޑިވްސް ލޯޔަލްޓީ ކާޑް ރީލޯންޗްކޮށްފި

04 ޖޫން 2025

|

ހަސަން އާމިރު

ޕްރިވެލްޖް މޯލްޑިވްސް ކާޑް ރިލޯންޗު ކުރަނީ. --ފޮޓޯ: ނެކްސަސް ހަބް

ރާއްޖޭގެ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް 2020 ވަނަ އަހަރު ތަޢާރަފްކުރި ލޯޔަލްޓީ ޕްރޮގްރާމް، ޕްރިވިލެޖް މޯލްޑިވްސް އަލުން ރީލޯންޗްކޮށްފިއެވެ. 

ކ. ތުލުސްދޫގައި ރޭ ބޭއްވި ހަފުލާގައި ޕްރޮވިލެޖްޑް މޯލްޑިވްސް ލޯޔަލްޓީ ކާޑް ރީލޯންޗްކޮށްފައި ވަނީ ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ އާއި ޕްރިވިލެޖް މޯލްޑިވްސް އަދި ޔޫއައި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު މޫސާ ނާސިހްއެވެ.

ޕްރިވިލެޖްޑް މޯލްޑިވްސްއަކީ ކޮވިޑްގެ ދަތި ދުވަސްވަރު ވިޔަފާރިތަކަށާއި ދިވެހި ފަންނާނުންނަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީވުމުގެ މަގުސަދުގައި ފެށި ލޯޔަލްޓީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ރަޖިސްޓްރީވުމަށް 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހުޅުވާލުމާ އެކު ހަތަރު ގަޑިއިރުގެ ތެރޭގައި 5،000 އަށް ވުރެ ގިނަ މެންބަރުން ރެޖިސްޓްރީކުރުމަށް ހުށަހެޅިއެވެ.

ޕްރިވިލެޖްޑް މޯލްޑިވްސްއިން ބުނީ މި ޕްރޮގްރާމް ފެށި ދުވަސްވަރަކީ ވިޔަފާރިތަކަށް ވަރަށް ދަތި ދުވަސްވަރަކަށް ވުމުން މި ޕްރޮގްރާމް ފެށީ ވިޔަފާރިތައް ޕްރޮމޯޓް ކޮށްދީ އެހީތެރިވެދިނުމުގެ މަގުސަދުގައި ކަމަށެވެ.

ޕްރިވިލެޖްޑް މޯލްޑިވްސްގެ މަގުސަދަކީ މި ޕްރޮގްރާމްގައި ބައިވެރިވާ ވިޔަފާރިތަކާއި ހުނަރުވެރިންނާއި އުފެއްދުންތެރިންނާއި އާޓިސްޓުން އެއް ޕްލެޓްފޯމެއްގެ ތެރެއިން ޕްރޮމޯޓްކުރުމެވެ. އަދި ލޯޔަލްޓީ ކާޑު ބޭނުންކޮށްގެން ރާއްޖޭގެ ވިޔަފާރިތަކުން، މި ޕްލެޓްފޯމްގެ މެންބަރުންނަށް، ޑިސްކައުންޓް ލިބޭނެ މަގުފަހިކުރުމަކީ ވެސް މި ޕްރޮގްރާމްގެ މަގުސަދެކެވެ. އަދި ޚާއްސަ ދުވަސްތަކާ ދިމާކޮށް މި ޕްލެޓްފޯމްގެ ތެރެއިން ތަފާތު ޕްރޮމޯޝަންތައް ވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. 

ނާސިހް ވިދާޅުވީ ދުވަސްކޮޅަކަށް ކުޑަ މަޑުޖެހުމެއް އައުމަށް ފަހު އަލުން ޕްރިވިލެޖްޑް މޯލްޑިވްސް ރީލޯންޗްކުރުމުގެ މަގުސަދަކީ މާލޭގެ އިތުރުން ރަށްރަށުގެ ވިޔަފާރިތަކާއި ހުނަރުވެރިންނާއި ފަންނުވެރިން ގުޅާލަދިނުން ކަމަށެވެ. އަދި ކުރިއާ ޚިލާފަށް މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް މިފަދަ ބައިނަލްއަގުވާމީ ލޯޔަލްޓީ ޕްރޮގްރާމްތަކާ ގުޅުން ބަދަހިކުރުމާއި އެއާޕޯޓް ފަދަ ތަންތަނުގެ ލައުންޖްތަކުން ފުރުސަތު ހޯދައިދިނުމާއި އެ ނޫން ވެސް ތަފާތު ގިނަ ކަންތައްތަކެއް ތައާރަފްކުރާނެ ކަމަށް ނާސިހް ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ފަންނާނުންނާއި އިންފްލުއެންސަރުން ބޭނުންކޮށްގެން ދިވެހި ވިޔަފާރިތައް ޕްރޮމޮޓްކުރުމަށް ރަނގަޅު ޕްލެޓްފޯމަކަށް ޕްރިވިލެޖް ކާޑް ވެގެންދާނެ ކަމަށެވެ. 

ޕްރިވިލެޖްޑް މޯލްޑިވްސްއިން ބުނީ "ޕްރިވިލެޖްޑް" ކާޑުގެ ޚިދުމަތްތައް ތިން ބަޔަކަށް ލިބޭނެ ކަމަށެވެ. އެއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ދިވެހިންނާއި ޓޫރިސްޓުންނެވެ. "ޕްރިވިލެޖްޑް ކާޑު" ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެސް ބޭނުން ކުރެވޭ ގޮތަށް ކަމަށް ޕްރިވިލެޖް މޯލްޑިވްސްއިން ބުންޏެވެ. އަދި ވިޔަފާރި ކުރަމުންދާ ވަރަކުން ކާޑަށް ޕޮއިންޓް އިތުރު ވަމުންދާނެ ކަމަށާއި، މި ޕޮއިންޓްތައް ރެޑީމްކުރެވޭނެ ކަމަށް ވެސް ޕްރިވިލެޖްޑް މޯލްޑިވްސްއިން ބުންޏެވެ. 

ނާސިހް ވިދާޅުވީ ކުރިން ހަމައެކަނި ދޫކުރީ ޑިޖިޓަލް ކާޑެއް ކަމަށާއި ނަމަވެސް މިހާރު ޑިޖިޓަލް ލޮގިންއަކާ އެކު ފިޒިކަލް ކާޑް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ކާޑުން ޑިސްކައުންޓް ލިބޭނެ ތަންތަނުގެ ތެރޭގައި މާލެ އާއި ރަށްރަށުގެ ރެސްޓޯރެންޓްތަކާއި ގެސްޓްހައުސްތަކާއި ރިޓެއިލް ފިހާރަތައް ވެސް ހިމެނެއެވެ. 

ޕްރިވިލެޖްޑް މޯލްޑިވްސްގެ ސޯޝަލް މީޑިއާގެ އެކްސްޕޯޝަރ 45،000 އަށް ވުރެ އިތުރެވެ. 

ކިޔުންތެރިންގެ ހިޔާލު